މުޣުނީ ދެއްކި ވާހަކައަށް އެމްޑީޕީން މައާފަށް އެދިއްޖެ

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އިދިކޮޅު މެންބަރުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއް މުޣުނީ ވިދާޅުވުމުން، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މައާފަށް އެދިވަޑައިގެންފި އެވެ.

މިއަދުގެ ޖަލްސާގައި މުޣުނީ އެހެން ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކޮރޯނާއާ ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

"މިބޭފުޅުން ކަންބޮޑުވެގެން އުޅޭ ކަމަކީ، ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށްދެވޭތޯ. އަޅުގަނޑުމެން ހުވަދުއަތޮޅަށް ދަތުރު މިފަށަނީ ފަރުވާ ހިފައިގެން. މައުލޫމަތު ދީގެން، ވައިރަސްއަށް ބޭނުންވާ ފަރުވާ ހިފައިގެން. އިންތިހާބު ކާމިޔާބު ކުރާނީ، ތިބޭފުޅުން [އިދޮކޮޅުން] ކޮރޯނާ ވައިރަހުގައި ޖައްސާފައި ބައިތިއްބައިގެން،" މުޢުނީ ވިދާޅުވި އެވެ.

މުޣުނީގެ ވާހަކައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް، އެ މެމްބަރަށާއި ރައްޔިތުންގެ މަޖިލީހަށް އަދި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފާޑުކިޔުންތަކާ އެކު މިހާރު އެމްޑީޕީން ވަނީ މުޣުނީގެ ވާހަކަތަކަށް މައާފަށް އެދިފައެވެ.

މިއަދުގެ ޖަލްސާގެ ވޯޓު ގަޑިއަށްފަހު ނިޒާމީ ނުކުތާއެއް ނަންގަވައި އެމްޑީޕީ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މވިދާޅުވެވުނު ބަހަށް މެމްބަރު މުޣުނީ މައާފަށް އެދިފައިވާ ކަމަށެވެ.

އަދި ބަޔަކަށް ބަލި ޖައްސާފައި އިންތިހާބެއް ކާމިޔާބު ކުރުމަކީ ނުވަތަ އެހެން ވެސް ކަމެއް ކުރުމަކީ މުޣުނީގެ ވިސްނުން ނޫންކަމަށާއި އަދި އެއީ އެމްޑީޕީގެ ފިކުރއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އެމްޑީޕީން ވެސް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ވެސް އަޅުގަނޑު އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދެން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މުޣުނީ ވިދާޅުވި ބަހަކީ ގަސްތުގައި ވިދާޅުވި ބަހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ މެމްބަރަށް އޮޅިގެން ވިދާޅުވެވުނު އެއްޗެއް ކަމަށެވެ.

އާޒިމްގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެކަން ސާފުކޮށްދެއްވިކަމަށްޓަކައި އާޒިމް އަށް ޝުކުރު އަދާކުރައްވައިފައެވެ.

އީވާ ވިދާޅުވީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު، މެމްބަރަކު ދައްކަވާ ވާހަކައެއް ހުއްޓުވައި، އެ ވާހަކައަކީ ދެއްކޭނެ ވާހަކައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު މަޖިލީހުގެ ގަވާއިދުގައި ރިޔާސަތަށް ދީފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ބިލުތަކާއި، ގަރާރުތަކާއި ކުއްލި މައްސަލަތަކަށް ބަހުސް ކުރައްވާއިރު އަނިޔާވެރި ބަސްމަގު ބޭނުން ނުކުރައްވައި އެކަން ކުރެއްވުމަށް އީވާ ވަނީ މެމްބަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.

"ކިތަންމެ ވަރަކަށް ސިޔާސީ ގޮތުން ކޯޅުނު ކަމުގައި ވިޔަސް އެއް ބޭފުޅަކު އަނެއް ބޭފުޅަކާ އަދި ދިވެހި ރައްޔިތުން ތެރޭގައި އެކަކު އަނެކަކާ އެހާ އަނިޔާވެރި ވާނޭ ގޮތަކަށް ވާހަކަ ނުދެއްކެވުން. ބިލްތަކަށް ގަރާރުތަކަށް މައްސަލަތަކަށް ކިތަންމެ ވަރަކަށް ވެސް މަޝްވަރާ ކުރެވޭނެ މެމްބަރުންނަށް އެހާ އަނިޔާވެރި ބަހުސް ބޭނުން ނުކުރައްވައި،" އީވާ ވިދާޅުވިއެވެ.

އާޒިމްގެ ވާހަކައާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ މުޣުނީ އަކީ އެފަދަ ވާހަކައެއް ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި އެއީ ހުވަދޫ މީހަކު މާލޭ ބަހުން ވާހަކަދައްކަވަން އުޅުމުން ދިމާވި "ޓެކްނިކަލް މައްސަލައެއް" ކަމަށެވެ.

ޖާބިރުގެ ވާހަކަ އެމްޑީޕީ މެމްބަރުންނަށް މަޖާވެ، ބާރަށް ހެމުންގެންދިޔަ ނަމަވެސް ރިޔާސަތުގައި އިންނެވި އީވާ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް