ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅާ ވިހޭ ދަރިއެެއް: ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު، ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ފެށުމާ ގުޅިގެން ޝާހިދު މީޑިއާތަކަށް ފޮނުއްވި މެސެއްޖެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ގެނެސްދިނީ ވެސް އަދި ނިޒާމް ހިންގަން ބޭނުންވަނީ ވެސް އެމްޑީޕީން ކަމަށެވެ.

އަދި އެ ނިޒާމު ހިންގަން އެނގޭނީ އެމްޑީޕީއަށް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީ ގާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާއީދުނުކުރާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދި. އެހެންކަމުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކަށް އެމްޑީޕީ ނޫން އެހެން ކެންޑިޑޭޓުން ހޮވޭތަނެއް ނުފެނޭ، އަދި ހޮވަން ޖެހޭ ސަބަބެއްވެސް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށް ވިދާޅުވެފަ އެވެ. އެދަރިއަށް އެމްޑީޕީން ދެރައެއް ނުދޭނެ ކަމަށާއި އެ ދަރި ދޫކޮށް ނުލާނެކަމަށް ވިދާޅުވާ ވިދާޅުވުން ޝާހިދު ތަކުރާރުކުރެއްވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ އިންތިހާބަށް ތައްޔާރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެމްޑީޕީން ވަނީ އެ ޕާޓީގެ ކެމްޕޭން ރަސްމީކޮށް މިރޭ ލޯންޗުކޮށްފަ އެވެ. އެމްޑީޕީއިން ބުނަމުން އަންނަނީ ކައުންސިލް އިންތިހާބުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށެވެ.

comment ކޮމެންޓް