ސިފައިންގެ މީހާ ހައްޔަރު ކުރީ 14 އަހަރުގެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި

އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ވަނީ ހައްޔަރު ކޮށްފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަަވްޝަން އިލްޔާސް

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރު ކޮށްފައިވަނީ ސިފައިންގެ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ބުނީ، 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި އޮއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ މީހަކީ ސިފައިންގެ މީހެއް ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މި ފަހުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވި ފަހުން ގިނަ އަދެއްގެ ރޭޕް މައްސަލައް ދަނީ ފެންމަތިވަމުންނެވެ. އެފަހުން އުމުރުން 12 އަހަރުގެ ކުއްޖަކާ ބެހުނު 80 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި ކުޑަކުއްޖަކު ރޭޕް ކުރި އިތުރު ސިފައިންގެ މީހެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައިވެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު މީޑިއާތަކަށް ވިދާޅުވީ، ފުުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުން އެމްއެންޑީއެފްއަށް ދީފައިވާ ކަމަށެވެ.

ކަނޑުހުޅުދޫ ރޭޕް މައްސަލަ ފެންމަތިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި އެއްވެސް އަދަބެއް ނުލިބި އަދި ވެސް އެ މީހުން ދޫވެފައި ތިބި ކަމަށެވެ.

comment ކޮމެންޓް