މަ ލޯތްބެއް ދެން ނުވާނަމޭ... - 13

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

ފަތިސް ވީއިރުވެސް އައިރީން ފެންނަ ގޮތެއް ނުވިއެވެ. އިޔާން ހަމަ ރަނގަޅަށްވެސް ހާސްވެ ކަންބޮޑުވެއްޖެއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އެވަގުތު އެހެން ނުހެދުނުނަމައެވެ. އައިރީން ނުފެނިއްޖެނަމަ އޭނާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ހަދާނީ ކިހިނެތްހެއްޔެވެ؟ އެކަމުގެ ޒިންމާ ނެގުމުގެ ހިތްވަރު އޭނާގެ ގައިގައި ހުންނާނޭހެއްޔެވެ؟.

"އައިރީން... ވެއާ އާރ ޔޫ؟" އިޔާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. އޭނާއަށް ކާރުގެ ހުންގާނުގައި ގޮށްމުށުން ޖަހާލެވުނެވެ. ކުއްލިއަކަށް ވެރިވި ޚިޔާލަކާއެކު އޭނާ ކާރު ސްޓާރޓް ކޮށްލިއެވެ. ބާރު ސްޕީޑްގައި ދުއްވާފައި އޭނާ ދިޔައީ މާ ފަންނުގައި ހުންނަ ގެއަކަށެވެ. އެގޭގެ ކުރިމައްޗަށް ކާރު ހުއްޓާލާ އިޔާން ގޭޓަށް ބަލާލިއެވެ. އެއީ އައިރީންގެ ބައްޕަގެ ގެ އެވެ. ހިތާ ހިތުން ދުޢާ ކުރެވުނީ އައިރީން އެގޭގައި ހުންނާނެކަމަށެވެ.

ކުރީ ދުވަހެއްގައި ބައްޕައާއެކު އެ ގެއަށް ދިޔަ ދިޔުމުގައި އެގޭގެ މެއިން ގޭޓު ގެ ކޯޑު އޮތީ އިޔާންއަށް އެނގިފައެވެ. އޭނާ ކާރުން ފައިބައިގެން ގޮސް ގޭޓުގެ ކޯޑު ޖަހާލާފައި އެތެރެއަށް ވަނެވެ. ހިނގަން އޮތް ވޯކް ވޭއިން ލާފައި އޭނާ ގޭގެ މައި ދޮރާ ހިސާބަށް ދިޔުމާއެކު އެތަނުން އެއްފަރާތުގައި ހުރި ތަނބެއްގައި ލެނގިލައިގެން ނިދިފައި އިން އައިރީން އަޅައިގަތެވެ.

"އައިރީން" އިޔާންއަށް ހިތާ ދިމާލުގައި އަތް އަޅާލާފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާ އައިރީންއާއި ދާދި ގާތުގައި ހުއްޓުނެވެ. އައިރީންއާ އެއްހަމައެއްގައި އެއްކަކޫ ޖައްސާލައިގެން އިށީނެވެ. އެއަށްފަހު ރަނގަޅަށް އައިރީންގެ މޫނަށް އޭނާ ބަލާލިއެވެ. އެމޫނުމަތިން އޭރުވެސް މާޔޫސީ ކުލަވަރު ފެންނަމުން ދިޔައެވެ. ދެލޯ ކައިރި ދުޅަވެފައި ވެއެވެ. ނޭފަތް މަތި ރަތްވެފައި ވާއިރު ކޯތާފަތަށް ވެސް ޖަންބުކުލައެއް ވެރިވެފައިވެއެވެ. ތުންފަތުގައި މަޑު ތުރު ތުރު އެޅުމެއް ވިއެވެ. ފިނިވެފައި އިން ވަރުން ކަންނޭނގެއެވެ. ބައެއްފަހަރު ނޭވާލުން އަވަސްވާހެން ހީވެއެވެ. އެހެން އިނދެފައި އޭނާ އައިރީންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އެއަށްފަހު އައިރީން އޭ ކިޔާފައި އޭނާ ގޮވާލިއެވެ.

ދެފަހަރަކު ގޮވާލުމާއެކު ސިހުނު އައިރީން އިޔާންގެ އަތް ފޮޅުވާލިއެވެ. އިޔާން ދިޔައީ ސިއްސައިގެންނެވެ.

"ކާކު؟" ކާކުތޯ ވެސް ނުބަލާ އައިރީން ސުވާލުކޮށްލިއެވެ.

"މަންމަ... ބައްޕަ... މަންމަ... ބައްޕަ ވެސް އެކްސިޑެންޓްގަ... އަހަރެން ކީއްވެ ސަލާމަތް ވާންވީ؟" އައިރީން އިނީ ހަމަ ހަޤީގަތުގައި ވެސް ވަރަށް ބޮޑު ޝޮކެއްގައެވެ. ހޭލެވުމާއެކު ގާތުގައި އިނީ ކާކުތޯވެސް ބަލާލުމެއްނެތި އޭނާގެ ދުލުން ބޭރުވަމުން ދިޔައީ މުޅިންވެސް ޝަކުވާގެ ބަސްތަކެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ގިސްލުން ހުއްޓެވެ. ވާހަކަ ދައްކަން އުނދަގޫ ގޮތެއް ހުއްޓެވެ. ލޮލުގައި ކަރުނައެވެ. ދުލުން ނުކުންނަ ކޮންމެ ބަހަކާއެކު އޭނާ ހިތުގައި ޖެހިފައި ވި ވަރު ހާމަވެގެން ދިޔައެވެ.

"އައިރީން..." އިޔާން އަނެއްކާވެސް އައިރީންގެ އަތުގައި ހިފައްޓާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މި ފަހަރުވެސް އައިރީން އެ ފުރުސަތު އިޔާންއަކަށް ނުދިނެވެ. އިޔާންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާ ގާތު ބައްޕަ ވަނީ އައިރީންގެ ވަރަށް ގިނަ ވާހަކަ ހިއްސާކޮށްފައެވެ. އެ ގޮތުން އައިރީން ކުޑަ އިރު މަންމަ ނިޔާވީވެސް އެކްސިޑެންޓެއްގަކަމެއެވެ. އަނެއްކޮޅުން ބައްޕަ ވެސް ނިޔާވީ އެކްސިޑެންޓެއްގައެވެ. ދެފަހަރުވެސް އައިރީން ސަލާމަތް ވިއެވެ. އެހެންކަމުން ރޭ ފެނުނު މަންޒަރާއެކު އަނެއްކާވެސް އެ ހަނދާންތައް އައިރީންއަށް އާވީއެވެ.

"އައިރީން... އިޓްސް އޯކޭ" އިޔާން ބުނެލިއެވެ. ވަރަށް މަޑުންނެވެ. އެ އަޑުގައި މިހާރު ވަނީ އޯގާތެރިކަމެވެ. އަދި އެ އަޑުން ކިތަންމެ ރީތިކޮށްވެސް އިޔާން ދެރަވެފައި ހުރިކަން ދެނެގަނެވެއެވެ.

"ބައްޕަވެސް... އަހަރެން ދޫކޮށްފަ... މަންމަވެސް..." އައިރީން އޭނާގެ ދެއަތުން މުޅި ހަށިގަނޑު ވަށާލަން އުޅުނީ އެ ހަށިގަނޑަށްވެސް ހިމާޔަތް ދޭން ބޭނުންވެފައި ވާ ފަދައަކުންނެވެ. އިޔާން އައިރީންއާއި ކައިރިވެލާފައި ވާހަކަ ދެއްކިއެވެ.

"އައިރީން... އިޓްސް އޯކޭ... އިޔާން އޭ މީ.. ލުކް އެޓް މީ... އަހަންނާ ދިމާލަށް ބަލާލަބަލަ" އިޔާން އައިރީން މަސަލަސް ކުރަން މަސައްކަތް ކުރިއެވެ.

އައިރީންގެ އަނގައިން ބޭރުވަމުން ދިޔަ ބަސްތަކަށް ބަދަލު ނައުމާއެކު އިޔާން އައިރީންގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ. އައިރީން ކުޑަކޮށް ހަޅޭއްލަވައި ގަނެފައި މި ފަހަރުވެސް އިޔާންގެ އަތް ފޮޅުވާލިއެވެ. އައިރީންގެ ހާލަތު ގެ ޒިންމާ ގަން ޖެހޭނީ ހުދު އޭނާކަން އެނގުމާއެކު އިޔާންއަށް މަޑުޖެހިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އައިރީންއާ ގާތް ވެލާފައި އައިރީންގެ ގައިގައި ބައްދާލާފައި އޭނާގެ އަތުގެ ހިމާޔަތަށް އައިރީން ގެނެއެވެ. އައިރީން ގަދަ ހެދިނަމަވެސް އިޔާން އިނީ ހުޝިއާރުވެއެވެ. އެއަށްވުރެ ބޮޑަށް އައިރީން އޭނާގެ އަތުގެ ތެރޭގައި ފިއްތާލަމުން އައިރީން ގާތުން އިޔާން މާފަށް އެދުނެވެ.

އެ ހާލެއްގައި ފަނަރަ މިނިޓް ފާއިތުވެގެން ހިނގައްޖެއެވެ. މަޑުމަޑުން އައިރީންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އަންނަން ފެށިއެވެ. އިރުކޮޅަކުން އެ ހަރަކާތްތައް އެކީ މަޑުޖެހިގެން ދިޔައެވެ. އެހެންނަމަވެސް އޭރުވެސް ކޮންމެވެސް ވަރެއްގެ ގިސްލުމެއްގެ އަޑު އިވެއެވެ. އިޔާން އައިރީންއަށް ބަލާލިއެވެ. އައިރީންގެ ދެލޯ ވަނީ މަރިފައެވެ. އައިރީންއަށް ނިދުނުކަން ޔަޤީންވުމާއެކު އިޔާން އައިރީން އޭނާގެ އަތް ދަނޑި މައްޗަށް ނަގަމުން ތެދުވިއެވެ. ކާރާ ދިމާލަށް ހިނގައިގަތް އިރުވެސް އޭނާގެ ނަޒަރު އައިރީންގެ މައުސޫމް ކަމުން ފުރިގެންވާ މޫނުން ދުރަށް ނުދެއެވެ. ކާރުގެ ގޮނޑީގައި އައިރީން ބައިންދާލާފައި އަނެއްފަރާތުން އައިސް އިޔާން ވެސް އެރިއެވެ. އެއަށްފަހު އޭނާ އަވަސްވެގަތީ ޒަލަފްއަށް ހަބަރު ދިނުމަށެވެ.

ގެއަށް ގޮސް އިޔާން ގޯތިތެރެއަށް ފުން ނަޒަރެއް ދިނެވެ. އޭނާގެ ނަސީބު ރަނގަޅީވެސް ކަންނޭގެއެވެ. މީހަކު ފެންނާކަށް ނެތެވެ. އައިރީން އޭނާގެ އަތް ދަނޑި މައްޗަށް އުފުލާލައިގެން މީހަކަށް ނުފެނި ގޮސް ކޮޓަރިއަށް ވަދެވިއްޖެއެވެ. އެނދުގައި އައިރީން ބާއްވާލާފައި އިޔާން އައިރީންއަށް ބަލަން ހުއްޓެވެ. އެހެން ހުއްޓާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ވަންނާށޭ ނުބުނެއުޅެނިކޮށް އެތެރެއަށް ދެމިގަތީ ޒަލަފް އެވެ.

ޒަލަފް ހުރީ ވަރަށް ހިންހަމަ ނުޖެހިފައެވެ. އެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.

"ދޮންބެ... ކީ ކުރަން ކުރި ކަމެއް އެއީ؟" ޒަލަފް އަހާލިއެވެ. އިޔާންއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޒަލަފް އިޔާންއަށް ވސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އައިރީންއާ ދޭތެރޭ އެހެން ކަންތައް ނުކުރުމަށް އެދުނެވެ. އެތައް ވާހަކަ އެއް ދެއްކުމަށްފަހު ޒަލަފް ނުކުމެގެން ދިޔައީ ދެން އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ އޭނާ ބައްޕައާއި އެކަން ހިއްސާ ކުރާނަމޭ ބުނެފައެވެ.

އިޔާން އައިރީންއަށް ބަލަން ހުރެފައި ގޮސް ސޯފާގައި ޖައްސާލިއެވެ. އިސާހިތަކު އޭނާގެ ލޮލަށް ވެސް ނިދި ސަވާރުވިއެވެ. އެހެންނަމަވެސް ނިދުނުހެން ހީނުވެ ސިއްސައިގެން ގޮސް ހޭލެވުނީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ހުވެފަނުގައި ފެނުނު ސޫރައެއްގެ ސަބަބުން އޭނާގެ މޫޑު އެކީ ޚަރާބުވިއެވެ. ސައިގެ ވަގުތު ޖެހުމާއެކު އޭނާ ތިރިއަށް ފޭބީ ސައިބޯން ވެގެންންނެވެ. އައިރީންއަށް ނިދިފައި އޮތުމުން އިޔާން ކޮންމެހެން ގޮވާކަށް ނޫޅުނެވެ. ރޭގެ ހާދިސާއަށްފަހު އޮފީހަށްދާން ވެސް އިޔާން ބޭނުމެއް ނުވިއެވެ. ސައިބޯން ފައިބާފައި އައިރީންގެ ބަލި ވެ އުޅޭކަމަށް ބުނެ، މިއަދު އޮފީހަށް ދެވެން ނެތް ކަމަށް އިޔާން ބުނެލިއެވެ. އެކަމާ އާމިރުއާއި ފަލަކް ވެސް ދެކޮޅެއް ނުހަދައެވެ. އެމީހުން ހީކޮށްގެން ތިބީ ކައިވެންޏަށްފަހު ދެ ކުދިންގެ ގުޅުން އިތުރަށް ރަނގަޅު ވަނީ ކަމުގައެވެ. ހަޢީގަތް އެނގެނީ ހަމަ އެކަނި ޒަލަފް އަށެވެ. އޭނާ އިޔާންއަށް އަވަސް ނަޒަރެއް ދިނެވެ. އެކަން އިޔާންއަށް ވެސް ފާހަގަ ވިއެވެ.

