ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު ރަނގަޅުވާނެ ކަމަށް އޭޑީބީން ލަފާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ޓޫރިސްޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، އިގްތިސާދަށް އަރާފައިވާ ލޮޅުން އަންނަ އަހަރު އިޔާދަކުރެވޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފި އެވެ.

އޭޑީބީން އިއްޔެ އާންމުކުރި އޭޝިއަން ޑިވެލޮޕްމަންޓް އައުުޓްލުކް 2020 އަޕްޑޭޓްގައި ބުނެފައިވަނީ ކޮރޯނާވައިރަހުގެ ސަބަބުން ކުރިއަރަމުން އަންނަ އޭޝިޔާގެ އިގްތިސާދީ ކުރިއެރުން މި އަހަރު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށާއި، އިގްތިސާދު ހަމައަކަށް އެޅެން ފަށާނީ 2021 ވަނަ އަހަރު ކަމަށެވެ.

އޭޑީބީގެ އަޕްޑޭޓުގައި ލަފާކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި އަހަރު މައިނަސް ތިނަކަށް ވެއްޓޭނެ ކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ 6.9 ޕަސެންޓުގަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ 5.7 ޕަސެންޓުގައެވެ.

ކޮވިޑް19 ގެ ސަބަބުން ފަތުރުވެރިކަން ހީނަރުވުމާ ގުޅިގެން އިގްތިސާދު މިހާބޮޑަށް ދަށްވި ނަމަވެސް، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 7.5 ގައި ހުންނާނެ ކަމަށް އޭޑީބީން ވަނީ އަންދާޒާކޮށްފަ އެވެ.

މިއީ މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އޭޑީބީން ކުރިން ލަފާކުރި މިންވަރެވެ.

އޭޑީބީން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 1.0 ޕަސެންޓުގަ އެވެ. އަދި 2021 ވަނަ އަހަރު އިންފްލޭޝަން 1.2 ޕަސެންޓަށް އުފުލޭނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އޭޑީބީން އަންދާޒާކޮށްފައި ވަނީ މި އަހަރު މުޅި އޭޝިޔާގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 5.5 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން، އޭޝިޔާގެ އިގްތިސާދީ ކުރިއެރުން މި އަހަރު ހުންނާނީ 2.2 ޕަސެންޓުގައިި ކަމަށް އޭޑީބީން މިހާރު ލަފާކުރެ އެވެ.

ނަމަވެސް މި އަހަރުގެ ތެރޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވި، ދުނިޔެ ހަމައަކަށް އެޅިއްޖެ ނަމަ، އަންނަ އަހަރުު އޭޝިޔާގެ އިގްތިސާދީ ކުރިއެރުން 6.2 ޕަސެންޓުގައި ހުންނާނެ ކަމަށް އޭޑީބީން އަންދާޒާކުރެ އެވެ.

އޭޑީބީން ލަފާކޮށްފައިވާ ގޮތުގައި ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ އިގްތިސާދީ ކުރިއެރުން މި އަހަރު 4.1 ޕަސެންޓަށް ވެއްޓުނު ނަމަވެސް، އަންނަ އަހަރު 6.0 ޕަސެންޓުގައި ހުންނާނެ އެވެ. ދެކުނު އޭޝިޔާގެ އިގްތިސާދީ ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އިންޑިއާގެ އިގްތިސާދެވެ.

ކޮރޯނާވައިރަހުގެ ހާލަތާ ގުޅިގެން ޓޫރިޒަމަށް އަސަރުކޮށްފައިވާތީ، ދިވެހި ދައުލަތުގެ މިއަހަރުގެ ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓު ޑެފިސިޓް އަށް ފައިނޭންސް ކުރަން އެތެރޭގެ ފަރާތްތަކުން އަދި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ވޯލްޑް ބޭންކް މެދުވެރިކޮށް އެހީތެރިކަން ހޯދުމަށް ތައްޔާރުކަމަށް މިނިސްޓަރު ވިދާޅުވި އިރު، ވޯލްޑް ބޭންކުން ވަނީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އިތުރު 7.3 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފަަ އެވެ.

މީގެ ކުރިން އެ ބޭންކުން ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން 10 މިލިއަން ޑޮލަރުގެ އެހީ އެއް ހަމަޖައްސާފަ އެވެ. މިއާއެކު މި ކާރިސާއާ ގުޅިގެން ވޯލްޑްބޭންކުން ދޭ އެހީގެ ޖުމްލަ އަދަދަކީ، 17.3 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް