ހުޅުމާލޭގައި ކުޑަކުއްޖަކަށް އަނިޔާކޮށްގެން ޑޮކްޓަރެއް ހައްޔަރުކޮށްފި

ހުޅުމާލެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކަށް ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރެއް އެކުއްޖާގެ ކަންފަތުގައި ހިފައި އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ރޭ 22:56 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މާޗް 11 ދުވަހުގެ ރޭ ހިނގި އެ މައްސަލައިގައި ކުޑަކުއްޖާއަށް އަނިޔާކުރި ކަމަށް ބުނާ ޑޮކްޓަރަކީ އުމުރުން 34 އަހަރުގެ އިންޑިއާ ޑޮކްޓަރެކެވެ.

"މި މައްސަލައިގައި ފުލުހުން ބެލިބެލުމުން އެ ޑޮކްޓަރު ކުއްޖާއަށް ތެރަޕީ ދެނީ އަމިއްލަ ހައިސިއްޔަތުން [ޕްރައިވެޓް ޕްރެކްޓިސްގެ ތެރެއިން] އެ ކުއްޖާގެ ގޭގައި. އޭނާއަށް [އެކުއްޖާއަށް] އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވޭ،" ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ޑޮކްޓަރު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުޔން އިއްޔެ ކަމަށެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް