ކޮވިޑް-19ގެ ސަބަބުން ދިމާވާ ކަންކަމުގައި ހާލުގައި ޖެހޭ މީހުން ބައިތިއްބާ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލޭގެ ދެ ސްކޫލެއް ބޭނުން ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ގެއިން ނެރެގެން ނުވަތަ އެހެނިހެން ސަބަބުތަކާ ހުރެ ހާލުގައި ޖެހޭ މީހުން ބައިތިއްބަން އެންމެ ފުރަތަމަ ބޭނުން ކުރި ސްކޫލަކީ އިމާދުއްދީން ސްކޫލެވެ. އެ ސްކޫލުގެ އިތުރުން، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުވެސް ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނީ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީތެރިކަމާ އެކު ވަގުތީ ހިޔާތަކަށް ބަަދަލުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޣާޒީ ސްކޫލު މިހާރު ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހުންނަ ހުޅުމާލޭ ފުޓުބޯލް ސްކޫލުގެ އެކޮމަޑޭޝަން ބްލޮކުގެ 24 ކޮޓަރިއެއްވެސް ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިއަދު ޔޫތު މިނިސްޓްރީއިން ވަނި ބުނެފައެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލައި ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ކުލި ދައްކަން ދަތިވެފައެވެ. ބައެއް ބިންވެރިން، ކުލި ކުޑަކޮށްދިން ނަމަވެސް، އަނެއްބައި މީހުން މި ހާލަތުގައި ދަނީ ކުލި ނުދެއްކޭ މީހުން ގެއިން ނެރެމުންނެވެ.
އެމައްސަލަ ބޮޑުވެގެން އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. އެ ޖަމްއިއްޔާ އިން ވަނީީ މިހާލަތުގައި ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭނެ ގޮތަކަށް ވަގުތީ ގާނޫނެއް ހަދައި ދިނުމަށް އެދިފައެވެ.
ކުލި ނުދައްކައިގެން ބޭރުކުރުމުގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބައެއް މީހުން މަގުމަތިވެ ހާލުގައި ޖެހުނެވެ. އޭގެ ތެރޭގައި އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައަން ކުރުމުން މާލެއިން ނުފުރި ތާށިވެފައިވާ މީހުން ހިމެނެއެވެ. އެފަދަ މީހުން ބޭތިއްބުމަށް ގަލޮޅު ދަނޑުވެސް ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައެވެ.