ލ. މާމެންދޫ ކައުންސިލްގެ ރައީސް، އަބްދުލް މުހްސިން މުހައްމަދު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
މުހްސިން 'ސަން' އަށް ވިދާޅުވީ، އޭނާ ކައުންސިލަރުގެ މަގާމުން އިސްތިއުފާ ދެއްވީ، ހާލަތު ހުރި ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތު މިވަގުތު އަދާކުރެވެން ނެތުމުން ކަމަށެވެ.
"އަޅުގަނޑަކީ މައްސޫލިއްޔަތު އަދާނުކުރެވޭ ނަމަ އެ މަގާމެއްގައި ހުންނާނެ މީހެއް ނޫން،" ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މުހްސިން ވިދާޅުވި އެވެ.
މިހާރު ތިބިި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާނެ އެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އެ ތާރީހުގެ ކުރިން އިންތިހާބު ބޭއްވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެހެންކަމުން ގާނޫނީ ހުސްކަމަކުން ސަލާމަތްވުމަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ބިލް ފާސްވުމުން ކައުންސިލް އިންތިހާބް ފަސްކުރުމުގެ ގާނޫނީ ބާރު ލިބި މިހާރު ތިބި ކައުންސިލަރުންނާއި މެދު ކަން ކުރާނެ ގޮތެއް އެނގިގެންދާނެއެވެ.