އަޅުގަނޑަށް ރިޝްވަތު ދޭން މީހަކު ނުވެސް ވިސްނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް އެދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރިޝްވަތު ދިންކަމަށް ދެކެވޭ ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ ކަމަށާއި އެފަދަ ކަމެއް ކުރުމަށް މީހަކު ނުވެސް ވިސްނާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ހިންގުމަށް ޓީއެމްއޭއަށް ދިނުމަށް ކުރީގެ ސަރުކާރުން ނިންމާފައި އޮތް ނިންމުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ އިރު، އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދިޔައީ ވާހަކަ ފަތުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓީއެމްއޭ ނުވަތަ އެހެން ކުންފުންޏަކުންވެސް އެމަނިކުފާނަށް ފައިސާއެއް ދީފައި ނުވާ ކަމަށެވެ.

"ޓީއެމްއޭއަކަށް، އެހެން ބަޔަކަސްވެސް އަޅުގަނޑަށް ރުފިޔާއެއް ނުދޭ. ނުވެސް ދޭނެ. ދޭކަށް ނުވެސް އުޅޭ. މީހަކު އެކަމާ ނުވެސް ވިސްނާނެ،"

އެއާއެކު އެމަނިކުފާނު ދެއްވީ އިންޒާރެކެވެ: "ދެއްވަން އުޅުއްވާ ބައްލަވާ އަޅުގަނޑަށް، އެއްވެސް މީހަކު އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެ ބަޔަކަށްވެސް ވަރަށް ސާފުކޮށް އެނގޭނެ،"

އެމަނިކުފާނު ވިދާޅުވީ ރިޝްވަރު ހިފުމާއި ރިޝްވަތު ދިނުމާއި އަދި ރިޝްވަތު ދޭންއުޅޭކަން އެނގިހުރެ އެކަމާ އަޅާނުލުމަކީވެސް މަނާ ކަމެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ލައްވާ ވަކި ގޮތަކަށް ވަކި ކަމެއް ކުރުވުމަށް އެއްވެސް ބަޔަކު ނޫޅުމަށް އިލްތިމާސްކުރެއްވިއެވެ.

"އެއްވެސް ބޭފުޅާކު ރިޝްވަތުގެ ގޮތުގައި ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ނިޔަތުގައި އަޅުގަނޑާ ރަހުމަތްތެރިވެ ވާހަކަދައްކާ ނުހެއްދެވުމަށް ވަރަށް އަދަބުވެރިކަމާއެކު އެދެން،" ނަޝީދު ވިދާޅުވިއެވެ.

http://sun.mv/131653

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން ކުރީގެ ސަރުކާރުން އެމްއޭސީއެލް މެދުވެރިކޮށް އެކުންފުންޏަށް ސިޓީއެއް މެދުވެރިކޮށް އެންގިކަމަށް އެ ކުންފުނިން ބުނެފައިވާ އިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ސީޕްލޭން ޓާމިނަލުގެ މައްސަލައިގައި އެކުލަވާލި ތަހުގީގު ރިޕޯޓުގައި ވާގޮތުން ޓާމިނަލް ހިންގުމުގެ ވިސްނުމެއް އެ ކުންފުނިން ގެންގުޅެފައެއްވެސް ނުވެއެވެ.

ސީޕްލޭން ޓާމިނަލް ހަވާލުކުރަން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށާއި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއްވެސް އޭސީސީން ވަނީ ފަށާފައެވެ.

ކުރީގެ ސަރުކާރުން ނިންމާފައި އޮތް ގޮތް ބަދަލުކޮށް، މިހާރުގެ ސަރުކާރުން ނިންމާފައިވަނީ ސީޕްލޭން އޮޕަރޭޓަރުންގެ މާކެޓް ޝެއާއަށް ރިއާއަތްކޮށް، މިހާރުވެސް އެ ކުންފުނިތަކުން އެއާޕޯޓުގައި ލައުންޖު ހިންގާ ވަރުގެ ސަރަހައްދު އެ އަގުގައި ދިނުމަށެވެ. އަދި ޓާމިނަލުން ބާކީވާ 21،000 އަކަ މީޓަރު ވާދަވެރި ޓެންޑާއެއް މެދުވެރިކޮށް ވިއްކުމަށެވެ.

http://sun.mv/131659

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ "ދުރުވިސްނޭ، ފުޅާ، ރަނގަޅު ނިންމެވުމެއް" ކަމަށެވެ.

"ހީލަތާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން އެ ޓާމިނަލް އެކީގައި ޓީއެމްއޭއަށް ދޭން ކުރީ ސަރުކާރުން ނިންމާފައި އޮތް ނިންމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ބަދަލުކުރެއްވީ. އަދި އެ ނިންމުން މާލީ ވަޒީރު ވިދާޅުވެދެއްވީ. އެއީ އަޅުގަނޑު ހިތުން މިހާރު އޮތް ގޮތް. ފަހު ބަހަކީވެސް އެއީ،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް