ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އަންނަ އޭޕްރިލް މަހުގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަކީ އެހެން އަހަރުތަކުގެ އިންތިހާބާ ތަފާތު އިންތިހާބެކެވެ. ވޯޓު ކަރުދާހުން ފެށިގެން ވޯޓު ބާތިވާގޮތްތަކަށްވެސް ވަނީ މިފަހަރު ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން ވޯޓުލާން ދިޔުމުގެ ކުރީން އެ ވޯޓު ބާތިލުވެދާނެ ގޮތްތައް އެނގުން މުހިއްމެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް މިރޭ ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑަށް ދިމާވާނެ އެއް ކަމަކީ އިންތިހާބުގެ ކޮންމެ ވޯޓު ކަރުދާހެއްގައި އެއް ވޯޓަށްވުރެ ގިނަ ވޯޓު އޮންނަ އޮތުން ކަމަށެވެ.
މިއަހަރުގެ އިންތިހާބުގައި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން ހޮވުމުގެ އިންތިހާބު ކުރިއަށްދާނީ އެކީގައެވެ. އެގޮތުން އެ ދެ އިންތިހާބަށް ވަކި ކަރުދާކޮޅު އޮންނާނެ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.
"މިސާލަކަށް މާލޭ ސިޓީގެ މޭޔަކަށް އެންމެ މީހެއް ދެއްތޯ މި އިންތިޚާބު ކުރަނީ. މާލޭ ސިޓީގެ މޭޔަރުގެ ގޮޅީގައި ދެމީހަކާ ދިމާލުގައި ފާހަގަ ޖަހައިފި ކަމުގައިވާނަމަ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހޮވަން ދޭ ވޯޓު ވެސް ބާތިލްވާނެ. އެއް ކަރުދާސްކޮޅެއްގައި މާލޭ ސިޓީގެ މޭޔަރާއި މެމްބަރު ހޮވަން ފާހަގަ ޖަހަން މިޖެހެނ.ީ އެހެންވީމަ މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވޯޓާ ބެހޭގޮތުން އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމާ ބެހޭގޮތުން އަދި ވޯޓު ކަރުދާސް ބާތިލުވާނެ ގޮތާ ބެހޭގޮތުން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ބުކްލެޓެއް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ފޯރުކޮށްދޭނެ ކަމަށެވެ.
"ވޯޓުލާން ވަޑައިގަތުމުގެ ކުރިން ކޮންމެ ރައްޔިތަކު ވެސް ވޯޓު ބާތިލްވާނެ ގޮތް ރަނގަޅަށް ދަސްކުރައްވައިގެން ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ނޫނީ ތިމާ އެންމެ ބޭނުންވެގެން ވޯޓުދޭ މީހާއަށް ދޭ ވޯޓު ވެސް ބާތިލްވެދާނެ،" އަކުރަމް ވިދާޅުވިއެވެ.