މި މަހުގެ 19ން 26އަށް ސަރުކާރު ބަންދުކުރަން ނިންމައިފި

މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހަފްތާއަކަށް ސަރުކާރު އޮފީސްތައް ބަންދުކުރަން ނިންމާފައި ވަނީ ކޮވިޑް19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އޭގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ދިމާވާނެ ދަތިތަކާ ގުޅިގެން ހަރަދުކުޑަކުރަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށާއި ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން ވެސް މިއަދު ވަނީ ނިންމައިފައެވެ.

ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުން ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ.

އެގޮތުން ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނަކާއި، ކޮވިޑް-19 ގެ އަލާމާތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް ތައްޔާރުކުރުމަށް ރައީސް ވަނީ އަންގައިވައިފަ އެވެ.

ސަރުކާރު އޮފީސްތަކުން ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ނުރޭވުމަށާއި، ކޮންމެހެން ބާއްވަން ޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިނ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޒާމުކުރުން ހިމެނެ އެވެ.

ހަމައެއާއެކު ހިދުމަތެއް ހޯދުމަށް ފިންގާޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގާޕްރިންޓް ނެގުމަކާ ނުލައި ހިދުމަތް ދޭގޮތަށް ހަމަޖެއްސުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި، ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް ވަނީ ދެ ހަފްތާގެ މުއްދަތަކަށް ބަންދުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ މުޅިންވެސް ބިދޭސީންނެވެ. ރާއްޖެއިން ކޮރޯވައިރަހަށް ފެނުމާއެކު ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފަ އެވެ.

އެލާޓް ލެވެލް އެއަށްވުރެ މަތިވެއްޖެ ހާލަތެއްގައި ސަރުކާރު އޮފީސްތަކުން އަމަލުކުރާނެ ގޮތުގެ ޕްލޭން ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

comment ކޮމެންޓް