''ނީނާ''ގެ ފަސްޓް ލުކް މިއޮތީ

ނީނާ ފިލްމުގެ ފަސްޓް ލުކް މަންޒަރަކީ ލ. އަތޮޅުގައި ނަގާފައިވާ މަންޒަރެއް --- ފޮޓޯ : ދިރާގު

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ލ. އަތޮޅުގެ ޝޫޓިން ފަށައި ފަސްޓް ލުކް އިއްޔެ އާންމުކޮށްފި އެވެ.

ދިރާގުން ދާދި ދެންމެއަކު ވަނީ ފިލްމުގައި ހިމެނޭ މަންޒަރެއްގެ ފަސްޓް ލުކް އާންމުކޮށްފައެވެ.

ފިލްމުގެ ފަސްޓް ލުކް އިން ފެނިގެންދަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ނުޒުހަތު ޝުއައިބާއި ޝަރަފް އަބްދުﷲ ކެޔޮ ދަނޑެއްގައި ތިބި މަންޒަރެވެ. ޝަރަފް އަކީ ނީނާ ފިލްމުން، ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފުވާ ފަންނާނެކެވެ.

އެ ފިލްމުގެ މާލޭގެ ޝޫޓިން ނިންމާލުމަށްފަހު ކާސްޓާއި ކްރޫއިން ވަނީ މިދިޔަ އަންގާރަދުވަހު ލ. އަތޮޅަށް ގޮސްފައެވެ. ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ގުޅިފައިވާ ތިން ރަށް ހިމެނޭ ސަރަހައްދުގައެވެ.

ނީނާ ފިލްމުގެ ބޮޑު ކާސްޓެއް އޮތް އިރު އެ ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނެ ފަންނާނުންގެ ތެރޭގައި ހިމެނެނީ ޖުމައްޔިލް ނިމާލް، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

ނީނާއަކީ މިއަހަރު ނެރޭނެ ވަރުގަދަ ފިލްމަކަށް ހެދުމަށް ފިލްމުގެ ކާސްޓުންނާއި ކްރޫއިން ދަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް