ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މަތީ ތައުލީމުގެ ލޯނަށް ފުރުސަތު ހުޅުވާލުން ލަސްވެއްޖެ ކަމަށް ބުނެ ބައެއް ދަރިވަރުން މި ފަހުން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑު ފެންވަރު ފަހަކުން ފެށިގެން ފެންވަރު 10 އަށް ކިޔަވަން ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލަށް ކިޔަވަން ފަށައި ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލޯނަށް އެދެވޭނެއެވެ.
އެ ގޮތުން، އަލަށް ކިޔަވަން ފަށައި ދަރިވަރެއްގެ ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔަވަން ރަޖިސްޓްރީވެފައިނުވާ ނުވަތަ ޓިއުޝަންފީ ދައްކާފައިނުވާ ދަރިވަރުންނެވެ. އަދި، ކިޔަވަމުން އަންނަ ދަރިވަރުން ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑީގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުންނެވެ.
މި ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އެ ކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި؛
- ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން
- އެއަށް ވުރެ ގިނައިން ހުށަހަޅައިފި ނަމަ ބާތިލުވާނެ
- އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާނަމަ ވެސް ބާތިލުވާނެ
- ލޯނު އަނބުރާ ދައްކަން ފަށަންޖެހޭނީ ކިޔެވުން ފުރިހަމަކުރުމަށް ފަހު
މީގެ އިތުރުން، ހަޔާ އެޑިއުކޭޝަނުން ވަނީ ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށް ވެސް ހުޅުވާލައިފައެވެ.
އެ ގޮތުން، އެ ލޯނު ދޭން ހަމަޖެހިފައިވަނީ 700،000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކުންނެވެ. އަދި، އެ ފަދަ ލޯނަށް އެދޭ ދަރިވަރުންގެ ފޯމުތައް އިވެލުއޭޓްކުރުމުގައި އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯކުރާ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް އިއުލާނުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަނީ މި ލޯނުތައް ވެސް އިސްލާމިކްކޮށް، ލޯނާ އެކު މިހާރު ނަގައި އެއް އިންސައްތަ އިދާރީ ފީ ވެސް އުނިކޮށްފައެވެ. އެ މަނިކުފާނު ވަނީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް ނުނަގަން ނިންމަވައިފައެވެ.