އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާނީ ހަތް ދާއިރާއަކަށް!

ގިނަ އަދަދެއްގެ ސަރުކާރު އޮފީސްތައް ހިންގާ ވެލާނާގެ --- ސަންފައިލް ފޮޓޯ

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ މިނިމަމް ވޭޖް ކަނޑައަޅާނީ، ދާއިރާތަކަށް ވަކިވަކިން ކަމަށް، ބިލުގައި ހިމަނައިފި އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. މިއަދު މަޖިލީހުގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވެ، ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑެއް އުފައްދައި އެ ބޯޑަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ. އެ ބޯޑުގެ މަސްއޫލިއްޔަތުތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައަކީ ކޮބައިކަން ދިރާސާކޮށް ދެނެގަތުމަކީ މިިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ހަތް ދާއިރާއަކަށް ވަކިވަކިން ރިއާޔަތްކޮށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުމަކީވެސް އެ ބޯޑުގެ ޒިންމާއެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ވަކިވަކި ދާއިރާތައް

  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ
  • ފަތުރުވެރިކަމުގެ ދާއިރާ
  • ކޮންސްޓްރަކްޝަން ދާއިރާ
  • ދަތުރުފަތުރުގެ ދާއިރާ
  • ސިއްހީ ހިދުމަތުގެ ދާއިރާ
  • ތައުލީމީ ހިދުމަތުގެ ދާއިރާ
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ

ބިލުގައި ބުނެފައިވަނީ ކޮންމެ ދެ އަހަރަކުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ މުރާޖާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަދަލެއް ގެންނަން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ފެންނަ ނަމަ ބޯޑުން މިނިސްޓަރަށް ލަފާ އަރުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެމާއްދާގައި ދެ އަހަރު ބަޔާންކޮށްފައި ވީ ނަމަވެސް ގައުމަށް ދިމާވާ އިގްތިސާދީ ހާލަތަކާ ގުޅިގެން ދެ އަހަރު ވުމުގެ ކުރިންވެސް އެންމެ ކުޑަމިނުން ދެވޭ އުޖޫރައަށް ބަދަލު ގެންނަން ބޯޑުން މިނިސްޓަރަށް ލަފާ އެރުވިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މިނިމަމް ވޭޖް އެޑަވައިޒަރީ ބޯޑު އެކުލެވިގެން ވާނީ 11 މެމްބަރުންގެ މައްޗަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މިނިމަމް ވޭޖް އެޑަވައިޒަރީ ބޯޑު އެކުލެވިގެންވާ ގޮތް

  • ބޯޑުގެ ޗެއާ ޕާސަންގެ ގޮތުގައި އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެއް
  • ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތެއް
  • ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި، އެ ހަތަރު ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން
  • ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރީން ތަމްސީލުކުރާ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެމްބަރުން

މިނިމަމް ވޭޖް އެޑަވައިޒަރީ ބޯޑު މެމްބަރުންގެ އުޖޫރަ ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރައާ ގުޅޭ ގޮތުން ބޯޑުން މިނިސްޓަރަށް ލަފާ އަރުވާތާ 30 ދުވަހުގެ ތެރޭގައި މިނިސްޓަރު ނެރޭ އަމުރަކުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. މިނިމަމް ވޭޖް ކަނޑައަޅާއިރު ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއްވެސް ބިލުގައި ބުނެފައިވެ އެވެ.

އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކާއި އިގްތިސާދީ ކަންކަމާއި ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތް ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މުސާރައާއި އުޖޫރައާއި ބެހޭ ގޮތުން ލަފާދޭ ބޯޑެއް ރައީސް އެކުލަވާލާފައިވާއިރު އެ ބޯޑުން މިހާރު ވަނީ ދިރާސާ ރިޕޯޓެއް ތައްޔާރުކޮށް ރައީސަށް އަރުވާފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވިދާޅުވެފައިވަނީ މިނިމަން ވޭޖް ކަނޑައެޅުމުން އިގްތިސާދަށް ލޮޅުމެއް އަންނާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަމުން ދާތީ ،ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް