ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ހަ ދަރިވަރަަކު ރާއްޖެ އައުމަށް ރޭ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން ބުނީ މިނިސްޓްރީގެ އެހީތެރިކަމާއެކު އެ ހަ ދަރިވަރުން ރޭ ފުރުވާލެވިފައިވާ ކަމަށާއި މިރޭ ރާއްޖެ އަންނާނެ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ ކޮރޯނާގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް މިހާރު ސަރުކާރުން ކަނޑައަޅާތަނެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ސިއްހީ ޕްރޮފެޝަނަލުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިކުރުމަށް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ނޭޕާލުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކޮށްފަ އެވެ. އެގޮތުން އެގައުމުގައި ތިބި 51 ޑޮކްޓަރުންގެ ތެރެއިން 33 ޑޮކްޓަރަކު ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައިވާއިރު އަމިއްލަ ހަރަދުގައި 10 ޑޮކްޓަރަކު ވަނީ ރާއްޖެ އައިސްފަ އެވެ
ރާއްޖެ އައުމަށް ރެޖިސްޓްރީވެފައިވާ އިތުރު 17 ދަރިވަރަކު ނޭޕާލުގައި ތާށިވެފައިވާއިރު އެ ކުދިންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮރޯނާ އާ ގުޅިގެން އެއްވެސް ގައުމެއްގައި ހުރި ދިވެއްސަކު އެ ގައުމުން ނިކުންނަން ޖެހޭ ހާލަތެއް އައިސްފި ނަމަ ދިވެހި ސަރުކާރުން ރެސްކިއު ފުލައިޓެއް ބާއްވައިގެން ނަމަވެސް އެ މީހަކު އަނބުރާ ގައުމަށް ގެންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކަށް އެ ބަލި ޖެހުނު އިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޔޫއޭއީގައި ދިރިއުޅޭ ދިވެއްސަކަށް ވައިރަސްގެ އަސަރު ކޮށްފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ.