ސައިރިކްސްއިން އަންނަ ހަފްތާ އޮންލައިންކޮށް ކިޔަވައިދޭން ފަށަނީ

ކޮލެޖެއްގެ ދަސްވެނިވުމުގައި ދަރިވަރުންތަކެއް ބައިވެރިވަނީ -- ސަން ފައިލް ފޮޓޯ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ކިޔަވައިދޭ ތަންތަން ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، ކިޔެވުމެއް ބުރޫ އެރިޔަ ނުދިނުމަށްޓަކައި އޮންލައިންކޮށް ކިޔައިވިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައިރިކްސް ކޮލެޖުން ބުނެފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން ވަނީ އަންގާފަ އެވެ.

https://sun.mv/132969

ސައިރިކްސްއިން ބުނީ އެ އެންގުމާ އެއްގޮތަށް ދަރިވަރުން ހާޒިރުވެގެން ހިންގާ ކުލާސްތައް ހުއްޓާލި ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫ އެރިޔަ ނުދިނުމަށްޓަކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދަރިވަރުންނަށް ފިލާވަޅުތަކުގެ މައުލޫމާތުތަކާއި އެސައިންމަންޓްތައް ފޯރުކޮށްދިނުމުގައި ސައިރިކްސްއިން މިހާރު ވެސް ދަނީ މޫޑްލް އާއި މައިކްރޮސޮފްޓް ޓީމްސް ބޭނުން ކުރަމުންނެވެ. އޭގެ އިތުރަށް ވީޑިއޯ ކޮންފަރެންސް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ސައިރިކްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސައިރިކްސްއިން ބުނީ ގިނަ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެ ވަސީލަތްތައް ބޭނުން ކުރުމަށް ހުރި ދަތިތައް ވެސް ދެނެގަންނަމުންދާ ކަމަށެވެ.

މީގެ އިތުރުން ސައިރިކްސްއިން ބުނީ ކޮލެޖު ވަގުތީގޮތުން ބަންދު ކުރަން އެންގުމުގެ ކުރިން ވެސް ދަރިވަރުން ހާޒިރުވާން ޖެހޭ ކްލާސްތަކުގެ އަދަދު މަދުކޮށްފައިވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަރިރިކްސްއިން ބުނެ އެވެ.

ސައިރިކްސްއިން ބުނީ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން އެއީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި ކޮރޯނާވައިރަސް ފެތުރިގެން ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފުރިހަމައަށް ބަލައިގަންނަ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް