ސަރުކާރުން ކައުންސިލުތަކުގެ އަގު ވައްޓާލާތީ، ކައުންސިލުތަކަށް ޒުވާނުން ކުރިމަތިލާން ފަސްޖެހޭ ކަމަށް އައްޑޫ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިގޮތަށް ވިދާޅުވީ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި، ވީޑިއޯ ކޯލްއެއްގެ ޒަރީޔާއިން ދެއްކެވި ވާހަކައިގައެވެ.
ނިޒާރު ވަނީ ކައުންސިލުތަކާ ދޭތެރޭ އޮންނަ އިތުބާރު ކަނޑާލަން ސަރުކާރުން އެތައް ވާހަކަތަކެއް ދައްކާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ރަށްރަށް މާކެޓުކުރުމަށް ކައުންސިލުތަކުން ކުރާ ދަތުރުތަކާ ގުޅޭގޮތުން ކިތަންމެ ބޭކާރު ވާހަކަތަކެއް ދައްކާ ކަމަށް ވިދާޅުވިއެވެ.
"އެއީ ނުރުހޭ ކަމެއް ކަމަށް ހަދާ ކައުންސިލުތަކުގެ އަގު ވައްޓާލަން ތަކުރާރުކޮށް މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވަނީ ކައުންސިލުތަކަށް ކުރިމަތިލާނެ ރަނގަޅު ޒުވާނުން ނުލިބުން," ނިޒާރު ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ނިޒާރާ ރައީސް މުއިއްޒު ސަލާންކުރައްވަނީ: ---- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން، ނިޒާރު ވިދާޅުވިގޮތުގައި އަތޮޅު ކައުންސިލުތައް އުވާލުމަކީ އެެއްވެސް ބަޔަކު ތާއީދުކުރި ކަމެއް ނޫނެވެ. އެއްވެސް މަޝްވަރާއެއް ނެތި، ރަށު ކައުންސިލުތަކާ ލޯކަލް ގަވަނަންސް މިނިސްޓްރީން ހަވާލުވެދާނެތީ، ނިޒާރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެލްޖީއޭގެ ގޮފިތައް އަތޮޅުތަކުގައި ހުޅުވާލާނެ ކަމަށެވެ. މި ގޮފިތަކުގައި މަސައްކަތްކުރާނީ މާލެއިން ކަނޑައަޅާ އެންވޯއީ ނުވަތަ ގަވަރުނަރެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
ސަރުކާރުން ބުނަމުންދިޔައީ އަތޮޅު ކައުންސިލުތައް އުވާލުމުން ވަރަށް ޚަރަދު ކުޑަވާނެ ކަމަށެވެ. އެހެން ނަމަވެސް، ނިޒާރު ވަނީ އަތޮޅު ކައުންސިލުތައް އެކުލަވަނީ އެ އަތޮޅެއްގެ ރަށު ކައުންސިލު ރައީސުންގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އަދި އިތުރަށް މުސާރަ ދެނީ ހަމައެކަނި އަތޮޅު ކައުންސިލު ރައީސްއަށް ކަމަށާއި އަތޮޅު ކައުންސިލު މުވައްޒަފުން ވަޒީފާއިން ވަކިނުކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރުމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އަންގާފައި ވިޔަސް، ބައެއް ކައުންސިލްތަކުން ޔޫއޭއީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ދަތުރުކޮށްފައިވެއެވެ.
މި އަހަރުގެ އޮގަސްޓް މަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޖުރިބާގެ ދަތުރުގެ ނަމުގައި ކައުންސިލުތަކުން ބޭކާރު ހަރަދު ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. ރައީސް މިގޮތަށް ވިދާޅުވީ ބ. ކެންދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެގޮތުން، ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާއިން މިފަދަ ދަތުރުތައް ކައުންސިލުތަކުން ކުރާތީ، ރައީސް ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.