ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދަ އަރާ ގެއްލުންވެފައިވީ ނަމަވެސް، އެ މައްސަތައް އަދި ހުށަހަޅާފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައި އެކި ކަހަލަ ގެއްލުން ވަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ދެކެވެމުންނެވެ.
އެކަމާ ގުޅިގެން ސަން އަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކިއުޓިވް ހިސާން ހަސަން ވިދާޅުވީ މިހާތަނަށް އެ އޮތޯރިޓީއަށް އެފަދަ މައްސަލައެއް ހުުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ ރަށްތަކުގެ ކައުންސިލުތަކަށް ގުޅައިގެން އެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އެ އޮތޯރިޓީއަށް އުދައެރުމުގެ މައްސަލައެއް ހުށަހަޅާފައި ނުވަނީ ރަށްތަކުގެ ގޭބިސީއަށް ގެއްލުން ވެފައި ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.
އެހެންނަމަވެސް ސޯޝަލް މީޑިއާއިން ފެންނަ ގޮތުގައި ނ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެހެން އަތޮޅުގެ ބައެއް ރަށްތަކަށްވެސް އުދައިގެ އަސަރުކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވަނީ ރޭގައި ނ. އަތޮޅު ހޮޅުދޫއަށް އުދައިގެ އަސަރުކޮށް ލޮނުގަނޑު ވަނީ ރަށުގެ ބައެއް ގެތަކާ ހަމައަށް ފޯރާފައި ކަމަށެވެ. އަދި އެ ހާލަތާ ގުޅިގެން ހޮޅުދޫގައި ތިބޭ ފުލުހުން ވަނީ ރަށުގެ ގެތަކަށް ފެން ވަނުން ހުއްޓުވުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިއްޔެ ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގައި ރާއްޖޭގެ ކަނޑުތައް ގަދަވެ ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.