ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަމުންދާތީ އެފްއޭއެމްއިން ބާއްވަން ހަމަޖެހިފައިވާ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" ފަސްކުރަން ނިންމައިފި އެވެ.
މީގެ ކުރިން ބާއްވަމުން އައި މިނިވަން ޗެމްޕިއަންޝިޕު ރިބްރޭންޑުކޮށް، ޖަޒީރާ ޗެމްޕިއަންޝިޕުގެ ނަމުގައި މިއަހަރުގެ ކުރީކޮޅު ބޭއްވުމަށް އެފްއޭއެމްއާއި ޔޫތް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދިޔަ އިރު މިއީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނުވާނެ މުބާރާތެއް ކަމަށް ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އައީ ބުނަމުންނެވެ.
އަދި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ބައެއް ރަށްރަށުން މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު އެފްއޭއެމުން މިއަދު ވަނީ މުބާރާތުގެ އެންމެހާ ކަންތައްތައް މަޑު ޖައްސާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
"މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕް 2020 މި މުބާރާތުގެ އެންމެހާ ކަންތައްތައް، މިއަހަރުގެ ރަމަޟާން މަހުގެ ފަހަށް ލަސްކުރެވިފައިވާ ވާހަކަ ދަންނަވަން،" އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ރާއްޖޭން ފުރަތަމަ ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެރޭ ބައްޔަށް ޕޮޒިޓިވްވިކަން އިއުލާން ކުރީ ޅ. ކުރެއްދޫ ރިސޯޓުން ދެ މީހެކެވެ. އެކަމަކު ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ އއ. ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވްް ވެފައިވާކަން އިއުލާން ކޮށްފަ އެވެ.
މީގެ އިތުރުން ފަރުކޮޅުފުށީގައި ގާއިމު ކޮށްފައި ހުންނަ ވަގުތީ ފެސިލިޓީގައި އިތުރު ދެ މީހަކު ކަރަންޓީން ކޮށްފައިވާ އިރު އިތުރު އަށް މީހަކު އައިސޮލޭޓް ކޮށްފައި ހުރިކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ވުމާއެކު އެފްއޭއެމުން ބުނީ ޖަޒީރާ ޗެމްޕިއަންޝިޕް މުބާރާތާއި ގުޅޭގޮތުން 12 މާރޗ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާއި، 13 މާރޗ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުން ވެސް ލަސްކުރެވިފައިވާ ކަމަށެވެ.
ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 24 މީހަކު ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.