ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިދެވޭގޮތަށް ހިމަނައި ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ޕޮލިސް ކޮމިޝަނަރަށް ލިބިދެވޭ ބާރުތަކާއި، ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕޮލިސް ކޮމިޝަނަރު އައްޔަން ކުރެވޭނެ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މަގާމަށް ކުރިމަތިލާކަށް މިހާރު ފުރުސަތެއް ނޯވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަންޖެހޭ ކޮންމެ ހާލަތެއްގައި އެކަމަށް އެދޭ ފަރާތްތަކުން އެ މަގާމަށް ކުރިމަތިލާން ޕްރޮމޯޝަން ބޯޑުން ހުޅުވާލަން ޖެހޭނެ އެވެ. އަދި އެ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕްރޮމޯޝަން ބޯޑުން އިންޓަވިއުކޮށް، އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތަކެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެދި ކުރިމަތިލާ ފަރާތްތައް މަގާމުގެ ޝަރުތު ހަމަވާކަން އަދި އަބުރުވެރިކަން ހުރި ނިސްބަތް އަންގައިދޭ ރިޕޯޓެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ކޮމިޝަނަރު އައްޔަން ކުރުމުގައި ބަލަން ޖެހޭނެ ޝަރުތުތަކެއްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމުގެ ޝަރުތުތައް

  • ފުލުހުންގެ ކޮމިޝަންޑް ފުލުހުންގެ ކިބައިގައި ހުރުން ލާޒިމް ހުރިހާ ސިފައެއް ހުރުން
  • އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގައިވާ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ސާބިތުވެފައި ނުވުން
  • ފުލުހުންގެ ހިދުމަތުގައި މަދުވެގެން 15 އަހަރު މަސައްކަތް ކޮށްފައިވުމާއެކު، އޭގެތެރެއިން މަދުވެގެން ތިން އަހަރު އެގްޒެކެޓިވް އޮފިސަރެއްގެ ރޭންކުގައި މަސައްކަތް ކޮށްފައިވުން
  • ޕޮލިސް ކޮމިޝަނަރުކަން އަދާކުރަން ބޭނުންވާ ތައުލީމާއި ސިއްހަތާއި ތަމްރީނާއި ތަޖުރިބާ ޕްރޮމޯޝަން ބޯޑުން ކަނޑައަޅާ މިންގަނޑަކަށް ހުރުން
  • ކޮރަޕްޝަނުގެ އަމަލެއް ނުވަތަ އަބުރު ގެއްލިދާނެ ފަދަ އެއްވެސް އަމަލެއް ދައުލަތުގެ މުއައްސަސާއަކުން އެމީހަކާ މެދު ފާހަގަކޮށްފައި ނުވުން

ޕޮލިސް ކޮމިޝަނަރު ކަމަށް މީހަކު އައްޔަނު ކުރެވޭނީ ހަތަރު އަހަރު ދުވަހުގެ ދައުރަކަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެ ދައުރު ފުރިހަމަ ކުރުމުން ހަތަރު އަހަރު ދުވަހުގެ އިތުރު ދައުރަށް އޭނާ އެމަގާމަށް އައްޔަނު ކުރެވިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ޕޮލިސް ކޮމިޝަނަރަކު އައްޔަނުކުރާނީ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް މިނިސްޓަރު ހުށަހަޅާ ނަންތަކަކަށް ބިނާކޮށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ މީހަކު ހުރި ނަމަ ދެން އެ މަގާމަށް މީހަކު އައްޔަންކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ފުލުހެއް ޔުނިފޯމުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޕޮލިސް ކޮމިޝަނަރުގެ މަގާމުން މީހަކު ވަކިކުރުމުގެ ބާރުވެސް ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެއީ މިހާރުވެސް ގާނޫނުގައި އޮންނަ ގޮތެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރަކު މަގާމުން ވަކިކޮށްދިނުމަށް އެދި މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދެވޭނީ ވަކި ހާލަތްތަކެއް މެދުވެރި ވުމުން ކަމަށެވެ. އޭގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވުމާއި، ދިމާވާ ސިއްހީ ހާލަތެއް ސަބަބުން ކަމަށްވުން ވެސް ހިމެނެ އެވެ. އަދިވެސް އިތުރު ކަންތައްތަކެއް ހިމެނެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވާގޮތުން ޕޮލިސް ކޮމިޝަނަރަށް ލަފާ ދިނުމަށްޓަކައި ދެ މަގާމެއް އެ ބިލު ގާނޫނަކަށްވެސް އަމަލުކުރަން ފެށުމާއެކު އުފައްދަން ޖެހޭނެ އެވެ. އެއީ ކޮމިޝަނަރުގެ ލީގަލް ކައުންސިލް އަދި ޓެކްނިކަލް އެޑްވައިޒަރުގެ މަގާމެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރާ ބޯޑު އެކުލަވާލާނީ އޭރަކު ހުންނަ ޕޮލިސް ކޮމިޝަނަރު ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީވެސް ޕޮލިސް ކޮމިޝަނަރު ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވާއިރު އަދި އިބްތިދާއީ މަހުސް މަރުހަލާއެއް ނުފަށަ އެވެ.

comment ކޮމެންޓް