ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީންދޭ ތަންތައް ބަންދުކުރަން އަންގައިފިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.

"ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި އަިދ ތަމްރީން ދޭ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން ދެ ހަފްތާއަށް ބަންދުކުރުމަށް ދަންނަވަމެވ. މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ދަންވަމެވެ." އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވާޅެއްގެ ގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ޕަބްލިކް ހެލްތު އެމަޖެންސީ ވަނީ އިއުލާނުކޮށްފިއެވެ.

ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ 10 މީހަކު ވަނީ ފެނިފައެވެ.

ކުރެއްދޫއިން ކޮރޯނާގެ ފަސް ކޭސް ފެނިފައިވާއިރު ބަތަލާ އިން ދެ ކޭސް، ކުރަމަތިން ދެ ކޭސް އަދި އަނަންތަރާ ދިގު ރިސޯޓުން އެއް ކޭސް ވަނީ ފެނިފައެވެ. މި ހުރިހާ މީހުންނަކީވެސް ބިދޭސިންނެވެ.

ރާއްޖެއިން ބަލި ފެނުނު ރިސޯޓުތަކާއި ބައްޔަށް ޝައްކު ކުރެވޭ މީހުން ތިބި ރިސޯޓުތަކާއި އެއް ރަށް އަދި ސަފާރީއެއް މިވަގުތު އޮތީ މޮނީޓަރިންގައެވެ.

comment ކޮމެންޓް