"ރާއްޖެ ބަނގުރޫޓެއް ނުވާނެ، ރައްޔިތުން ކަންބޮޑުނުވޭ"

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަނެވޭނެ ކަމަށެވެ.

"މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެމްއެމްއޭއާ އެއްކޮށް އަޅުގަނޑުމެން ވީކްލީކޮށް ރާއްޖޭގެ އިގްތިސޯދަށް މި އަންނަ ލޮޅުންތައް ދިރާސާ ކުރަމުން މިދަނީ. ލީޑް އެޖެންސީއެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މީގެ ތެރޭގައި މަސައްކަތް ކުރަމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވާނެ ހަތަރު ފޯކާސްޓެއް ހަދާފައި، ހަތަރު ސިނާރިއޯ އެއް. އެއީ ބެސްޓް ކޭސް ސިނާރިއޯ. ސެކަންޑް ބެސްޓް، ތާޑް ކޭސް އަދި ވޯސްޓް ކޭސް ސިނާރިއޯ. އެހެންވީމަ އެ ހަތަރު ކޭސް ސިނާރިއޯ ގައި ދައުލަތުގެ ބަޖެޓަށް ވަންނާނީ ކިހާ އަދަދެއްކަމާ އަޅުގަނޑުމެން އެ ހާލަތުގައި ދެން ކަޓް ޑައުންސް ގެންނާނީ ކިހިނެއް ކަމާ. އެކަންކަން ކުރިއަށް އެބަދޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ މައުލޫމާތު ކުރިއަށް އޮތްތަނުގައި ކަމާ ބެހޭ މުޒާރާތަކުން ހާމަ ކުރައްވާނެ ކަމަށެވެ.

https://sun.mv/132582

މިހާތަނަށް ކޮވިޑް 19 އާއި ގުޅިގެން 125،000އަށް ވުރެ ބުކިން ކެންސަލްވެފައިވާކަން މިނިސްޓަރު މިއަދު ހާމަކުރެއްވިއެވެ. އޭގެ ސަބަބުން ލިބުނު މާލީ ގެއްލުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް