ތޫފާނުގެ ސަބަބުން ލީބިޔާއިން މަރުވި މީހުންގެ އަދަދު 10،000އަށް ވުރެ އިތުރުވެދާނެ

ތޫފާން ޑެނިއަލް އެރުމަށްފަހު ދަރްނާ ހަލާކުވެފައި

ދަރްނާ (13 ސެޕްޓެމްބަރު 2023): މެޑިޓަރޭނިޔަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ޑެނިއެލް ލީބިޔާގެ އިރުމަތީގެ ސިޓީތަކާއި ވިލެޖުތަކަށް އެރުމުގެ ސަބަބުން އެސަރަހައްދުތަކުން މަރުވި މީހުންގެ އަދަދު 10،000އަށް ވުރެ މާ މައްޗަށް އަރާނެކަމަށް އެގައުމުން ބުނެފިއެވެ.

ލީބިޔާގެ ޕާލަމެންޓްގެ ރައީސްގެ މުސްތަޝާރު އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މިހާތަނަށް މަރުވެ ހަށިތައް ފެނުނު މީހުންގެ އަދަދު 7،000އަށް ވުރެ މަތިކަމަށާއި ގެއްލިފައިވާ މީހުންގެ އަދަދުވެސް 10،000އާ ގާތްކުރާތީ މިކާރިސާގައި މަރުވާނެކަމަށް ބެލެވޭ އަދަދު 10،000އަށް ވުރެ މާ މަތިވާނެކަމުގައެވެ.

ދަރްނާ ސިޓީ ތޫފާނުގެ ކުރިން

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ވެރިކަންކުރާ ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ގެއްލިފައިވާ 10،000އެއްހާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެގައުމުގެ އިރުއުތުރުގެ ސިޓީއެއްކަމަށްވާ ދަރްނާގެ ރައްޔިތުންނެވެ. ޑެނިއެލް ތޫފާނުގެ ގެއްލުން އެންމެ ބޮޑަށް ކުރީވެސް ދަރްނާ ސިޓީއަށެވެ.

ދަރްނާގައި އާދަޔާ ޚިލާފަށް ފެންބޮޑުވީ އެސިޓީގެ ކައިރީގައި ބިނާކޮށްފައިވާ ދެ ޑޭމް މި ތޫފާނުގެ ބާރުގަދަ ވަޔާއި ވިއްސާރައާއެކު ބޮޑުވި ފެންގަނޑުގެ ސަބަބުން ހަލާކުވެ އެ ދެ ޑޭމްގައިވާ ފެންގަނޑު ކުއްލިގޮތަކަށް ދަރްނާގެ ތެރެއިން މެޑިޓަރޭނިޔަން ކަނޑަށް ދަމައިގަތުމުންނެވެ.

އާދަޔާ ޚިލާފު ބާރުމިނެއްގައި މެޑިޓަރޭނިޔަން ކަނޑަށް ދަމައިގަތް ފެންގަނޑާއެކު ދަރްނާގެ ބައެއް އިމާރާތްތަކާއި އެއްގަމު އުޅަނދުތަކާއި އެނޫންވެސް ތަކެތި މީހުންނާއެކު މެޑިޓަރޭނިއަން ކަނޑަށް ދަމައިގަތީއެވެ. މިގޮތަށް ބޮޑު ފެންގަނޑު ދަމައިގަތީ ދަރްނާއަކީ އުސް ތަނެއްގައި އޮންނަ ސިޓީއަކަށްވެފައި އުސްތަނުން ތިރިތަނަށް ބާރުމިނުގައި ފެންގަނޑު ދަމައިގަންނަ އުސޫލުންނެވެ.

ތޫފާން ޑެނިއަލް އެރުމަށްފަހު ދަރްނާ ހަލާކުވެފައި

ދަރްނާގެ އިތުރުން އެސަރަހައްދުގައިވާ ލީބިޔާގެ ސިޓީތައްކަމަށްވާ އަލްބައިޟާ، ބެންޣާޒީ، ޝައްޙާތު، ސޫސާ އަދި އަލްމަރްޖު ފަދަ އެތަށް ސިޓީއެއްގައިވެސް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް އެސިޓީތަކަށް ދަރްނާއަށް ލިބުނު ވަރާ ގާތްކުރާ ވަރުގެ ގެއްލުމެއް ނުލިބެއެވެ.

ދަރްނާއަކީ އެއްލައްކަ ފަންސަވީސް މީހުންގެ އާބާދީއެއް އޮންނަ ފަރުބަދަމަތީ ސިޓީއެކެވެ. ދަރްނާގެ ކައިރިގައިވާ ދެ ޑޭމް ހަލާކުވީ ތޫފާން ޑެނިއަލްގެ ބާރުގަދަކަމުންނެވެ. އެދެޑޭމް ހަލާކުވުމާއެކު ދަރްނާ ސިޓީގެ ތެރެއަށް 50 ވަރަކަށް މިލިއަން ކޮޑި މީޓަރުގެ ފެންގަނޑު ދަމައިގަތެވެ. ފެންގަނޑު އެސިޓީގެ ތެރެއަށް ދަމައިގަތްއިރު ފެންގަނޑުގެ އުސްމިނުގައި 20 ފޫޓު ހުންނާނެކަމަށް އެސިޓީގެ މީހުން ލަފާކުރެއެވެ.

އެފެންގަނޑު މަތިން ތިރިއަށްދާ އާދަޔާ ޚިލާފު ބާރު މިނުގައި އެސިޓީގެ ތެރެއިން މެޑިޓަރޭނިޔަން ކަނޑަށް ދަމައިގަތީ ދަރްނާގެ އާންމުން ރޭގަނޑު ނިދާފައި ތިބި ވަގުތުތަކުގައެވެ. އެހެންކަމުން ސަލާމަތްވާން މަސައްކަތް ކުރުމަށް ދަރްނާގެ ރައްޔިތުންނަށް ފުރުސަތު ނުލިބުނީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ތޫފާން ޑެނިއަލް އާއެކު ދަރްނާގެ 25 އިންސައްތަ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރުވަނީ ހަލާކުވެފައެވެ.

ލީބިޔާއަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައާއި ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމަކަށް ވެފައި އަދި ކޯޅުން ބޮޑު ދެ ސަރުކާރުވެސް އޮތް ގައުމަކަށްވާތީ މިކާރިސާ އާ ކުރިމަތިލުމަށް އެގައުމު ވަނީ ނުކުޅެދިފައެވެ. އަނެއްކޮޅުން ތޫފާނު އައުމުގެ ކުރިން ދަރްނާގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ނުގެންދެވުނީވެސް ލީބީޔާގައި ވާދަވެރި ދެ ސަރުކާރު އޮތުމުންނާއި މަސްއޫލުވާނެ ފަރާތްތަކެއް ނެތުމުންކަމަށް ވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް