މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނެގުމަކީ ދަށުދަރަޖައިގެ އަމަލެއް، ފުރުސަތެއް ނުދޭނަން: ޝަމާލް

ސަލާމަތީ ބާރުތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން ޖިނާއީ ކުށްތައް ކުރުމުގެ ފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖޭރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ފުލް ކޮމިޓްމަންޓާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކަހަލަ ނާޒުކު ފައްތަރެއްގައި ރައްޔިތުން ނިކަމެތިވެފައި ތިބި ވަގުތެއްގައި އެއްވެސް ފަރާތަކުން މީގެ ނާޖާއިޒު ފައިދާ ނަގާކަން އަޅުގަނޑުމެން ދެ މުއައްސަސާއަށް ވެސް އަދި ވަކިން ހާއްސަކޮށް ސަލާމަތީ ހިދުމަތްތަކުން އެ ފުރުސަތެއް ނުދޭނަކަން އަޅުގަނޑު ޔަގީންކަން އަރުވަން،"

ގައުމީ ސަލާމަތް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކުން ކުރަމުން އަންނަކަން ފާހަގަކޮށް ޝަމީލް ވިދާޅުވީ، ރައްޔިތުން ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި ފުލުހުންނާއި ސިފައިން ގުރުބާންވާން ތައްޔާރަށް ހުރި ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުން މެދުނުކެނޑި މަސައްކަތް ކުރަމުންއަންނަތާ ދެތިން މަސް ދުވަސް ވެފައިވާކަން ޝަމީލް ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

"ކޮވިޑަށް އަޅުގަނޑުމެންގެ ފޯކަސް ހުރިކަމުގައި ވިޔަސް އެއްވެސް ފަރާތަކުން ހީފުޅު ނުކުރައްވައްޗޭ މީގެ ނާޖާއިޒް ފައިދާ ނަންގަވައިގެން ގައުމީ ސަލާމަތައް އެއްވެސް ކަހަލަ ނުރައްކަލެއް ގެނައުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް. އެގޮތަށް ވިސްނައިފިކަމުގައިވަނީ ނަމަ އެއީ ވަރަށް ދެރަކަމެއް. މިއީ ވަރަށް ނާޒުކު ދަނޑިވަޅެއް. ވަރަށް ނިކަމެތިކޮށް ރައްޔިތުންތިބި ވަގުތެއްގައި އެކަހަލަ ކަމެއް ކުރާ ކަމުގައިވަނީ ނަމަ މިއީ ވަރަށް ދެރަކަމެއް،" ޝަމާލް ވިދާޅުވި އެވެ.

އެގޮތުން އދ. މަހުބަދޫ ބަނދަރު ތެރޭގައި އަޅާފައު ހުރި ލޯންޗުތަކެއްގައި ރޯކޮށްލި އިރު ސީ އެމްބިއުލެއިންސް ލޯންޗެއް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއާ މެދު ވިސްނާލުމަށް ޝަމާލް އެދިވަޑައިގަތެވެ.

"ސީ އެމްބިއުލެއިންސް މިއީ އެންމެ އިންޓެންސިވްކޮށް މިހާރު ބޭނުންކުރާ އެކަތި،" ޝަމާލް ވިދާޅުވި އެވެ.

އެފަދަ އަމަލުތައް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަން ވަރަށް ސާފުކޮށް އަންގަން ބޭނުންވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

comment ކޮމެންޓް