ލ. ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި

ޕޮލިސް ލޯންޗު 34 ރޯވެ އަނދަނީ. މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ފުލުހުން ތުހުމަތު ކުރޭ

ލ. ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ.

މި ހާދިސާގައި ރޯކޮށްލާފައި ވަނީ ޕޮލިސް ލޯންޗު 34ގަ އެވެ. އަދި ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 03:54 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، އެމްއެންޑީއެފްއާ މައުލޫމާތު ހިއްސާކޮށް ފުލުހުން ލޯންޗު ކައިރިއަށް ގޮސް ބެލިއިރު، ލޯންޗުގެ ވާގަނޑު އޮތީ ކަނޑާލާފައި ކަމަށެވެ.

އެހެންކަމުން މިއީ ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ލޯންޗުގައި ރޯވި އަލިފާަންގަނޑު އެމްއެންޑީއެފްއަށް ނިއްވާލެވިފައި ވަނީ ހާދިސާގެ ރިޕޯޓު ކުރިތާ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުން ފަތިހު 5:00 އެހާކަންހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް