ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑުމާއި ގުޅިގެން މިއަދު ބާއްވަން އޮތް ޖަލްސާ ކެންސަލް ކޮށް މާދަމާ ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 11:00 އިރުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.
ނަމަވެސް އެ ޖަލްސާ މިއަދު ބޭއްވެން ނެތް ކަން ފާހަގަކޮށް މަޖިލީހުގެ އިދާރާއިން ބުނީ، ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަމުންދާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާގައި ބާއްވާފައެއް ނުވެއެވެ. އޭގެ ކުރީ ހަފްތާގައި ޖަލްސާތައް ބޭއްވީ މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށެވެ. މިއަދުގެ ޖަލްސާ ވެސް ބާއްވަން ނިންމާފައި އޮތީ އޮންލައިން ކޮށެވެ. ނަމަވެސް މަޖިލީހުގެ ރައީސްއާއި ބައެއް އިދާރީ މުވައްޒަފުން ތިއްބަވަނީ މަޖިލިސްކުރާ ގޭގަ އެވެ.
މިއަދުގެ ޖަލްސާގައި ތާވަލްކޮށްފައި އޮތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލުގެ ބަހުސާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
މީގެ އިތުރުން ވެސް އިތުރު ބައެއް ބަހުސްތައް މިއަދަށް އެޖެންޑާކޮށްފައިވެއެވެ.
ކޮވިޑް-19އާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތުމަށްފަހު އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މަހުގެ 31 ގައެވެ. ކޮމެޓީތައް ވެސް ކުރިއަށް ގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.
މަޖިލީހުގެ ތަޅުމުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ޖަލްސާގައި ވަނީ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މެމްބަރުންނާއެކު މަޝްވަރާކުރައްވައިފައެވެ.