އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް "ވިޝްކާ" ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ނިންމައިފިއެވެ.
ފިިލްމުގެ ބަތަލާ އަދި ޕްރޮޑިއުސަރު އާއިޝަތު ރިޝްމީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެކަން މިހާރު ހިއްސާކޮށްފައިވާއިރު ރިޝްމީ ބުނީ ފިލްމު ވިޝްކާ ބައިސްކޯފުން ސްޓްރީމް ކުރާނީ މި މަހު 30 ވަނަ ދުވަހުގެ ރޭގަނޑު ނުވައެއް ޖަހާއިރުން ފެށިގެންކަމަށެވެ.
ވިޝްކާ ބައިސްކޯފަށް ސްޓްރީމްކުރުމުން މި ފިލްމު ނުބެލި ތިބި ގިނަ މީހުންނަށް ފިލްމު ބެލުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ. އަދި ފިލްމު އަދި ބަލަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު ފަހިވެގެންދާނެއެވެ. ރިޝްމީގެ ސްޓޯރީގައި ވިޝްކާ ބައިސްކޯފަށް އަންނާނެކަން އިއުލާންކުރުމުން ރިޝްމީގެ ފޭނުން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.
ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރާ ކްރައިމް ތްރިލާ އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން ރިޝްމީ އާއި މުހައްމަދު ސައީދެވެ.
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.
ފިލްމުގައި ދައްކުވައިދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ.
ޔާރާ ޕްރޮޑަކްޝަނުން އުފެއްދި ވިޝްކާ ވަނީ ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރިކުރި 12 ފިލްމުގެ ތެރެއިން އެންމެ މޮޅު ފީޗާ ފިލްމަކަށް ވެސް ހޮވިފައެވެ. އަދި އެ ފިލްމުން ރިޝްމީ ވަނީ އެ އެވޯޑް ހަފްލާގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ. އަދި ވިޝްކާ ފިލްމުން ސާކް ފިލްމް އެވޯޑްސް 2017 އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ރިޝްމީ އަށް ވަނީ ލިބިފައެވެ.