ޓޫރިސްޓަކު ކޮރޯނާއަށް ޝައްކުވެގެން ބަތަލާ ރިސޯޓް ލޮކްޑައުންކޮށްފި

އއ. ބަތަލާ ރިސޯޓް --

އއ. ސޭންޑީސް ބަތަލާ ރިސޯޓްގައި ހުރި ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ފެނިގެން އެ މީހާ އެކަހެރިކޮށް، އެ ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ފެނިފައި ވަނީ، އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީވިލާތުގެ ޓޫރިސްޓެއްގެ ގައިން ކަމަށެވެ. އަދި އެ މީހާ މިހާރު، އެކަހެރިކޮށް ބައްޔަށް ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ރިސޯޓަށް މީހުން އަރައި ފޭބުން މިވަގުތަށް މަނާކޮށް، އެ ޓޫރިސްޓާ މުއާމަލާތްކޮށްފައިވާ މީހުން ހޯދުމަށް، ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުންޏެވެ.

އިތުރު ރިސޯޓެއް ލޮކްޑައުންކުރިއިރު، ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ހުރި ޓޫރިސްޓުން ފެނުމާ ގުޅިގެން، ސަމާ އައިލެންޑް ރިސޯޓް ވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ދެ މީހަކާއި އެ ރިސޯޓްގެ ޑޮކްޓަރާ އަދި އިތުރު މުވައްޒަފަކު ވަނީ އެކަހެރިކޮށްފަ އެވެ.

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން އެ ބައްޔަށް ޝައްކުވި ދެ މީހުން ޕޮޒިޓިވްވެފައި ވާތީ، އެ ރިސޯޓަށް އަރައިފޭބުން މަނާކޮށް އެ ރަށުން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ރަށުގެ ހާލަތު މިހާރު ވަނީ، އޮރެންޖް ލެވަލްގަ އެވެ.

ކުރެއްދޫގައި މަސައްކަތް ކުރަމުން އައި ބިދޭސީ ދެ މުވައްޒަފުންނަށް ކޮރޯނާ ޖެހުނީ މިފަހުން އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިންކަން ވަނީ އެނގިފަ އެވެ. އެ ޓޫރިސްޓު މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ރާއްޖެއިން އެނބުރި ގައުމަށް ދިޔަފަހުންނެވެ.

އެ ޓޫރިސްޓު މީހާޔާ ކޮންޓެކްޓުވި މީހުން ހޯދައި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ގެންދަނީ ކުރަމުންނެވެ.

ރާއްޖެއިން ކޮރޯނާ ޕޮޒިޓިވް ދެ ކޭސް ފެނުމާ އެކު ރާއްޖޭގެ ބަލީގެ ހާލަތު ވަނީ މިހާރު ވައިޓް ލެވަލް އިން ޔެލޯ ލެވަލްއަށް ބަދަލުކޮށްފަ އެވެ. ޔެލޯ ލެވަލް އަކީ ރާއްޖެ އަންނަ މީހަކު ބައްޔަށް ޕޮޒިޓިވް ވުމެވެ.

ޔެލޯ ލެވަލް - ރީދޫ ލެވަލްގެ ފިޔަވަޅުތައް:

  • ބައެއް ރަށްރަށަށް ނޫނީ ސަރަހައްދުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެންގުން.
  • ބައެއް ރަށްރަށުން އަންނަ މީހުން ސްކްރީން ކުރުން.
  • ބައްޔަށް ޝައްކުވާ އަދި ޕޮޒިޓިވްވާ މީހުން އެކަހެރިކޮށް ހެލްތް މިނިސްޓްރީ އެލާޓަށް އައުން.
  • އާންމު ސާފުތާހިރުކަމާއި އާންމުން ބައްޔަށް ހޭލުންތެރިވެފައިވާކަން ކަށަވަރު ކުރުން.
  • ވައިރަހުގައި ހާލުބޮޑުވާ ބަލި މީހުން އެކަމަށް ހާއްސަ ފެސިލިޓީއަށް ބަދަލުކޮށް ފަރުވާ ފެށުން.
  • އާންމުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ކަންކަމަށް ފިޔަވަޅު އެޅުން.

ކޮރޯނާ ވައިރަހަށް ޝައްކުވެގެން މިހާތަނަށް ރާއްޖެއިން 11 މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭގެ ތެރެއިން، ބައްޔަށް ޕޮޒިޓިވްވީ ދެ މީހުން ނަމަވެސް، ދެން ތިބި މީހުންގެ ޓެސްޓްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން، ވ. ތިނަދޫއިން ބައްޔަށް ޝައްކުވި އިޓަލީ ޓޫރިސްޓު އެ ބައްޔަށް ނެގެޓިވްކަން ޓެސްޓްތަކުން ދައްކާފައިވެ އެވެ. އެހެން ނަމަވެސް، އޭނާގެ ގައިގާ ރޯގާގެ އަލާމާތްތައް ހުރުމުން 24 ގަޑިއިރު ފަހުން އަލުން ޓެސްޓް ހެދުމަށް އޭނާ ވަނީ އަދިވެސް އެކަހެރިކޮށްފަ އެވެ.

ރާއްޖެ އައި އިޓަލީ ޓޫރިސްޓުންގެ ގައިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެންނަން ފެށުމުން ސަރުކާރުން ވަނީ މިރޭ 11:55 އިން ފެށިގެން އިޓަލީ މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

comment ކޮމެންޓް