ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކޮށް، 25 ޕަސެންޓާ ހަމައަށް ރުފިޔާއިން ފައިދާ ހޯދުމުގެ ފުރުސަތެއް

ބީއެމްއެލްގެ ސީއީއޯ ޝަރީފް: ބީއެމްއެލްއިން ރުފިޔާއިން 25 ޕަސެންޓާ ހަމައަށް ފައިދާ ދޭ ގޮތަށް، ޑޮލަރު ގަންނަން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރު އިންވެސްޓްކޮށް، 25 ޕަސެންޓާ ހަމައަށް ރުފިޔާއިން ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގައި ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ބެންކުގައި ޑޮލަރު އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕްއާއި އިންޓަނެޓް ބޭންކިން ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ކޮންމެ ދުވަހަކަށް ހުޅުވާލެވޭ، އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބެންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ޑޮލަރު އިންވެސްޓް ކުރުމުން، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ.

އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، 25 ޕަސެންޓާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ބެންކުން ބުންޏެވެ.

ބީއެމްއެލްއިން ރުފިޔާއިން 25 ޕަސެންޓާ ހަމައަށް ފައިދާ ދޭ ގޮތަށް، ޑޮލަރު ގަންނަން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

'ޗެޓް ވިތު ސީއީއޯ' ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު މިވަނީ ދެ ގުނައަށްވުރެ ވެސް ބޮޑުވެފައި. ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިންލައްކައާ ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދޭ." ޝަރީފް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް އިތުރުވުމެވެ. އެއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

ބީއެމްއެލްއިން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުހެޔޮވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް." ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިން އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް ކަމަށެވެ. މިއާއެކު ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާއެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި، ކާޑުގެ ވިޔަފާރިން ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބެއެވެ. ކާޑުގެ މުޢާމަލާތްތައް އިތުރުވުމަކީ ބޭންކުގެ ފައިދާ އިތުރުވާ ކަމެއް ކަމަށާއި ނަމަވެސް އެ މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުންތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފަ. މީގެ ތެރެއިން ގާތްގަޑަކަށް 60 ޕަސެންޓް ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް. މި އަދަދު މަހުން މަހަށް މިދަނީ އިތުރުވަމުން،" އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއްނޫން."

އެ ގޮންޖެހުން އޮތް ނަމަވެސް، ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން އެހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާ ގޮތަށް ނުވަތަ މެދުކެނޑޭ ގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ ބެންކުން ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތް ދިނުމަށް ކަމަށާއި، މި އިންވެސްޓްމެންޓް ފުރުސަތަކީ، ވަރަށް ވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށާއި، ބޭންކަށްވެސް ފައިދާ ހުރި ނިޒާމެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

"ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ." އޭނާ ކިޔައިދެއްވިއެވެ.

https://sun.mv/223562

އޭގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ ތެރޭގައި ކާޑު ޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއަކީ ދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ ނިޒާމެއް ގާއިމްވުން ކަމަށް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބީއެމްއެލްއަށް ޑޮލަރު ލިބޭ މިންވަރަށް ވުރެ އިތުރަށް ޑޮލަރު ވިއްކަން ޖެހޭކަން ފާހަގަކޮށް، އެ ބެންކުން ވަނީ ޑޮލަރު ލިމިޓުތަކެއް ކަނޑައަޅައިފައެވެ. އެހެންނަމަވެސް، ޑޮލަރު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުއި ދޭނެ ކަމަށް ބީއެމްއެލްއާ ހަވާލާދީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޑޮލަރު އިންވެސްޓްކޮށްގެން ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭނެ އައު ފުރުސަތެއް ހުޅުވާލާފައެވެ. މި ޚިދުމަތް ބޭންކުގެ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ހާމަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ޑޮލަރު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި އިންވެސްޓްމެންޓް ނިޒާމުގެ ސަބަބުން ބޭންކަށް ޑޮލަރު ލިބުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިންވެސްޓްކުރާ ފަރާތްތަކަށާއި ބޭންކުގެ ކަސްޓަމަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

  • ކޮންމެ ދުވަހަކު ހުޅުވާލެވޭ އިންވެސްޓްމެންޓް ޕޫލްތަކެއްގެ ތެރެއިން އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • އިންވެސްޓްކުރާ ޑޮލަރަށްވާ ދިވެހި ރުފިޔާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ.
  • އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ރުފިޔާ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
  • ފާއިތުވި ފަސް އަހަރުތެރޭގައި ކާޑު މެދުވެރިކޮށް ބޭރުން ކުރާ މުޢާމަލާތްތައް 3.7 ގުނަ އިތުރުވެފައިވާކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ.
  • މި މަސް ނިމުމުގެ ކުރިން ޑޮލަރު ލިމިޓުތަކަށް ލުއިތަކެއް ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
  • ބީއެމްއެލްއިން ޑޮލަރު އިންވެސްޓްމެންޓަށް 25 އިންސައްތައިގެ ފައިދާއެއް ދިނުން.
  • މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން އިންވެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހުން.
  • ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކޮށް، ކަސްޓަމަރުންނަށް ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުން.
comment ކޮމެންޓް