"އެމިލީ... އައިރީންއަށް ޖޫސްތައްޓަކާ އެއްޗެހި ތައްޔާރުކޮށްލަ ދީބަލަ.." ފަލަކް ބުނެލިއެވެ. އެމިލީ އެކަން ކުރަން އަވަސްވެގަތެވެ. އިޔާން ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާ އެއްގޮތަކަށްވެސް އިތުރު މީހަކާ އައިރީން އޭނާއަށް ވުރެ ކުރިން ބައްދަލު ވާކަށް ނޭދެއެވެ.

"އަޅު... އަޅުގަނޑު އައިރީން އަށް ގެންގޮސްލަދީފާނަން..." އިޔާން އެދުނެވެ.

"އެންމެ ރަނގަޅު... ސައިޑް ކަބަޑް މަތީ ބަހައްޓާލާ... އައިރީން ހޭލީމަ ދެން އެ އެއްޗެހި ދީ... ބޭސް ބޭނުމިއްޔާ ފަސްޓް އެއިޑް ބޮކްސް ތެރޭގަ ހުންނާނެ ބޭސް... " ފަލަކް ހިނިތުންވެލިއެވެ. އޭނާ ހަނދާންވީ އޭނާ ބަލިވެއްޖެނަމަ އާމިރު އުޅޭ ގޮތެވެ. އޭނާގެ އެއްވެސް ކަމެއް އިތުރު މީހަކު ކޮށްދޭކަށް އާމިރު ބޭނުމެއް ނުވާނެއެވެ. ކާއެއްޗެހި ހިފައިގެންވެސް ދާނީ ހުދު އާމިރެވެ. އެ ސިފަ އިޔާންގެ ފަރާތުން ފެނުމުން ފަލަކް އުފާވީއެވެ.

ސައިބޮއި ހަދައިގެން އިޔާން އެއްޗެހި ހިފައިގެން ގޮސް ސައިޑް ކަބަޑް މަތީގައި ބެހެއްޓުމަށްފަހު އެނދުގެ އެއްފަރާތުގައި އިށީނދެލިއެވެ.

"މަންމާ" ސިހުނީ އައިރީންގެ އަޑަށެވެ. ތެދުވެ އައިރީންއާ ދިމާލަށް އައިސް އޭނާ ހުއްޓުނެވެ. ދެލޯ މަރާ ފިއްތާލަމުން އައިރީން އޭނާގެ މަންމަ އަށް ގޮވަމުން ދިޔައެވެ.

"އައިރީން..." އިޔާން ދެފަހަރަކު ގޮވާލުމާއެކު އައިރީން ސިހިފައި ދެލޯ ހުޅުވާލިއެވެ. ހަމަ އެއާއެކު ކުއްލިއަކަށް ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. ވަށައިގެން އޭނާ ބަލާލީ އިނދެވުނު ތަން ޔަޤީން ކުރާށެވެ.

"ގޭގަ އޭ އައިރީން ތި އިނީ" އިޔާންގެ އަޑުގައި މިހާރު ވަނީ އޯގާތެރިކަމެވެ.

އިޔާންގެ އަޑަށް އައިރީން އިޔާންއަށް ބަލާލި ނަމަވެސް ދާދި އަވަހަށް އެ ނަޒަރު ވަކިކޮށްލަމުން ދުރުބަލާލިއެވެ.

"އައިރީން... އެއްޗެއް ކާން ވީނު" އިޔާން ވާހަކަ ދެއްކިއެވެ. އައިރީން އެއްޗެއް ނުބުނެއެވެ. އިޔާން ސައިޑް ކަބަޑް މަތީގައި ހުރި އެއްޗެއްސަށް އިޝާރާތް ކޮށްލިއެވެ. އައިރީންއެއަށް ބަލާލިއެވެ. އެހެންނަމަވެސް އެއިން އެއްޗެއްގައި އަތްލާ ހިޔާލެއް ނުކުރެއެވެ.

"ކޮންމެވެސް އެއްޗެއް ކެއިމަ އެއްނު ގައިގަ ވަރުޖެހޭނީ..." އިޔާން ބުނެލިއެވެ.

"އިޔާންއަށް ކީއް؟ އަހަންނަށް ކޮންމެ ކަމެއް ވިޔަސް... " ކިތަންމެ ޝަކުވާއެއް ކުރަން ބޭނުންވިޔަސް އެންމެ ބަހެއްވެސް ދުލު ކުރިއަކަށް ނަޔެވެ. ހިތާ ހިތުން އިޔާންއަށް ވަރަށް އެއްޗެހި ކިޔެވެ.

