އިދްލިބްގެ ހަނގުރާމައިގާ ތުރުކީ ސިފައިންގެ ބަޔަކު ވެސް މަރުވެއްޖެ

ސޫރިޔާ އާއި ރަޝިއާގެ ވައިގެ ސިފައިން އިދްލިބް އަށް ބޮންއަޅަނީ

އިދްލިބް (3 ފެބްރުއަރީ 2020): ސޫރިޔާ ހުޅަނގު އުތުރުގެ ޕްރޮވިންސެއްކަމަށްވާ އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ދެމުން ގެންދާ ޙަމަލާތަކުގައި ތުރުކީ ސިފައިންގެ ހަތަރު މީހުން މަރުވެއްޖެ އެވެ.

މަރުވި ހަތަރު ސިފައިންނަކީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި އިދްލިބަށް ވަދެގެންއުޅޭ ތުރުކީ ސިފައިންގެ ތެޜޭގައި ހިމެނޭ ބައެއްކަމަށް ވެ އެވެ. ތުރުކީއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ އިދްލިބަކީ ތުރުކީފަދަ ބޭރުގައުމުތަކުގެ މަދަދު ލިބިގެން ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ އަދި ސޫރިޔާގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަކޮށް ބަލިވެފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އަނބިދަރިން ޖަމާވެފައިވާ މައިގަނޑު ސަރަހައްދެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ނުވަ އަހަރުވެފައިޥާއިރު ސޫރިޔާގެ ބިންތަކުގެ ތެރެއިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން އަނބުރައި ނުގެނިވަނީ އިދްލިބް ޕްރޮވިންސާއި ސޫރިޔާގެ އިރުއުތުރުގެ ކުރުދީން ދިރިއުޅޭ ސަރަހައްދު އެކަންޏެވެ. މިދެ ސަރަހައްދަކީ ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް 15 އިންސައްތަ އެވެ. ސޫރިޔާ ސިފައިން ވަނި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ދިޔަ އެހެން ބިންތައް މިނިވަންކުރި ގޮތަށް އެ ދެ ސަރަހައްދު ވެސް މިނިވަންކޮށް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ނިންމައި އެކަމަށް އަމަލީ ސިފަގެނައުމުގެ ހަނގުރާމަ މިދިޔަ އަހަރުގެ ފަހުކޮޅު ފަށައިފަ އެވެ.

އިދްލިބަކީ ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ބާޣީ ޖަމާއަތްތަކުގެ ތެރެއިން ތުރުކީގެ މަދަދުލިބޭ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ވެސް މިހާރު ތިބި ހަމައެކަނި ސަރަހައްދެވެ. ސޫރިޔާ ސިފައިންވަނީ އެގައުމުގެ އެހެން ސަރަހައްދުތަކުން އެމީހުން ފައްސާލައިފަ އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާ ތުރުކީ ސިފައިންވަނީ އިދްލިބް އަށް އަސްކަރީ ގޮތުން ވަދެގަނެ އިދްލިބްގައި އަސްކަރީ މަރުކަޒުތަކާއި ޗެކްޕޮއިންޓްތައް ވެސް ގާއިމްކޮށް ފަ އެވެ.

އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ދެމުން ގެންދާ ޙަމަލާތަކުގައި އިދްލިބްގައިވާ ތުރުކީ ސިފައިންގެ މަރުކަޒަކަށް ހަމަލާދީ ތުރުކީ ސިފައިންގެ ހަތަރު މީހުން މަރާލިކަން ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ވަނީ ރުޅިވެރިކަމާ އެކު ކަށަވަރުކޮށް ދެއްވާފަ އެވެ. މިއާއެކު އެރުދުޣާންވަނީ އިދްލިބް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ތުރުކީގެ ކެތްތެރިކަން ކޮޅުންލަމުންދާކަމާއި އެކަމުގެ ސަބަބުން އިދްލިބްގެ އާންމުންނާއި ހަނގުރާމަވެރިން ސަރަހައްދީ ރޮނގު ހުރަސްކޮށް ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ވަންނަމުންދާކަމަށް ވިދާޅުވެފަ އެވެ.

އިދްލިބްގައިވާ ތުރުކީގެ އަސްކަރީ ތަންތަނަށް ސޫރިޔާ ސިފައިން ދިން ވައިގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިދްލިބްގައި ވާ ސޫރިޔާ ސިފައިންގެ ސާޅީސް ޕޮއިންޓަކަށް އެއްގަމާއި ވައިގެ ހަމަލާތައް ދީފައިވާނެކަމަށާ ތުރުކީގެ ރައްދު ޙަމަލާތަކުގައި ސޫރިޔާ ސިފައިންގެ ބައެއް މީހުން މަރުވެފައިވާނެ ކަމަށް ވެސް އިސްތަންބޫލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެރުދުޣާން ވިދާޅުވި އެވެ.

ތުރުކީފަދަ ބޭރުގައުމުތަކުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމައިގެ އަތްދަށުން އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ފަށާފައިޥާ ހަނގުރާމައިގާ ރަޝިޔާގެ ވައިގެ ސިފައިންވެސް ބޮޑު ދައުރެއް އަދާކުރެއެވެ. ރަޝިޔާގެ ފައިޓާ ޖެޓްތަކުން އިދްލިބްއަށް ހުއްޓުމެއްނެތި ޙަމަލާތައް ދެމުން ގެންދާއިރު އެ ހަމަލާތަކުގައި އިދްލިބްގެ ހަނގުރާމަވެރިންގެ އިތުރުން އާންމުން ވެސް ގިނަ އަދަދަކަށް މަރުވަމުންދާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާ ސިފައިން ގެންދަނީ ވައިގެ މަގުން ޙަމަލާތައް ދިނުމުގެ އިތުރުން އެއްގަމުން ވެސް ހަނގުރާމަކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކާ އެކު ފާއިތުވި ތިން ހަފްތާގައި ތިން ލައްކައަށްވުރެ ގިނަ އާންމުން އިދްލިބް ދޫކޮށް ތުރުކީއަށާއި އިދލިބްގެ ކައިރީގައިވާ ހަނގުރާމަ ނުހިނގާ ސަރަހައްދުތަކަށް ރެފިއުޖީންގެ ގޮތުގައި ގޮސްފައިޥާކަމަށް އދ. ން ބުނެ އެވެ. އަދި ހަނގުރާމަވެރިންގެ ގިނަ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާކަމަށްވެސް ސޫރިޔާ ސިފައިން ބުނެއެވެ.

މި ހަނގުރާމައިގާ ސޫރިޔާ ސިފައިންގެވެސް މަރުވެ އަދި ޒަޚަމްވަމުން ދެއެވެ. އިދްލިބްގެ ހަނގުރާމައިގެ ޙަމަލާތަކާއެކު އެސަރަހައްދުން ރެފިއުޖީންގެ ގޮތުގައި ނުކުމެގެންދާ މީހުންގެ ތެރޭގައި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ބައެއް ހަނގުރާމަވެރިން ވެސް އެމީހުންނަކީ ކޮންބައެއްކަން ނޭނގޭގޮތަށް އާންމުންނާއެކު ދާކަމަށް ރިޕޯޓްތައް ބުނެއެވެ. އިދްލިބްގެ ހަނގުރާމައިގާ ސޫރިޔާ ސިފައިން ވަނީ އެ ޕްރޮވިންސްގެ ބައެއް ސަރަހައްދުތައް މިނިވަންކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް