ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ނިމިދިޔަ ރޯދަމަހު ގޭބީސީތަކުން ބޭނުންކުރި ކަރަންޓުން ޑިސްކައުންޓް ދިނުމަށް ނިންމައިފައިވާކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިއީ ރައީސް ކުރިން ވިދާޅުވި ގޮތަށް ނިންމި ނިންމުމެއް ކަމަށެވެ. ރަމަޟާން މަހުގެ ދުވަސްތައް ނިމިދިޔަ އެޕްރީލް މަހުގެ ތެެރެއަށް ވެސް ވަނީ ގޮސްފައެވެ.
އެހެންކަމުން އެ މަހުގައި ރޯދަމަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ހިމަނާނެއެވެ.
އެއާއެކު ފަހުމީ ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަަމަށެވެ.
"ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ މިހެން ވިދާޅުވިއިރު އޭގެ އިރުކޮޅެއްފަހުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދުވަނީ ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުތަކުން، ރައީސް އެދިވަޑައިގެންނެވި ގޮތަށް، ލުއި ދެވިފައިނުވާކަން ފާހަގަކުރެވޭތީ، އެ ކަން ޙައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ރައީސް އަންގަވައިފައިވާ ކަމަށެވެ.
އެއާއެކު ފެނަކައިން ވެސް ވަނީ މާޗު މަހުގެ ބިލަށްވުރެ އިތުރުނުވާނެހެން އެޕްރީލް މަހުގެ ބިލު އަލުން ތައްޔާރުކުރަމުން އަންނަކަމަށް ބުނެފައެވެ.
ރަމާޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ.
އެހެންވެ ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފައެވެ.
ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް ނިމިދިޔަ މާޗު މަހު ބިލު ލިބުނުއިރު މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ގެންދަނީ ޝަކުވާ ކުރަމުންނެވެ. އަދި ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާ ވެސް އަންނަނީ ކުރަމުންނެވެ.