ސެންޓްރަލް ޒޯނަށް ތައްޔާރުވުމުގެ ގޮތުން ފިރިހެން ވޮލީ ޓީމު ސާބިއާއަށް ފުރައިފި

ގައުމީ ފިރިހެން ވޮލީ ޓީމު ސާބިއާއަށް ފުރުމުގެ ކުރިން ---

މި އަހަރު އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމު ސާބިއާއަށް މިއަދު ފުރައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށް ދިޔަ އޭވީސީ ސެންޓްރަލް ޒޯނަށް ތައްޔާރުވުމަށް ގައުމީ ފިިިރިހެން ވޮލީބޯޅަ ޓީމު ވަނީ ސާބިއާގައި އެ ގައުމުގެ އެހީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ޓްރެއިނިން ކޭމްޕަކީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ސާބިއާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެއްސި ކޭމްޕެކެވެ. އަދި އޭރު ވަނީ މުސްތަގުބަލުގައި ސާބިއާގެ އެހީގައި އިތުރު ދަތުރުތަށް ގައުމީ ޓީމުތަކަށް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ކުޅިވަރު މިނިސްޓްރީން ހަމަޖައްސައިދިން ފުރުސަތަކާ އެކު ގައުމީ ފިރިހެން ޓީމު މިއަދު ވަނީ ސާބިއާގައި ކޭމްޕް ކުރުމަށް ފުރައިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި ގައުމީ އަންހެން ޓީމު ވެސް ކޭމްޕް ކުރުމަށް ސާބިއާއަށް ދިއުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގައުމީ ފިިރިހެން އަދި އަންހެން ޓީމަށް އިރުޝާދު ދެނީ ވެސް ސާބިއާ ކޯޗުންނެވެ. ފިރިހެން ޓީމުގެ ކޯޗަކީ މަޝްހޫރު ގިނަ ޓީމުތަކާ އެކު މަސައްކަތްކޮށްފައިވާ މިލޮރަޑް ކިޔާޗް އެވެ. އަދި އަންހެން ޓީމުގެ ކޯޗަކީ ފިރިހެން ޓީމުގެ ޓްރެއިނަރު ކިޔަޗް ރަޑޯވަން އެވެ.

މިހާރު ރޭވިފައި އޮތްގޮތުން މި އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން މުބާރާތް އޮންނާނީ އަންނަ މަހު 22 އިން 27 އަށް ބަންގްލަދޭޝްގަ އެވެ. މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުން ރާއްޖެ ދިޔައީ ހަތަރު ވަނަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ކެޓީ އުޒްބަކިސްތާނާ ވާދަކޮށް ތިންސެޓުން ބަލިވެގެންނެވެ. އަދި ތިން ވަނަ ހޮވާ މެޗުގައި ބަލިވީ ތުރްކުމެނިސްތާން އަތުންނެވެ.

އަންހެން މުބާރާތް މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުން ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ރިހި މެޑަލް ހޯދިއިރު، މިއީ ބައިނަލްއަގުވާމީ މައިދާނުގައި އަންހެން ވޮލީ ޓީމުން ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ. އެ މުބާރާތުގެ ފައިނަލުން އަންހެން ޓީމު ބަލިވީ ނޭޕާލާއި ވާދަކޮށް ސީދާ ތިންސެޓުންނެވެ.

މި އަހަރުގެ އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުން އެ މުބާރާތް ލ. އަތޮޅުގައި ކުރިއަށްގެންދަން ނިންމި އެވެ. އެކަމަކު މިހާރު އޮތްގޮތުން އެ މުބާރާތް އެ ސަރަހައްދުގައި ބޭއްވޭނެ ކަމުގެ އުއްމީދު ކުޑަ އެވެ. ސެންޓްރަލް ޒޯން އަންހެން މުބާރާތް ބާއްވަން މިހާރު ނިންމާފައިވަނީ އޭޕްރީލް 10 އިން 20 އަށެވެ.

މިއީ ރާއްޖޭގައި ބާއްވާ އަންހެން ވޮލީގެ ބައިނަލްއަގުވާމީ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ 2017 ވަނަ އަހަރު އެވެ. އެ ފަަހަރު ބޭއްވީ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރެވެ.

comment ކޮމެންޓް