އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަނެއްކާ ވެސް އިތުރުކޮށްފި

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި ---- ސަން ފޮޓޯ

އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަނެއްކާވެސް އިތުރު ކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއަދުން ފެށިގެން އެމިރޭޓްސް އިން ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓު ބާއްވާނެ ކަމަށެވެ. މިއާއެކު އެމިރޭޓްސް އިން ދުވާލަކު 1400 އަށްވުރެ ގިނަ ސީޓް ކެޕޭސިޓީގައި ރާއްޖެއަށް ދަތުރު ކުރާނެއެވެ.

އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 777 މަރުކާގެ މަތިންދާ ބޯޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން އުފުލާ އެއާލައިނަކީ އެމިރޭޓްސް އެވެ. ޖުލައި 15 އިން ޑިސެމްބަރު 14 ގެ ނިޔަލަށް އެ އެއާލައިނުން 33،769 ފަސިންޖަރުން ރާއްޖެ އުފުލާފައިވެއެވެ. އެއީ 352 މޫވްމަންޓެވެ.

ރާއްޖެއަށް މިވަގުތު 20 އިންޓަނޭޝަނަލް އެއާލައިނަކުން ދަތުރުކުރާއިރު ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ އެއާކްރާފްޓުތައް އަޕްގްރޭޑުކޮށް، ދަތުރުތައް އިތުރުކޮށްފައިވެއެވެ. އިއްޔެގެ ނިޔަލަށް 501،674 ފަތުރުވެރިން މިއަހަރު ތެރޭ ރާއްޖެ އައިސްފައި ވެއެވެ.

comment ކޮމެންޓް