އެމިރޭޓްސްއިން ފަސްލައްކައަށް ވުރެ ގިނަ ފަސިންޖަރުންނަށް ރިފަންޑު ދެނީ

އެމިރޭޓްސްގެ ފްލައިޓެއް ވީއައިއޭގައި ---- ސަން ފޮޓޯ

ކޮވިޑް19 އާއި ގުޅިގެން ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ފަސް ލައްކައަށް ވުރެ ގިނަ މީހުން ރިފަންޑަށް އެދިފައިވާ ކަމަށާއި މި ހުރިހާ ފަސިންޖަރުންގެ ކެންސަލޭޝަން ރިފަންޑު ޕްރޮސެސްކޮށް ނިމޭނީ އޮގަސްޓު މަހާއި ހިސާބުގައި ކަމަށް އެމިރޭޓްސްއިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން އެމިރޭޓްސްއިން ބުނީ ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައި ހީނަރުކަމުގެ ކުރިން މަހެއްގެ މައްޗަށް އެ އެއާލައިނުގެ 35،000 ބުކިންގްސް ކެންސަލްވާކަމަށެވެ. ނަމަވެސް ކޮވިޑް19 ގެ ބިރުވެރިކަން ފެތުރެން ފެށުމާއެކު މަހެއްގެ މައްޗަށް 150،000 އަށްވުރެ ގިނަ ކެންސަލޭޝަންސް އަންނަން ފެށިކަމަށް އެ އެއާލައިނުން ބުންޏެވެ.

އެމިރޭޓްސްއިން ބުނީ ދަތުރުތައް މަދުވެ، ބަލިމަޑުކަމުގެ ސަބަބުން ކުރިން ބުކިންގްސް ހަދާފައިވާ ގިނަ ފަސިންޖަރުންތަކެއްގެ ބުކިންގްސް ކެންސަލް ކުރަމުންދާ ކަމަށެވެ. މިއީ ދަތި އުނދަގޫ ހާލަތެއް ކަމަށާއި ކެންސަލޭޝަންސް އަދި ރިފަންޑަށް އެދިފައިވާ ހުރިހާ ފަސިންޖަރުންނަށް ރިފަންޑު ދޭނެ ކަމަށް އެމިރޭޓްސްއިން ބުންޏެވެ.

އެމިރޭޓްސްއިން ވަނީ ފަސިންޖަރުންނަށް ޓިކެޓުގެ ތާރީހު ބަދަލުކުރެވޭނެ އޮފާއެއްވެސް ތައާރަފު ކޮށްފައެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރު 30ގެ ކުރިން ދަތުރުކުރުމަށް ޖޫން 30ގެ ކުރިން ބުކްކުރާ ޓިކެޓުގައި ދަތުރުކުރުން 24 މަހަށް (ދެ އަހަރަށް) ލަސްކުރެވޭނެ އޮޕްޝަނެއް ވަނީ ތައާރަފު ކޮށްފައެވެ.

ރީފަންޑު އަދި ކެންސަލޭޝަންއަށް އެދޭ ފަސިންޖަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެކަމަށް އެމިރޭޓްސްއިން ބުންޏެވެ.

އެމިރޭޓްސްއިން މިހާރު އޮޕަރޭޓު ކުރަނި ރީޕަޓްރިއޭޝަން ފްލައިޓްސް އަދި ކާގޯ ފްލައިޓުތައް އެކަންޏެވެ.

ކޮވިޑް19 ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް ހުއްޓި އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

comment ކޮމެންޓް