ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ހާއްސަ ފަރުވާދޭ ސެންޓަރު ރައީސް ހުޅުއްވައި ދެއްވައިފި

ހުޅުމާލޭ ހޮސްޕީޓަލްގައި ގާއިމް ކުރި ލޮލުގެ ފަރުވާދޭ ހާއްސަ ސެންޓަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ޗައިނާ ސަފީރު ހުޅުވައި ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ލޮލުގެ ޚާއްސަ ފަރުވާދޭ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ޚިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރު ކަމުގައިވާ ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމްގެ ނަމުން ނަން ދީފައިވާ އެ ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.

މި ސެންޓަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވުނު ސެންޓަރެކެވެ. މި ސެންޓަރު ޤާއިމު ކުރުމަށްޓަކައި 11.1 މިލިޔަން ދިވެހިރުފިޔާގެ އަގުހުރި އިކުއިޕްމަންޓް އާއި ބޭސް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހަދިޔާ ކުރުމުގެ އިތުރުން، ޗައިނާގެ ތަޖުރިބާކާރު ލޮލުގެ ފަރުވާއަށް ޚާއްސަ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މިމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އެ ތަނުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާގޮތަށްވެސް ހަމަޖެހިފައިވެއެވެ.

ލޮލުގެ ޚާއްޞަ ފަރުވާތައް ދިނުމާ ބައެއް އޮޕަރޭޝަންތައް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ މި ސެންޓަރ ހުޅުވުމާއި ދިމާކޮށް ޗައިނާ ސަރުކާރާއި ޒޮންގްޝަން އޮފްތަލްމިކް ސެންޓަރާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ލޮލުގެ ބަލިތަކަށް ޚާއްޞަ ކޭމްޕެއް، މިމަހުގެ 8 އިން 11 އަށް ހިންގާފައެވެ.

comment ކޮމެންޓް