ދަރްނާ (12 ސެޕްޓެމްބަރު 2023): ލީބިޔާގެ އިރުމައްޗަށް އެރި ބާރުގަދަ ތޫފާނުގެ ސަބަބުން ދެހާހަށް ވުރެ ގިނަ މީހުން މަރުވެ ހަ ހާހަށްވުރެ ގިނަ މީހުން ގެއްލި މާއްދީ ބޮޑެތި ގެއްލުންތަކެއް އެގައުމަށް ލިބިއްޖެއެވެ.
ލީބިޔާގެ އިރުމައްޗަށް އެރި ބާރުގަދަ ތޫފާނުގެ ނަމަކީ ޑެނިއަލް އެވެ. މި ތޫފާން އެރީ ލީބިޔާގެ އިރުމަތީ ސަރަހައްދުކަމަށްވާ ޖަބަލުލް އަޚްޟަރު ސަރަހައްދުގައިވާ ސިޓީތަކާއި ޓައުންތަކާއި ވިލެޖްތަކަށެވެ. މީގެތެރޭގައި ލީބިޔާގެ އިރުމަތީގެ ސިޓީތައް ކަމަށްވާ ދަރްނާ ތުބްރުގް އަދި އަލްބައިޟާ ފަދަ ސިޓީތައް ހިމެނެއެވެ.
ލީބިޔާއަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ދެ ސަރުކާރު އޮތް ގައުމެކެވެ. މިގޮތުން ލީބިޔާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސަރުކާރު ބުނާގޮތުން ތޫފާން ޑެނިއަލްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަރްނާ ސިޓީއަށެވެ. ދެން ތުބްރުގް އާއި އަލްބައިޟާ ގައިވެސް ފެންބޮޑުވެ އެދެސިޓީއަށް މާއްދީ ބޮޑެތި ގެއްލުންތައް ލިބުނެވެ.
ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަރްނާ ސިޓީއަށް ކަމަށާއި އެސިޓީން އެކަނިވެސް ދެހާހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެ ހަހާހާ ގާތްކުރާ އަދަދަކަށް މީހުން ގެއްލިފައިވާ ކަމަށް ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ވެރިކަންކުރާ ސަރުކާރުން ހާމަކުރެއެވެ.
ދަރްނާގައި ފެންބޮޑުވީ އެސިޓީގެ ކައިރީގައި ބިނާކޮށްފައިވާ ދެ ޑޭމް މި ތޫފާނުގެ ބާރުގަދަ ވަޔާއި ވިއްސާރާގައި ހަލާކުވެ އެ ދެ ޑޭމްގައިވާ ފެންގަނޑު ކުއްލިގޮތަކަށް ދަރްނާއާ ދިމާއަށް ދަމައިގަތުމުންނެވެ. ދަރްނާއަކީ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރި ފަށުގައިވާ ވަރަށް ފަހުން ބިނާކުރި ސިޓީއެކެވެ.
ދެ ޑޭމް ހަލާކުވުމާއެކު ބޮޑުވި ފެންގަނޑު ބާރުގަދަ އޮޔާއެކު މެޑިޓެރޭނިއަން ކަނޑުގެ ތެރެއަށް ދަމައިގަތީ ދަރްނާގެ ތެރެއިން ކުއްލި ގޮތަކަށް ވަރަށް ބާރަށްކަމަށް ވެއެވެ. ފެންގަނޑު ދަމައިގަނެގެން ދިޔަ އިރު އެފެންގަނޑާއެކު ދެހާހާ ގާތްކުރާ އަދަދެއްގެ މީހުން މެޑިޓަރޭނިޔަން ކަނޑުގެ ތެރެއަށް އޮޔާގޮސް ޣަރަގުވީކަމަށް ލީބިޔާގެ އިރުމަތީ ސަރަހައްދުތަކުގެ މަސްއޫލުވެރިން ވިދާޅުވިއެވެ. މިއީ ފާއިތުވި 45 އަހަރު ތެރޭގައި ގުދުރަތީ ކާރިސާއެއްގައި ލީބިޔާއަށް ނުލިބޭވަރުގެ ބޮޑު ގެއްލުމެކެވެ.
ލީބިޔާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން ދަރްނާގެ ކައިރިގައިވާ ދެ ޑޭމް ހަލާކުވެ ދަރްނާ ސިޓީގެ ތެރެއަށް 30 ވަރަކަށް މިލިއަން ކޮޑި މީޓަރުގެ ފެންގަނޑު ދަމައިގަތެވެ. އެފެންގަނޑު އެބާރު މިނުގައި އެސިޓީގެ ތެރެއިން މެޑިޓަރޭނިޔަން ކަނޑަށް ދަމައިގަތީ ދަރްނާގެ އާންމުން ރޭގަނޑު ނިދާފައި ތިބި ވަގުތުތަކުގައެވެ. އެހެންކަމުން ސަލާމަތްވާން މަސައްކަތް ކުރުމަށް ދަރްނާގެ ރައްޔިތުންނަށް ނުލިބޭ ކަމަށް ލީބިޔާގެ މީޑީއާތައް ބުނެއެވެ.
ލީބިޔާއަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައާއި ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމަކަށް ވެފައި އަދި ކޯޅުން ބޮޑު ދެ ސަރުކާރުވެސް އޮތް ގައުމަކަށްވާތީ މިކާރިސާ އާ ކުރިމަތިލުމަށް އެގައުމު ވަނީ ނުކުޅެދިފައެވެ.