އާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފެމެލީ އެންޑް ލީގަލް ކްލިނިކާ ދެމެދު ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ސޮއިކުރެއްވިއިރު ކްލިނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކުގެ ކޯ-ޗެއަރޕާސަން ހައްވާ ޝަފީއާ ރިޒާ އެވެ.
އެ އެއްބަސްވުމުގެ ދަށުން، އާއިލީ މައްސަލަތަކުގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ގެވެށި އަނިޔާއާއި އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް އާއްމުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ދެ ފަރާތް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.