ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރު ކުރި ދެ ދިވެހީން އެރަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކުއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް ރައްޔިތަކަށް ހަމަލަދީގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން 38 އަހަރާއި 48 އަހަރުގެ ދެ ދިވެހީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފައެވެ.
އެކަމާ ގުޅިގެން ޕިޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ދިވެހިން ކޯޓުން ދޫކޮށްލީ އެ މައްސަލައާ ގުޅިގެން ހެކިވެސް ހުށަހަޅާފައިވަނިކޮށް ކަމަށާއި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
އެމައްސަލައިގައި ހުށަހެޅި ބައެއް މައުލޫމާތުތައް ހުށަނާޅާކަމަށް ބުނެފައިވާތީ، ހަގީގަތާ ޚިލާފު ކަމެއްގެ މައްޗަށް މައްސަލައިގައި ގޮތް ނިންމަވާތީ، އެމައްސަލަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއިން ބަލައިދިނުން އެދި ހުށަހަޅާނެކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް މީގެކުރިން ވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ، މާރާމާރީގައި ބިދޭސީ މީހާގެ ނޭފަތްމަތިން ފަޅައިގެން ގޮސް ދުޅަވުމުގެ އިތުރުން ވާއަތު ލޯކައިރިން ފަޅައިގެން ގޮސް މުޅި މޫނުމަތި ވެސް ދުޅަވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މުއަދަތުގެ މަޖިލީހަށް އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި ޑޮކްޓަރުގެ ލިއުމާއި މަންޒަރު ދުށްފަރާތުގެ ބަޔާން ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވީ، 48 އަހަރުގެ ދިވެހި ފިރިހެން މީހާ ދިރުއުޅޭގޭގައި ހުރި ގަސްތަކަށް އޭނަ ފެން ދޭން އުޅުމުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅޭ މެޝިންތަކަށް ފެން ބުރުމުން ބިދޭސީ މީހާ އެ ޝަކުވާ ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.