ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އިތުރު 5،000 ޓެސްޓު ކިޓް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯއިން ޓެސްޓް ކިޓް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފި އެވެ.

ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޓެސްޓް ކިޓުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ކިޓްތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރު އެވެ.

ރާއްޖޭގެ ޓެސްޓް ކުރުމުގެ ކެޕޭސިޓީ ފުޅާކުރުމަށްޓަކައި މީގެކުރީން ދެ ފަހަރެއްގެ މަތީން ވަނީ ޓެސްޓް ކިޓް ހަވާލުކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 15ގައި ޑަބްލިއުއެޗްއޯއިން ވަނީ 5،000 ޓެސްޓު ކިޓު ހަވާލުކޮށްފައެވެ. އަދި އޭގެ ކުރީން ވަނީ 1،000 ޓެސްޓު ކިޓު ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަވާލުކޮށްފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ވަނީ 1،500 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ އައިޖީއެމްއެޗުގައި ޓެސްޓު ހެދުމަށްޓަކައި ޓީމުން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތްކޮށް މިހާރު ދުވާލެއްގެ މައްޗަށް 200 ޓެސްޓު ހެދުމުގެ ގާބިލުކަން ހުރި ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތްކުރަމުން ދަނީ ޓެސްޓު ހެދުމަށް ބޭނުންވާ އިތުރު މެޝިނެއް ގެނެސް ޓެސްޓުކުރުމުގެ ގާބިލިއްޔަތު ދުވަހެއްގެ މައްޗަށް 300 އަށް އިތުރުކުރުން ކަމަށެވެ.

comment ކޮމެންޓް