އިންތިހާބު ފަސްކޮށްފިނަމަ ކޮވިޑް-19 އިތުރަށް ފެތުރޭނެ: ޝިޔާން

މިހާރު ކައުންސިލްތަކުގައި ތިބި އިދިކޮޅު މެމްބަރުން ސަރުކާރުގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭ ކަމަށާއި އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ، މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އިތުރަށް ފެތުރޭނެކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮވިޑް19 އަށް ހަ މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާމެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝިޔާން ވިދާޅުވީ، އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޝިޔާން ވިދާޅުވީ މިހާރު ކައުންސިލްތަކުގައި ތިބި އިދިކޮޅު މެމްބަރުން، ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރުން ނިންމާ ނިންމުންތައް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށާއި، އެހެންކަމުން އިންތިހާބު ބާއްވައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ.

"އިންތިހާބު ފަސްކުރުމަކީ އޭގެ ސަބަބުން މުޅި ގައުމަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމެއް، މި ބަލިމަޑުކަން އިތުރަށް ފެތުރެން ދިމާވާނެ އެއް ސަބަބު،" ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވީ އަލަށް އިންތިހާބުވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގުޅިގެން ކޮވިޑް19 އަށް ހޭލުންތެރިކަން އިތުރުކުރަން ޕަބްލިކް ހެލްތުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތައް ވެސް ބާރަށް ކުރިއަށް ގެންދަނީ ޕަބްލިކް ހެލްތު ޕްރޮމޯޓް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނީ އަލަށް އިންތިހާބު ކުރެވޭ ކައުންސިލް ތަކަކާ އެކީގައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްގެން،" ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވީ ރަށްރަށަށް އަރައިފޭބުން މަނާކުރަން ބައެއް ކައުންސިލްތަކުން ވިސްނުން ގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން ހުއްޓުވާލައި އަދި ރަށް ބަންދުކޮށްގެން މި ބަލިން ސަލާމަތް ނުވާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މުޅި ގައުމު ހުއްޓައިގެން މިކަން ވާކަށެއް ނެތް. މުޅި ގައުމު ހުއްޓައިފިއްޔާ މާނައަކީ މުޅި ގައުމު ބަނޑަށް ޖެހުނީ. ބަންދުކޮށްގެން މި ގައުމެއް ނުހިންގޭނެ،" ޝިޔާން ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގައި ގިނަ އެމްޑީޕީ މެމްބަރުން އިންތިހާބު ފަސްކުރަން ބޭނުން ނުވާ މޭރުމުން ވާހަކަ ދައްކާފައި ވާއިރު، ކޮވިޑް19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވާލުމުން އެކަމާ ދެކޮޅަށް ވެސް އިއްޔެ ގިނަ އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވައިފަ އެވެ.

comment ކޮމެންޓް