ކޯވިޑް-19 އާ އިދިކޮޅަށް ކުރާން ޖެހޭ އިގުތިސޯދީ ހަނގުރާމަ

މާޗް 22، 2020: މާލޭ މާރުކޭޓު ސަރަހައްދުގައި މޭވާ އާއި ތަރުކާރީ ވިއްކާ ގާޑިޔާތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ދުނިޔެއަށް ފާވެފައި މިވާ ކޯވިޑް-19 ގެ ވަބާ އިން ދިވެހިރާއްޖެއަށް ވެސް ތަފާތު އެތައް ރޮނގަކުން ހިޔާލަށް ނުގެނެވޭހައި ވޭނާއި ގެއްލުން ލިބެމުން އެބަ ދެ އެވެ. ދިރިއުޅުން ހުއްޓުމަކަށް އަތުވެއްޖެ އެވެ. މަސައްކަތެއް، ވިޔަފާރިއެއް، ފަތުރުވެރިކަމެއް، ކުޅިވަރެއް، މުނިއަވަސްފިލުވުމެއް ނެތެވެ. މި ނޫންވެސް އާދައީ ދިރިއުޅުމުގައި ކޮށްއުޅޭ އެންމެހައި ކަމެއްހެން މިވަނީ ހުއްޓުމަކަށް އައިސްފައި އެވެ.

މައްސޫލު ފަރާތްތަކުން ކުރައްވަމުން އެގެންދަވާ އެންމެ އިސް މަސައްކަތަކީ މި ވަބާ ފެތުރުން އޮބެހެއްޓެވުމެވެ. މި ކަމުގައި ސިއްހީ ދާއިރާގެ އެކި ފެންވަރުގެ އެކި މަސައްކަތު އޮޅިތަކާއި ޓީމުތަކުން ދިވެހި ރައްޔިތުންނަށްޓަކައި ކުރައްވަމުން އެގެންދަވާ ނުރައްކާތެރި، ބުރަ މަސައްކަތްތަކަށް މައް ދިވެހި ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތުގައި ޝުކުރާއި ތައުރީފު އެބަ އޮހޭ އެވެ. އަދި ސިއްހީ ފަންނުވެރީންގެ ލަފާ ތަންފީޒުކުރައްވަމުން އެގެންދަވާ ދައުލަތުގެ އިސް ޒިންމާދާރުންނާއި އެކި ފެންވަރުގެ އެންމެހައި މުއައްޒިފުންނަށް ވެސް ޝުކުރު ހައްގެވެ. ހަމަ އެހެންމެ، ވިޔަފާރި ދާއިރާގެ ވެރީންނާއި މުއައްޒިފުންނާއި، ދަރުމަ ދާއިރާގެ ވެރީންނާއި މުއައްޒިފުންނާއި ވަކި ފަރުދުން ވެސް އެ ބަޔަކާ މުނާސިބު ފެންވަރެއްގައި ކުރައްވަމުން އެގެންދަވާ މަސައްކަތްތައް ފާހަގަކުރާން ޖެހޭ އެވެ. ކޯވިޑް-19 އާ ދެކޮޅަށް މިކުރާ ހަނގުރާމައިގައި އެންމެހައި ފަރާތްތަކުން އެއްބާރުލުން ލާޒިމެވެ.

ގެއްލުމާއި ކުރާން ޖެހޭ ކަންތައް ދެނެގަތުން

ކުރެވެމުންދާނޭ ކަމަށް ބަލާންވާ ދެވަނަ ކަމަކީ މި ވަބާއިން މިހައި ތަނަށް ވެފައިވާ، ވަމުންދާ އަދި ވެދާނޭ ގެއްލުންތައް ދެނެގަނެ އަންދާޒާކުރުމެވެ. މި ކަމުގައި ގެއްލުން ނުވާ ހަމަ އެއް ދާއިރާ ވެސް އޮވެދާނެއޭ ހިތަކަށް ނާރާ އެވެ. އެހެންކަމުން، މި އަންދާޒާ ވީ އެންމެ ފުޅަލެއްކޮށް ވީ އެންމެ އަވަހަކަށް ކުރުން އެދެވިގެންވޭ އެވެ. މި އަންދާޒާއިން، މެކުރޯ އިގުތިސޯދީ، މާލީ (ފައިނޭންޝަލް)، މަނިޓަރީ އަދި ނަގުދީ (ފިސްކަލް)، މި ސިޔާސަތުތަކާއި މައިކުރޯ އިގުތިސޯދީ ފިޔަވަޅުތައް ބޭނުންކޮށްގެން އެކުލަވައިލާން ޖެހޭނޭ ޝާމިލު އިގުތިސޯދީ ރޭވުމަކަށް ބޭނުން ވާނޭ ވަސީލަތްތަކާއި އެއަށް ބޭނުން ވާނޭ ފައިސާގެ އަދަދުތައް އެނގޭން ޖެހޭނެ އެވެ. އަލުންބަލުން ބަޖެޓު ތައްޔާރުކުރާންވީ ކަހަލަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެދާނެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައި، 1.5 މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ އިގުތިސޯދު ފަތުރުވެރިކަމުގެ ސިނާއަތަށް ލެނގިފައިވާލެއް ބޮޑުކަމުން، ކޯވިޑް-19 ގެ ކާރިސާއިން ފަތުރުވެރިކަމަށް އިންތިހާއަށް ބޮޑަށް ލޮޅުން އަރަމުން އެބަދާކަން ޔަގީންކުރެވިފައި ވާތީ، ހުރިހައި ދާއިރާއެއްގެ އަދި މުޅި އިގުތިސޯދުގެ ވެސް ދިރުމަށް ނުލާހިކު ވޭންދެނިވި ގެއްލުން ވާނޭކަން ކަށަވަރެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާ އިރު، ގެއްލުމުގެ އަންދާޒާއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރައްޔިތުންނާ ހިއްސާކުރައްވައިފައި އެވެ. އެ މަނިކުފާނު ވިދާޅުވީ އަންނަ ފަތުރުވެރީންގެ އަދަދު މި އަހަރު 35 އިންސައްތައިން ދަށްވާނޭ ކަމަށާއި ބޭރު ފައިސާގެ އާމުދަނީ (ކުރީން ލަފާކުރެވިފައިވާ އަދަދަށް ވުރެ) 450 މިލިއަން ޑޮލަރު މަދު ވާނޭ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ. މިއީ 2019 އަށް ޕުރޮޖެކުޓު ކުރެވިފައިވާ ޖީޑީޕީގެ 9.2 އިންސައްތަ އެވެ. އަދި ހަމަ މިއީ، އަންނަ ފަތުރުވެރީންގެ އަދަދު 14.7 އިންސައްތަ އިން ކުރިއެރި 2019 ވަނަ އަހަރު ދައުލަތަށް ލިބުނު، ޗާޓު 1 ގައިވާ ބޭރު ފައިސާގެ އާމުދަނީ (653.3 މިލިއަން ޑޮލަރު) ގެ 68.9 އިންސައްތަ އެވެ. އަދި އެ އަހަރުގެ ދައުލަތުގެ މުޅި އާމުދަނީގެ 34.5 އިންސައްތަ އެވެ.

މަސްދަރު: މީރާ، 2020

އަންނަ ފަތުރުވެރީންގެ އަދަދު ފާއިތުވި އަހަރާ އަޅައިބަލާ އިރު މި އަހަރު 35 އިންސައްތަ އިން ދަށްވެއްޖެ ނަމަ، މިހިނގާ 2020 ގައި، ހޭދަކުރާ ރޭގެ އަދަދު 34.3 އިންސައްތަ އާއި 37.9 އިންސައްތަ އާ ދެމެދުގެ މިންވަރަކުން ދަށްވުން އެކަށީގެންވޭ އެވެ (ޗާޓު 1 ގެ ކަނާތު އޮލަނބުން އެދައްކަނީ 2014 އިން 2019 އަށް ހޭދަކުރާ ރޭ ގެ އަދަދުތަކެވެ). މިދެންނެވި ރޭޓުން ހޭދަކުރާ ރޭގެ އަދަދު ދަށްވެއްޖެ ނަމަ، ދައުލަތުގެ ބޭރު ފައިސާގެ އާމުދަނީ 25.0 އިންސައްތަ އާއި 27.6 އިންސައްތައާ ދެމެދުގެ މިންވަރަކުން ދަށަށް ދިޔުން އެކަށީގެންވޭ އެވެ. އެހެންކަމުން ދައުލަތުގެ ޖުމުލަ އާމުދަނީ ވެސް 26.5 އިންސައްތަ (374.4 މިލިއަން ޑޮލަރު) އާއި 29.2 އިންސައްތަ (417.2 މިލިއަން ޑޮލަރު) އާ ދެމެދުގެ ވަރަކުން ދަށްވެގެންދާނެ ކަމަށް ލަފާކުރެވޭ އެވެ. މިހެންވެ، ސަލާމަތް އޮތީ ރައީސް ސޯލިހު އެ އިޝާރާތް ކުރެއްވި 450 މިލިއަން ޑޮލަރުގެ ނަގުދީ ބާގަނޑު ދެމެހެއްޓެނިވި ގޮތެއްގައި ފޫބެއްދިގެން އެވެ.

ފައިސާ ހޯދުން

ތިންވަނަ ކަމަކީ ބޭނުންވާނޭ ކަމަށް ލަފާކުރާ އަދަދުތަކުގެ ފައިސާ ހޯދުމެވެ. މި ކާރިސާއާ ހެދި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް އެގެންދަނީ އެކި ވަރުވަރުގެ އެހީގެ ޕެކެޖުތައް އިއުލާންކުރަމުންނެވެ. މި އިދާރާތަކުގެ ތެރޭގައި ވަރލްޑް ބޭންކު (14 ބިލިއަން ޑޮލަރު)، އައިއެމްއެފް (50 ބިލިއަން ޑޮލަރު)، އޭޑީބީ (6.5 ބިލިއަން ޑޮލަރު)، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (2.7 ބިލިއަން ޑޮލަރު) ފަދަ ދައުލީ މާލީ އިދާރާތައް ހިމެނޭ އެވެ. މީގެ އިތުރުން އަލިފު ދާލުގެ ހާއްސަ އެޖެންސީތަކުން ވެސް އެހީ ލިބޭ އެވެ. މި އެންމެހައި މަސްދަރުތަކުން އެހީ ލިބޭތޯ ގަދައަށް މަސައްކަތްކުރާން މިވަނީ މަޖުބޫރުވެފައި އެވެ. މި ކާރިސާއިން ގައުމު ނަޖާކުރުމުގެ ޒިންމާގައި ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި މަޝްވަރާގެ ހުނަރު އިންތިހާ އަށް ބޭނުން ވާނެ އެވެ. ސުނާއީ (ބައިލޭޓެރަލް) މަސްދަރުތައް ވެސް ހުރީ އެވެ. އެކަމަކު ކޮންމެ ގައުމަކުންހެން މި ދުވަސްވަރު އެބަލަނީ ފުރަތަމަ އަމިއްލަ ހާލައިގެން އުޅެވޭތޯ އެވެ. އެކަމަކު އަދި ދައުލީ ބޮންޑު ބާޒާރު ވެސް އޮތީ އެވެ. ކޮންމެ ފަރާތަކުން ވިޔަސް އެހީ އެއް ލިބޭން އޮތް ނަމަ، އެ މަސްދަރަކާ މަޝްވަރާކުރުން ލާޒިމެވެ. 450 މިލިއަން ޑޮލަރަކީ އެއް މަސްދަރަކުން ދެ މަސްދަރަކުން ހަމަޖެއްސޭ ވަރަށް ވުރެ މާ ބޮޑު އަދަދެކެވެ. އެކަމަކު ބޮންޑު ބާޒާރަށް ނުކުންނަ ނަމަ، ކުރެޑިޓު ރޭޓިންގެ ސުވާލު ކުރިމަތިވުން އެކަށީގެންވޭ އެވެ. ރަނގަޅު ރޭޓިންގެއް ލިބިއްޖެ ނަމަ، ބޮންޑު ބާޒާރުން ހުށަހަޅާ އިންޓެރެސްޓު ރޭޓު ތަންކޮޅެއް ލާހިކުވުން އެކަށީގެންވޭ އެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ސަރުކާރުން އެވަނީ ބަޖެޓުން 1 ބިލިއަން ރުފިޔާ ސަލާމަތްކުރައްވާން ނިންމަވައި، އިގުތިސޯދު އާރާސްތުކުރުމަށް 2.5 ބިލިއަން ރުފިޔާގެ ނަގުދީ ޕެކޭޖެއް އިއުލާންކޮށްފައި އެވެ. 2.5 ބިލިއަން ރުފިޔާ އަކީ ޖީޑީޕީގެ 3.3 އިންސައްތައާ އެއްވަރު އަދަދެކެވެ. މިއިން ފުދޭނެތޯ މިއީ ކުރިމަތިވެފައި އޮތް ސުވާލެކެވެ. ތަންކޮޅެއް ފުރިހަމަ އަދަދެއް ހިސާބުކޮށްލާން އެނގޭނީ ކުރާން ޖެހޭ ކަންތައްތަކާއި ބޭނުންވާ ވަސީލަތްތަކުގެ އަންދާޒާތަކަކުން ލިބޭ ޑޭޓާއަށް ބަލައިފައި އެވެ. އެމްއެމްއޭ އިން ވަނީ މި ކާރިސާގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯދީ ދިރުމަށް "ބޮޑު ހީނަރުކަމެއް" އަންނާނޭ ކަމަށް ލަފާކޮށް ފިޔަވަޅުތަކެއް އިއުލާންކޮށްފައި އެވެ. އެއިން ނުފުދޭ ނަމަ އިތުރު ތަދުބީރުތައް ކުރާން ތައްޔާރު ކަމަށް އެމްއެމްއޭ އިން ވަނީ އިޝާރާތްކޮށްފައި އެވެ.

ތަންފީޒުކުރުމާއި މޮނިޓަރުކުރުން

ހަތަރުވަނަ ކަމަކަށް ކުރާން ޖެހޭނޭ ކަމަކީ ކަނޑައެޅޭ ސިޔާސަތުތަކާއި ފިޔަވަޅުތައް ތަންފީޒުކުރުމާއި މޮނިޓަރުކުރުމެވެ. ފިސާރި އަމަލުވެރިކޮށް އަދި އަދުލުވެރިކޮށް މަސައްކަތްތައް ހިންގިގެން މެނުވީ އިގުތިސޯދީ ދިރުމަށް އާރޯކަމެއް ލިބޭ ލެއް ލަސްވާނެ އެވެ. އިގުތިސޯދީ ސޯބުގަނޑު ހަލުވި ވާނީ ހުރިހައި ދިމާއަކުން ވެސް ހިދުމަތް ދިނުން ހަލުވިކުރި ވަރަކުންނެވެ. ވީ އެންމެ އަވަހަކަށް ވިޔަފާރި އަށް ތަންތަން އަލުން ހުޅުވޭން އެބަ ޖެހޭ އެވެ. ވިޔަފާރިތައް ހިނގާން ފަށައިގެން މެނުވީ އެ ތަންތަނަށް އާމުދަނީއެއް ނުލިބޭނެ އެވެ. އެ ތަންތަނަށް އާމުދަނީ ލިބިގެން މެނުވީ ދައުލަތަށް އާމުދަނީއެއް ނުލިބޭނެ އެވެ. ދައުލަތަށް އާމުދަނީ ލިބިގެން މެނުވީ އާދައިގެ ހާލަތަކަށް ގައުމުގެ ކަންކަން އިއާދައެއް ނުވާނެ އެވެ. މިއީ އަނިޔާވެރި ބުރެކެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރަށާއި މާލީ ވަޒީރަށް ކުރިމަތިވެފައި މިއޮތީ ވަރަށް ބޮޑު ޖަދަލުތަކެކެވެ. ދޫދެވިފައިވާ މަނިޓަރީ ސިޔާސަތަކާ ވެސް އެކު، ފަހަތުގައި މުގާބިލު ބޭރު ފައިސާ ނެތް ދިވެހި ރުފިޔާތަކެއް އިގުތިސޯދުގައި ދައުރުވާ ނަމަ އެއިން ރުފިޔާގެ އަގަށް ކުރިމަތި ވާނޭ ފިއްތުންތަކަކަށާއި، މާލީ އިދާރާތަކުން ދޭން ޖެހޭ ދޫތަކުން މުޅި އެ ދާއިރާގެ ހަމަޖެހުމަށް އަތުވެދާނޭ ލޮޅުންތަކަކަށާއި މި ދުވަސްވަރު ދޭން ޖެހިދާނޭ ބޮޑެތި ބަދަލުތަކަކުން ނުވަތަ ބޭރު ރީއިންޝުއަރެންސް ބާޒާރުން ރަށްވެހި އިންޝުއަރެންސް ސިނާއަތުގެ ހާލަށް އަތުވެދާނޭ ލޮޅުންތަކަކަށާއި، މިހިރަ މިހިރަ ކަންކަމަށް ގަވަރުނަރު ވިސްނަވާނެ އެވެ. މާލީ ވަޒީރު ވިސްނަވާނޭ މައްސަލަތަކުގައި، ބޭނުންވާ ފައިސާ އަންދާޒާކުރައްވައި، ފައިސާ ހޯއްދަވައި، އެންމެ ބޮޑަށް މުހުތާދު ޖެހިފައިވާ ފަރާތްތަކަށް އިސްކަމެއް ދެއްވައި މުހުތާދު ޖެހިފައި ވާ އެންމެހައި ފަރާތްތަކަށް އެހީ ފޯރުވެގެން ދާނޭ ހެން ކަންކަން އިންތިޒާމުކުރެއްވުމާއި މި އެންމެހައި ކަންތައް ހިނގާ ގޮތް ބެއްލުވުން ހިމެނޭނެ އެވެ. މިއީ ފުރިހަމައަށް ފަހުމުވާ ވަރަށް ވުރެ ފުން ވަޅުގަނޑެކެވެ.

--

ނޯޓް: ޑރ. ފަޒީލް ނަޖީބް އަކީ، މިހާރު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އެކެވެ. އަދި އޭނާ ވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރކަމާއި ގަތަރުގެ މަރުކަޒީ ބޭންކުގެ އެކްސްޕާޓް (އެޑްވައިޒާ) ކަމާއި ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ، ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ފަޒީލް މިހާރު ފާހަގަވެގެންދަނީ އިނގިރޭސި ބަހުން ޝާއިއުކުރާ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ ކޯއެޑިޓާ އަދި އެއް ފައުންޑަރުގެ ގޮތުގަ އާއި ލިޔުންތެރިއެއްގެ ގޮތުގަ އެވެ. ފަޒީލް ވަނީ 1990 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮގުން ސާޓިފިކޭޓް އޮފް ކޮމްޕިޓެންސް ހާސިލުކުރައްވާފަ އެވެ. އަދި 1980ގެ ފަހު އަހަރުތަކުން ފެށިގެން އާފަތިސްގައި ލިޔަން ފަށައި އަދި އޭގެ ފަހުން 1990އިގެ މެދުތެރެއަކާ ހަމައަށް ފަޒީލް ވަނީ ދުވަހުނޫސް ހަވީރު އަށް ލިޔުއްވައިފަ އެވެ.

comment ކޮމެންޓް