ކުޑަކުދިންގެ ހިޔާގައި ރަނގަޅު ކުރަން ޖެހޭ 34 ކަމެއް ރައީސަށް ހުށަހަޅައިފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ: އެތަނުގައި ރަނގަޅު ކުރަން ޖެހޭ 34 ކަމެއް ކޮމިޝަނުން ވަނީ ފާހަގަކޮށްފައި --- ސަން ފައިލް ފޮޓޯ

ކުޑަކުދިންގެ ހިޔާގައި އިސްލާހުކުރަންޖެހޭ 34 ކަމެއް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ކަމާއި ގުޅޭ އިދާރާތަކަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވާނެ ކަމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް މިއަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު ރައިސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުގެ މަސައްކަތްތައް ރާވައި ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް އެކުލަވާލައި އެ ޕްލޭނާ އެއްގޮތަށް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ ދައުލަތުގެ ހަތް އިދާރާއަކާއި ބައްދަލުކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ނިޒާމީ ސިފައެއްގައި އެ އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށްފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ ހަތަރު މަރުކަޒަކަށް ވެސް އެ ކޮމިޝަނުގެ ފަރާތުން ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަނެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުގައި އެ ތަނުގެ އާންމު ސާފުތާހިރުކަމާއި ތަނުގެ ސެކިއުރިޓީއާއި ތަނުގެ ހިންގުމާއި އަދި ކުދިންނަށް ލިބޭ ހިދުމަތްތަކާގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެކަންކަން އިސްލާހުކުރުމަކީ ކުޑަކުދިންގެ ހިޔާގައި މިހާރުތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައިވާތީ އެ ކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް ކުޑަކުދިންގެ ހިޔާއާގުޅޭ ރިޕޯޓެއް ކޮމިޝަނުން ވަނީ އެކުލަވާލަފަ އެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިސްލާހުކޮށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ 34 ކަމެއް ބަޔާންކޮށްފައިވާ ރިޕޯޓް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ހިއްސާ ކޮށްފަ އެވެ. އަދި އެކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކުޑަކުދިން ޝާމިލްވާ މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖާސްތައް ރިވިއުކުރުމާއި ކުޑަކުދިންގެ ހައްގުތަކަށް އިހުމާލުވެފައިވާ ވަކި ވަކި މައްސަލަތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަ ކަން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް