62 އަހަރު ކުރީން ގެއްލުނު ދަބަސް ފެނުނީ ލޮކަރެއް ފަހަތުން

ރަތް ކުލައިގެ އަތް ދަބަސް އަކީ ޕެޓީ ރަމްފޯލާ ނަމަކަށް ކިޔާ އަންހެނަކަށް ރައްދުވާ އެއްޗެއް --- ފޮޓޯ : އެމްއެސްއެން

މީގެ 62 އަހަރު ކުރީން ގެއްލުނު އަތް ދަބަހެއް، އެމެރިކާގެ އޮހާޔޯގައި ހުންނަ ނޯތު ކްލިންޓަން މިޑްލް ސްކޫލުގެ ލޮކަރެއް ފަހަތުން ފެނިއްޖެ އެވެ.

އޮހާޔޯއިން ދަބަސް ގެއްލިފައިވަނީ 1957 ވަނަ އަހަރުގައެވެ. އެ ދަބަހުގައި ހުރި އެއްވެސް އެއްޗެއްގައި މީހަކު މީގެ ކުރީން އަތްލާފައި ނުވާއިރު، އެ ދަބަސް ހުޅުވާލުމުން ގިނަ ބަޔަކަށް މާޒީއަށް ދެވުނު ކަހަލައެވެ.

ސްކޫލުގެ ކަސްޓޯޑިއަންއެއް ކަމަށްވާ ޗޭސް ޕައިލް އަށް އެ ދަބަސް ފެނިފައިވަނީ ސްކޫލުގެ މަރާމާތުގެ މަސައްކަތެއްގައި އުޅެނިކޮށެވެ. އެއަށްފަހު އެ ދަބަސް ފެނުމުން އެ ދަބަސް ސްކޫލު އޮފީހަށް ގެންދިޔައެވެ.

އެއާއެކު މަސައްކަތް ފެށުނީ އެ ދަބަހުގެ ވެރި ފަރާތުގެ އާއިލާއަށް ގުޅާށެވެ. އެ ދަބަހުން ފެނުނު ތަކެތީގެ ވެރިފަރާތަކީ ކޮބާކަން އާއިލާގެ ފަރާތުން އެނގިގެން ދިޔައެވެ.

އެ ދަބަހުގެ ތެރެއިން ޕެޓީގެ ނޯޓްތަކާއި ފޮޓޯތަކަކާއި މޭކްއަޕްވެސް ވަނީ ފެނިފައި --- ފޮޓޯ : އެމްއެސްއެން

ދަބަހުގެ ވެރި ފަރާތަކީ ޕެޓީ ރަމްފޯލާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ އަކީ ކެންޓަން ސްކޫލު ހުރި އިމާރާތުގައި ކުރީން ހުރި ހޫވާ ހައި ސްކޫލުން ދަސްވެނިވި ދަރިވަރެކެވެ. އޭނާ ހޫވާ ހައި ސްކޫލުން ދަސްވެނިވީ 1960 ގައެެވެ.

ރަމްފޯލާގެ އާއިލާއިން ބުނެފައިވަނީ އޭނާ ވަނީ 2013 ވަނަ އަހަރު މަރުވެފައި ކަމަށެވެ.

އެހެންނަމަވެސް އޭނާގެ އާއިލާއިން ވަނީ އެ ދަބަހުގައި ހުރި އެއްޗެހީގެ މައުލޫމާތު ހިއްސާ ކުރުމަށް ހުއްދަ ދީފައެވެ. އެގޮތުން އެ ދަބަހުގެ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި 1950ގެ ފޮޓޯތަކާއި މޭކްއަޕް އަދި ނޯޓް ފަދަ ތަކެތި ހިމެނެއެވެ.

ރަމްފޯލާގެ ދަބަހުގައި "ބީޗް ނަޓް" ބްރޭންޑުގެ ޕެޕަރމިންޓް ފްލޭވާ ޗުވިންގަމް އެއް އޮތެވެ. އަދި ބޮނީ ނަމަކަށް ކިޔާ ރަހުމަތްތެރިޔަކު ލިޔެފައިވާ ރީތި މެސެޖެއްވެސް އެ ދަބަސްތެރޭގައި އޮތެވެ.

comment ކޮމެންޓް