ޖެނެރަލް ހަފްތަރަކީ ލީބިޔާ ރައްޔިތުންނަށް ނުރައްކާތެރި ބޭފުޅެއް: އުރުދުޣާން

އުރުދުޣާން އަލްޖަޒާއިރަށް ފުރާވަޑައިގަތުމަށް ޓަކައި އެއާޕޯޓްގައި

އަންކަރާ (26 ޖަނަވަރީ 2020) : ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރަކީ ލީބިޔާ ރައްޔިތުންނަށް ނުރައްކާތެރި ބޭފުޅެއްކަމަށާ އޭނާއަކީ ހަމަލާތައް ހުއްޓާލަން ބޭނުންނުވާ ބޭފުޅެއްކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އެފްރިކާގެ ހަތަރު ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި އަލްޖަޒާއިރަށް ފުރާވަޑައިގަތުމުގެ ކުރިން އުރުދުޣާން ވިދާޅުވީ ހަފްތަރުގެ ބާރުތަކުން ލިބިޔާގެ ރައްޔިތުންގެ ފުރާނައަށް އެއްވެސް ވަރަކަށް އިހްތިރާމް ނުކުރާކަމަށާއި އޭނާ ގެންދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުން ކަމުގައެވެ. އަލްޖަޒާއިރުގެ އިތުރުން އުރުދުޣާން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގެންބިއާ އަދި ސެނެގާލް އަށެވެ. މިދަތުރުފުޅުގައި ތުރުކީގެ ގިނަ މަސްއޫލުވެރިންތަކެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

އުރުދުޣާން އަލްޖަޒާއިރަށް ވަޑައިގަތުމުގެ މައިގަނޑު ބޭނުމަކީ ލީބިޔާގެ މައްސަލައާބެހޭގޮތުން އަލްޖަޒާއިރުގެ އައު ރައީސް އަބްދުލްމަޖީދު ތަބޫން އާ މަޝްވަރާ ކުރެއްވުންކަމަށް ތުރުކީގެ އަނަތޯލިޔާ ނޫސްއެޖެންސީ ބުނެއެވެ. އަލްޖަޒާއިރަކީ ތުރުކީއާ އިދިކޮޅު ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރާ އިދިކޮޅު ގައުމެކެވެ. ނަމަވެސް ތުރުކީން ލީބިޔާގެ ކަންތައްތަކުގެ ތެރެއަށް ވަންނަގޮތަށް އަލްޖަޒާއިރުން ލީބިޔާގެ އެއްވެސް ކަމެއްގެ ތެރެއަށް ވަންނަމުން ނުދެއެވެ.

އަލްޖަޒާއިރަށް ފުރާ ވަޑައިގަތުމަށްޓަކައި އެއާޕޯޓްގައި ހުންނަވައިގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ހަފްތަރަކީ ލީބިޔާގެ ހަނގުރާމަ ހުއްޓުވުމާބެހޭގޮތުން މޮސްކޯ އާއި ބާލިންގައި ބޭއްވި ބައްދަލުވުންތަކުން ނިންމި ނިންމުންތަކަށް އެއްވެސް ވަރަކަށް އިޙްތިރާމް ނުކުރާ ބޭފުޅެއްކަމުގައެވެ. އަދި ލީބިޔާގައި އޮންނަ ބައިނަލްއަގްވާމީ ގޮތުން އިއްތިރާފްވެފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ވައްޓާލުމަށްޓަކައި ހަފްތަރު ކުރަމުން ގެންދަނީ ބަޣާވާތެއްކަމަށްވެސް އުރުދުޣާން ސިފަކުރެއްވިއެވެ.

ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާއެކު ދާދިފަހުން ތުރުކީ ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އުރުދުޣާންވަނީ ހަފްތަރުގެ ބާރުތަކާ ކުރިމަތިލުމަށްޓަކައި ތުރުކީގެ އަސްކަރީ ތަޖްރިބާކާރުންނާއި ހަތިޔާރު ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ފޮނުވާފައެވެ. މީގެއިތުރުން ހަފްތަރުގެ ބާރުތަކުގެ އަތްދަށަށް ވެރިރަށް ޓްރިޕޮލީ ދިޔަ ނުދެއްވާނެކަމަށް ވިދާޅުވެ ދާދިފަހުން އުރުދުޣާންވަނީ ތުރުކީ ސިފައިންގެ ތެރޭގައި ހިމެނޭ ހަނގުރާމައިގެ ލަޝްކަރެއް ލީބިޔާއަށް ފޮނުވަން ނިންމާފައިވާކަންވެސް އިއުލާން ކުރައްވާފައެވެ.

މޮސްކޯއާއި ބާލިންގައި ލީބިއާއާބެހޭގޮތުން ބޭއްވި ބައްދަލުވުން ތަކުގައި ލީބިޔާގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވީނަމަވެސް އެ އެއްބަސްވުމަށް އިޙްތިރާމް ނުކޮށް ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީގެ ބައެއް އަވަށްތަކަށް ހަމަލާތައް ދޭން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މޮސްކޯއާއި ލީބިއާއާބެހޭގޮތުން ބޭއްވި ބައްދަލުވުމުގައި ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ބޮޑުވަޒީރު ފާއިޒް އައްސައްރާޖް ވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހެއްދެވުމަށްފަހު ހަފްތަރުވަނީ މޮސްކޯއިން ފުރާވަޑައިގެންފައެވެ.

ހަފްތަރުގެ ބާރުތަކަށް މައިގަނޑު ގޮތެއްގައި އެހީތެރިވަނީ މިސްރާއި ޔޫއޭއީން ނެވެ. މިދެގައުމާއެކު ހަފްތަރަށް އެހީތެރިވުމުގައި ފަރުދާގެ އަނެއް ފަރާތުން ސައޫދީވެސް މުހިއްމު ދައުރެއް އަދާކުރާ ކަން ދާދިފަހުންވަނީ ހާމަވެގެން ގޮސްފައެވެ. މިތިން ގައުމުގެ އިތުރުން ފަރަންސޭސިވިލާތުންވެސް ނުސީދާ ގޮތެއްގައި ހަފްތަރަށް އެހީތެރިވާކަމަށް ވެއެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް