މިނިސްޓަރު ޝާހިދު ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގްރައިޝީއާ ފޯނުން ގުޅުއްވައި، ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅިގެން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ޕާކިސްތާނުގައިވެސް މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާއި ބަލިން ރައްކާތެރިވެ، ބަލި ކޮންޓްރޯލު ކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށް އެ ފިޔަވަޅުތަކަށް މިނިސްޓަރު ޝާހިދު ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސޯދަށް ކޮރޯނާގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އަރުވާފަ އެވެ. އަދި ކޮރޯނާ އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ މިނިސްޓަރު ޝާހިދު ހިއްސާ ކުރެއްވި އެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރި ކަމަށާއި، ހާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަގީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު ވަނީ އަރުވައިފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ދާދިފަހުން ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ކަންތައްތަކަށް އަނެއްކާވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ސަރަހައްދީ ގައުމުތަކުގެ ސިއްހީ އަދި ކުއްލި ހާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޮރޯނާގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ކޮރޯނާ އިމަޖެންސީ ފަންޑަށް ރާއްޖެއިން 200،000 ޑޮލަރު ދިއްކަން ފާހަގަ ކުރައްވާ، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން ފަސް މިލިއަން ޑޮލަރު ކޮރޯނާއާ ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު ގުރޭޝީއަށް ތަހުނިޔާ ވިދާޅުވެ ގުރޭޝީއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.

comment ކޮމެންޓް