ޖޫސްތަށި ނަގާ އައިރީންއަށް ދިއްކޮށްލަމުން އެ ބޯލަން އިޔާން އެދުނެވެ. އައިރީން އަނެއްފަރާތަށް މޫނު އަނބުރާލީއެވެ. އޭރުވެސް އޭނާގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައި ވެއެވެ. އިޔާންގެ ކުރިމަތީގައި ކަރުނަތަށް ކޮންޓްރޯލް ކުރެވެނީ ވަރަށް ހާލުންނެވެ. އައިރީންއޭގައި އަތް ނުލުމުން ތަށި ބަހައްޓާފައި އިޔާން ހިނގައިގަތީ ބޭރަށެވެ. އިޔާން ނުކުމެ ދޮރު ލެއްޕުމާއެކު އައިރީންއަށް މޫނުގައި އަތް އަޅާލެވުނެވެ. ރޯން ފެށުނެވެ. ހިތަށް ތެދުވީ ވަރުންނެވެ. ހެއްދެވި ފަރާތަށް ދުޢާ ކުރެވުނީ އޭނާގެ ފިރިމީހާއަށް ހެޔޮ މަގު ދައްކަވާތޯއެވެ. އެ އުޅުން ބަދަލުކުރައްވާތޯއެވެ. އޭނާ ކެތްތެރިކަން އިސްކުރިއެވެ.

އޭނާ ޖޫސްތައްޓަށް ބަލާލާފައި ކަރުނަތައް ފުހެލިއެވެ. އޭގެ އިރުކޮޅެއްފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ވަނީ ފަލަކް އެވެ.

"އައިރީން... ކޮބާ ކިހިނެތް މިހާރު" ފަލަކް އަހާލިއެވެ. އޭރުވެސް އައިރީންގެ މޫނުމަތީގައި ކޮންމެވެސް ކަހަލަ ދުޅަކަމެއް ހުއްޓެވެ.

"އައިރީން.. މޫނު ހަދާ ރަތޭ.. ލޯ ކައިރިވެސް ދުޅަވެފަ... ކަމާ ދެރަވެގެން ރޮއިފަތަ؟" ފަލަކް އަހާލިއެވެ.

"ނޫ... ނޫން... މަންމާ... ރޭގަ ނުނިދުނީމަ..." އައިރީން ދޮގެއް ހެދިއެވެ. އޭނާ ތުންފަތުގައ ދަތް އަޅާލިއެވެ.

"ކޮބާ ޔާން؟"

"އިޔާން... އެބަ އަންނަމޭ ކިޔާފަ ނުކުތް..." އައިރީން ބުނެލިއެވެ.

"އެހެންތަ؟ އަދިވެސް ޖޫސް ނުބޮންތަ؟" ތަށި ނަގާ އައިރީންއަތަށް ދެމުން ފަލަކް ވާހަކަ ދެއްކިއެވެ.

އިޔާން އައީ ތިރިއަށް ގޮސް ބޭސް ހިފައިގެންނެވެ. އައިސް ވަތް އިރު އައިރީން ގާތުގައި މަންމަ އިންތަން ފެނި އިޔާން އަށް މަޑުޖެހިލެވުނެވެ. އޭނާ ބޭސް ކާޑަށް ބަލާލާފައި ހިން ދިރުވާލިއެވެ.

"އަނހާ އިޔާން" ފަލަކް ވެސް ފަހަތް ބަލާލާފައި އިޔާންއަށް ގޮވާލިއެވެ. އައިރީން ތުންފަތުގައި އަތް އަޅާލިއެވެ. ފަލަކްގެ އޯގާތެރިކަމުގެ ސަބަބުން އޭނާއަށް ރޮވެން ފެށުނެވެ. އިސާހިތަކު ކަރުނަތައް ދެލޮލުން ފައިބަން ފެށިއެވެ.

"އައިރީން... ކީއްވެ ރޮނީ...؟ " ފަލަކް އައިރީންގެ ކޮނޑުގައި ހިފާ ގާތް ކޮށްލިއެވެ. އައިރީންގެ ގައިގައި ބައްދާލުމާއެކު އައިރީންއަށް ބާރަށް ރޮވެން ފެށުނެވެ. އެކަމުން އެންމެ ކަންބޮޑުވީ އިޔާންއެވެ. އޭނާ ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުއްޓެވެ. ފަލަކް ބަލާލީ އިޔާންއަށެވެ. ވީ ގޮތާ ބެހޭގޮތުން ސުވާލުކުރާހެންނެވެ. އެހެންނަމަވެސް އިޔާން ދެފަރާތަށް ބޯ ހޫރާލީ ނޭނގެޔޭ ބުނާފަދައަކުންނެވެ. ފަލަކް އައިރިން އާ ސުވާލުކުރުމުން އައިރީން މި ފަހަރުވެސް ދޮގު ހެދީ ބައްޕަ މަތިން ހަނދާން ވަނީ އޭ ކިޔާފައެވެ.

އައިރީން ހަމައަކަށް އެޅެންދެން އިޔާންވެސް ހުއްޓެވެ. ހުރި ފިޔަވަޅު މަތީގައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރާ ހާލުގައެވެ. ކުޑަ ބިރުވެރިކަމެއްވެސް އޭނާގެ ހިތުގައި އުފެދިފައިވެއެވެ. އައިރީން ފަލަކް ގާތު އެއްވެސް ވާހަކައެއް ބުނެފާނެތީއެވެ. ނަސީބަކުން އެފަދަ އެއްވެސް ކަމެއް ދިމާނުވެއެވެ. އެކަމާ އިޔާން ހިންހަމަ ޖެހުނެވެ.

*****

އާމިރު އޮފީހަސް ގޮސް ކެބިންއަށް ވަތް ތަނާ ރިޝެޕްށަނުން ގުޅާލާފައި މީހަކު ބައްދަލުކުރަން އައިސް ހުރި ވާހަކަ ބުނެލިއެވެ. އަދި އެ މީހާ އެ ތަނުގައި ހަޅޭއްލަވާ ކަމާއި ތަނުގެ މަސްލަހަތު ނަގާލާކަމުގައި ބުނުމާއެކު އާމިރު ވިސްނާމުމަށްފަހު އެ މީހާ އޭނާގެ ކެބިންއަށް ފޮނުވާލުމަށްބުނެލިއެވެ.

"ކާކުބާ؟" އަމިއްލަ ނަފްސާ ސުވާލުކޮށްލި އާމިރު ފުން ނޭވާއެއް ދޫކޮށްލިއެވެ.

އިރުކޮޅަކުން ޓަކި ޖަހާލާފައި އެތެރެއަށް ވަނީ އޮފީހުގައި މަސައްކަތް ކުރާ ކުއްޖެކެވެ. އެ ކުއްޖާގެ ފަހަތުން އިތުރު ފިރިހެން މީހެއްވެސް ވަނެވެ. އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ނުރަޖަހާފައި ވެއެވެ. ލާފައި ހުރީ ގަމީހަކާއި ފަޓް ލޫނެކެވެ. މޫނުމަތިން ފެންނަނީ ނުރުހުން ތެރިކަމެވެ.

އާމިރު އެތަނަށް އައި ކުއްޖާއަށް އިޝާރާތް ކުރީ ގޮސްލުމަށެވެ. އެއަށްފަހު އޭނާގާތު އިށީނުމަށް ބުނެލިއެވެ.

"ކާކު ކަމެއް ނޭގުނު" އާމިރު ބުނެލިއެވެ.

"ސަލީމު..." އެ މީހާ އެއްމިޔަކަށް ހީލަމުން ބުނެލުމާއެކު އާމިރުގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ.

އިށީންދެގެން އިން މީހާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.

"ކަލޭ ކީކުރަން މިތަނަށް އައީ؟" އައިސް ހުރި ރުޅިން އޭނާއަށް ވާހަކަ ދެއްކުނީވެސް ފުދޭވަރަކަށް ހަރުކަށިކޮށެވެ.

"ހަހަ... އެހެންވީމަ އަހަންނަކީ ކާކުކަން އެނގިފަ ދޯ އޮތީ.... ކާކުގެ ފަރާތުން؟ ޖަލީލުގެ؟" ސަލީމު ހިނިގަނޑެއް ޖަހާލަމުން ސުވާލުކޮށްލީ މަލާމާތް އެކުލެވޭ ބެލުމަކާ އެކުގައެވެ.

"ތިހާ މުޑުދާރު މީހެއް އަހަރެންގެ ކެބިންގައި ބައިންދަން އަހަރެން ނުރުހުން... ހަމަ މިހާރު ދޭ" އަތުން ކެބިންގެ ދޮރާ ދިމާލަށް އިޝާރާތް ކޮށްލުމާއެކު އެމީހާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ހާދަ އަވަހަށް ފޮނުވާލަން ތިއުޅެނީ... ތިހާ އަވަހަށް ނުވާނެ އެއްނު ފޮނުވާލަން... އައި މިއުޅެނީ އައި ބޭނުންވެސް ނުބުނެވި... ޖަލީލު ނުބުނޭތަ އޭނަ ކަންތައް ކުރާގޮތުގެ ވާހަކައެއް؟" ސަލީމު އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ހަބަރުދާރު... ކަލޭގެ އެއްވެސް ވާހަކައަކަށް އަހަރެން ނުހެއްލޭނަން..."

" އަހަރެން ގެ އަނގަ ހުޅުވާލަން ޖެހޭނީ އެންމެ ފަހަރަކު... "ސަލީމު އޭނާގެ ހަތިޔާރު އުފުއްލާލަން ތައްޔާރުވިއެވެ. ޖަލީލުގެ ވާހަކަތައް ހަނދާންވުމާއެކު ސަލީމުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން މަޖުބޫރުވީ އާމިރުއަށެވެ. އޭނާ ސަލީމުއަށް ބަލާލާފައި ކިހާ ވަރެއްހޭ އަހާލިއެވެ. އެއާއެކު ސަލީމު ހިނިގަނޑެއްޖަހާލިއެވެ. އޭނާ ދައްކައިލީ އަތިގެ ފަސް އިނގިއްޔެވެ.

"ފަސް ހާސް؟" އާމިރު ބުމަ އަރުވާލިއެވެ.

" ނޫނޭ އެއް އިރެއްގައިވެސް އެއްވެސް އެހާ ކުޑަކޮށެއް އަހަރެން ނުނަގަމޭ... މަދުވެގެން ފަސް ލައްކަ... ކޮންމެ ފަހަރަކު... ކޮންމެ މަހަކު..." ސަލީމު ބުނެލިއެވެ.

"ހާދަ ގޮތެއް ނެތޭ... ހަށިގަނޑު ދުޅަހެޔޮ ކޮށް ހުރި ފިރިހެނެކޭ ތިއީ... ހަލާލު މަސައްކަތެއް ކޮށްގެން ކައި ބޮއި އުޅުނިއްޔާ މާ ރަނގަޅުވާނެ" އާމިރު ބުނެލިއެވެ.

"ޖަލީލު ނެތް ދުނިޔެއެއްގެ ދެން އަހަރެން އަންނަން ޖެހޭނީ އާމިރު ކައިރިއަށްތާ... އެ އާއިލާއާ ޖަލީލު އާ އެއްވެސް ގުޅުމެއް ނެތެއްނު..." ސަލީމު ބުނެލިއެވެ.

"އަހަންނަށް އޭރުވެސް އެނގެޔޭ ކަލޭ އަންނާނެކަން... އެހާ ގޮތެއް ނެތް މީހެއް އަންނާނެތާ... އެކަމަކު ބުނަން... ކަލޭގެ އަނގަ ޖެހޭނީ ބަންދުކޮށްގެން ހުންނަން... ތި ކަހަލަ މީހަކާ އަހަރެން ބޭނުމެއް ނޫން ވައިވެސް އެޅޭކަށް" އާމިރު ބުނެލިއެވެ. އޭނާ ވަގުތުން އެ ސަލީމްއަށް ފަސް ލައްކަ ރުފިޔާ ދިނެވެ. އެއަށްފަހު އޭނާއަށް ދެން އެ މަސްތެރޭގައި ނުފެންނަން އެންގިއެވެ.

ސަލީމުގެ ފަރާތުން ސަލާމަތް ވާނީ ކިހިނެތްކަމެއް އާމިރުއަކަށް ނޭނގުނެވެ. އޭނާއަށް ވުރެ ބޮޑަށް އެކަން ކުރެވުނަސް ކުރެވޭނީ ޖަލީލުއަށްތާއެވެ. އެހެންނަމަވެސް ޖަލީލުވެސް އެކަން ނުކުރީ އިތުރު ގޮތެއް ނެތީމަތާއެވެ. އެކަމަކު އަބަދާ އަބަދު ސަލީމު އެދޭ ވަރަށް ލާރި ދޭނީވެސް ކިހިނެތް ހެއްޔެވެ؟ މަރުވުމުގެ ކުރިން ޖަލީލު އޭނާގެ މުދަލާއި ފައިސާއިން ދޭން އޮތީ ވަސިއްޔަތް ކުރުވާފައެވެ. އޭނާގެ އޮފީހުގެ ލާރިން ކޮންމެ މަހަކު ސަލީމު އަށް ލާރި ދޭކަމާއި ދެނީ ކޮން މަޖުބޫރީ ހާލަތެއްގެ ސަބަބުންކަންވެސް އާމިރުއަށް އޮތީ އެންމެ ކުރީއްސުރެ ކިޔައިދީފައެވެ. އަދި އޭނާ މަރުވިޔަސް އޭނާގެ މުދަލުން އެ ލާރި ދޭން ވެސް އޮތީ ބުނެފައެވެ. އޭނާއަށް ހަމައެކަނި ސަލީމު ނުފެންނަކަމެވެ. ސަލީމުގެ ވަރަށް ގިނަ ކަންތައްތައް އޭނާއަށް އެނގެއެވެ.

އާމިރު ބޮލުގައި ހިފައްޓާލިއެވެ. ގޮނޑީގައި އިށީނދެލުމާއެކު އޭނާއަށް އެކުވެރިޔާގެ ހިޔާލުތައް ވެރިވާން ފެށިއެވެ. ކޮންމެ ގޮތަކުންވެސް އެކުވެރިޔާ ސިއްރުކޮށްދޭން ބުނި ކަންތައް އޭނާގެ އެންމެ ފުރިހަމަ ގޮތުގައި ސިއްރުކޮށްދޭން އާމިރު ބޭނުންވިއެވެ. އެއީ މިހާރު އޭނާގެ ޒިންމާއެކެވެ. ވާޖިބެކެވެ. މަސްއޫލިއްޔަތެއްވެސް މެއެވެ.

*****

އެ ދުވަހު އެއްވެސް ވަރަކަށް އިޔާން އާއި އިސްވެ ވާހަކަ ދައްކާ ހިޔާލެއް އައިރީންވެސް ނުކުރެއެވެ. އެހެންކަމުން އިޔާންއަށްވެސް އެކަމުން އުނދަގޫވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ މިއަދު އައިރީންއަށް އިތުރު ޖެއްސުމެއް ކުރާ ޚިޔާލެއް ނުކުރެއެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. އައިރީން ނުފެނިގެން އޭނާގެ ހިތަށް ވީ އުނދަގޫ މަތިން އަދިވެސް ހަނދާން ވަނީއެވެ. ހަވީރު ތިރިއަށް ގޮސް އައި އިރު އައިރީން ހުރީ ގަމީސް އިސްތިރިކުރާށެވެ. ފެންވަރައިގެން ނުކުތް އިރު އެއްޗެހި އިސްތިރި ކޮށްފައި ހުއްޓެވެ. އައިރީން ފެންނާކަށް ނެތެވެ. އެއްޗެހި ލައިގެން ރީތިވެގެން އިޔާން ނުކުންނަން ހިނގައިގަތް ތަނާ އައިރީން އައިސް ކޮޓަރިއަށް ވަނެވެ.

"ބޭސް ކައިފިންތަ؟" އިޔާން އަހާލިއެވެ. އައިރީން ބޯ ޖަހާލިއެވެ. އެއަށްފަހު ގޮސް ފާހާނާއަށް ވަނެވެ. އިޔާން ދެކޮނޑު އުފުލާލަމުން ގޮސް ބޭރަށް ނުކުތެވެ. ސިޑިން ފައިބައިގެން ގޮސް ދުއްވާލީ ސައިކަލަށް އަރައިގެންނެވެ. ދުއްވަމުން ދުއްވަމުން ގޮސް އޭނަ މަޑުކޮށްލީ ބްރިޖާ ދިމާ ބީޗްގައެވެ. އެ ތަނުގައި އިން އިރު އޭނާއަށް ތަފާތު ޚިޔާލުތައް ވެރިވަމުން ދިޔައެވެ. އައިރީން އާ މެދު ހަމްދަރުދީ ވި ނަމަވެސް އަދިވެސް އައިރީން އާއެކު ދިރިއުޅޭނޭ ޚިޔާލެއް އިޔާން ގެ ނެތެވެ. އޭނާ އަދިވެސް ބޭނުންވަނީ އައިރީން ވަރިކުރާށެވެ. އެ ފަދަ ހިޔާލުތަކެއްގައި އިނދެފައި އިޔާން ސައިކަލު ސްޓާރޓް ކޮށްލާ ދުއްވާލަން ތައްޔާރުވިއެވެ. އެ ހިނދު ދާދި ގާތުން ދިޔަ ކުއްޖާ އާއި އޭނާގެ ނަޒަރު ސީދާވެގެން ދިޔައެވެ. އެއާއެކު އެ ކުއްޖާގެ އިތުރުން އިޔާންއަށް ވެސް ހުއްޓުން އަރާ ގޮތް ވިއެވެ.

އެއީ ކުރީ ދުވަހުވެސް މަގުމަތިން އޭނާއަށް ފެނުނު އަންހެން ކުއްޖާއެވެ. އެ ދުވަހެކޭ އެއްގޮތަކަށް ލާފައި ހުރީ ކުރު ޓޮޕް ކޮޅަކާއި ކަކުލުން ތިރިއަށް އަންނަން ވަރުގެ ކުރު ޖީންސް ކޮޅެކެވެ. ފަން އިސްތަށުގަނޑު ދޫކޮށްލާފައި ވާއިރު ނޭފަތުގެ އިތުރުން ކަންފަތުގައި ބޮޅެއް އަޅުވާފައިވެއެވެ.

"އިޔާން" އެ ކުއްޖާގެ ދުލުން އިޔާންގެ ނަން ބޭރުވީ ކިތަންމެ މަޑުން ނަމަވެސް އިޔާން އަށް ރީތިކޮށް އެ އަޑު އިވުނެވެ. އޭނާ ދުރު ބަލާލަން މަސައްކަތް ކުރިނަމަވެސް އެ ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ.

(ނުނިމޭ...)

https://sun.mv/129491

comment ކޮމެންޓް