11 އަހަރުގެ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކުރަން އުޅެފި

ފުލުހަކު ބިދޭސީއަކު ހައްޔަރުކޮށްގެން ގެންދަނީ: ބިދޭސީއަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އުމުރުން އެންމެ 11 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހަޅައިފައި ވަނީ މިއަދު މެންދުރު 2:30 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހުވަދު އަތޮޅުގެ ރަށެއްގައި އިއްޔެ 11 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް މިއަދު އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

"ބިދޭސީ މީހާ އަކީ ގަވައިދާ ހިލާފަށް އެރަށުގައި ދިރިއުޅޭ މީހެއް ކަމާއި އޭނާގެ އެއްވެސް ޑޮކުއުމަންޓެއް ނެތްކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުވަދު އަތޮޅު ރަށަކުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުުލުހުންނަށް ހުށަހަޅާފައިވާއިރު، އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު މިދިޔަ އާދިއްތަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހުންގެ ބަންދަށް ހޯމަ ދުވަހު ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތާފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖިންސީ ގޯނާގެ 59 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އެގޮތުުން މިހަފްތާގައި އެކަނި ހުށަހެޅި ނުވަ މައްސަލައެއް ހިމެނެއެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަކީ، 406 އެވެ.

comment ކޮމެންޓް