ބޭރުގައި ތިބި ދިވެހި ސިއްހީ ޕްރޮފެޝަނަލުން ރާއްޖެ ގެންނަނީ

ކޮރޯނާވައިރަހާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

މިވަގުތު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ސިއްހީ ޕްރޮފެޝަނަލުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިކުރުމަށް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް އަދި އެހެނިހެން ސިއްހީ މަސައްކަތްތެރިން ރާއްޖެ އައިސް، މި މަސައްކަތުގައި އެހީތެރިވެ ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެކުރިން އައިޖީއެމްއެޗް އިން ވެސް ވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ސިއްހީ ޕްރޮފެޝަނަލުންނަށް މަސައްކަތަށް ނުކުތުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިހާރު ނޭޕާލްގައި މެޑިސިން ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާ، އަދި އެގައުމުގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ސަރުކާރުން އެދިގެން މިދިޔަ ހުކުރު ދުވަހު ނޭޕާލުގައި ކިޔަވާ ދަރިވަރުންނަށް އެމަޖެންސީ ލީވް ދީފައިވާ ކަން ވަނީ އެނގިފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ އެމަޖެންސީ ރެސްޕޮންސް ޓީމާ ގުޅިގެން ހިދުމަތަށް ނުކުންނަށް ރާއްޖެ އައުމަށް، ނޭޕާލުގައި ތިބި ދިވެހިން އަމިއްލައަށް ވެސް އެދިފައިވެ އެވެ.

ކިޔަވާކުދިންނާއި ޑޮކްޓަރުންނާ އިންޓާނުން ހިމެނޭގޮތުން ނޭޕާލުން 104 ދިވެއްސަކު ރާއްޖެ އަންނަ ކަމަށް މައުލޫމާތު ލިބިފައިިވެ އެވެ. އޭގެ ތެރެއިން 33 މީހަކު ރޭ ވަނީ ރާއްޖެ އަންނަން ފުރައިފަ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގިނަ ފަޔަވަޅުތަކެއް ވަނީ އަޅައި ފައެވެ. އަދި ރާއްޖެއިން ވެސް ބަލި ފެނުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ މަސައްކަތަށް ވީހާވެސް ގިނަ ސިއްހީ ހިދުމަތްތެރިން ނުކުތުމަށް ސަރުކާރުންނާއި، ޑޮކްޓަރުންނާ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވިއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް