މަ ލޯތްބެއް ދެން ނުވާނަމޭ... - 21

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"ބައްޕާ... އަޅުގަނޑު އެބަ ޖެހޭ ކުޑަ ވާހަކައެއް ދައްކައިލަން... ކޮން އިރަކުތޯ ބައްޕައަށް ވަގުތެއް ވެލައްވާނީ؟" އިޔާން އަހާލިއެވެ. އިޔާން އަކީ ވަރަށް މުހިންމު ކަމެއްގަ ނޫނީ އެ ގޮތަށް ނުގުޅާ ކުއްޖަކަށް ވާތީ އާމިރުވެސް އެ ވަގުތު އޮފީހަށް އައުމަށް ބުނެލިއެވެ.

އިޔާން އޮފީހަށް ވަދެ އެންމެ ފުރަތަމަވެސް ދިޔައީ އާމިރުގެ ކެބިންއަށެވެ. އާމިރުގެ ހުއްދަ ލިބިގެން އޭނާ ގޮނޑީގައި އިށީނެވެ. އެއަށްފަހު އިރުކޮޅަކަށް އޭނާ ހިމޭންވީ އެ ވާހަކަ ފަށާނީ ކިހިނެތްކަން ނޭނގޭ ހާލުގައެވެ.

"އިޔާން... ދަރިފުޅާ..." ހަމަ ހޭވެރިކަން ވީ އާމިރު ދެފަހަރަކު ގޮވާލުމުންނެވެ. ހަމަހިމޭންވެރިކަން ވެރިވެގެން ދިޔަ ވަގުތުކޮޅަކަށްފަހު އިޔާން ވާހަކަދެއްކިއެވެ.

"ބައްޕާ... އައިރީންގެ އާއިލާގެ އެއްވެސް މީހަކު ދުނިޔޭގައި އެބަ ހުރިތަ؟" އިޔާން ކުއްލިއަކަށް ކޮށްލި ސުވާލުން އާމިރުއަށް ސިހުން ލިބުނެވެ. މި ފަދަ ވަގުތެއްގައި އެހާ މުހިންމު ވެގެން އިޔާން އެހެން އަހަން އަންނަން ޖެހުނު ސަބަބެއް އެނގެން އާމިރު ބޭނުންވިއެވެ. އޭނާ އިޔާންއަށް ބަލަން އިރުކޮޅަކު އިނދެފައި ސުވާލުކޮށްލިއެވެ.

"ކިހިނެތްވީ ކުއްލިއަކަށް ތި ސުވާލު؟" އާމިރުގެ ސުވާލާއެކު އެ މޫނުމައްޗަށް ވެރިވި ކުލަވަރުތަކުން އިޔާންއަށް ޝައްކުވިއެވެ. އޭނާ ބައްޕަގެ އެ ސުވާލަށް ޖަވާބުދިނެވެ.

"ބައްޕާ... އެއީ މިއަދު އޮފީހުގައި ދިމާވިކަމަކުން... ކޮންމެވެސް މީހަކު ގޮސް އޮފީހުގައި ހަޅޭއްލަވާތީ... އޭނަ ބުނަނީ އޭނައަކީ އައިރީންގެ ގެ ކާފައޭ... އޭނަގެ މުދާގަނޑު ހިފައިގެންނޯ އަޅުގަނޑު މިއުޅެނީ..." އިޔާން އެހެން ބުނެފައި މިއަދު ހިނގި ހާދިސާވެސް ތަފްސީލީ ގޮތެއްގައި ކިޔައިދިނެވެ.

"އޭނަވެސް މަޑުން ހުންނާކަށް ބޭނުމެއް ނުވިދޯ" އާމިރު ވާހަކަދެއްކީ އަމިއްލަ ނަފްސާނަމަވެސް ދުލުން އެ ބަސްތައް ބޭރުވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.

"ބައްޕާ... " އިޔާން ގޮވާލިއެވެ. ބައްޕައަށް ކޮންމެވެސް ކަމެއް އެނގޭކަން އިޔާންއަށް ޔަގީން ކުރެވިއްޖެއެވެ.

"އިޔާން... ބައްޕަ މި ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާ... ތި މީހަކީ ފަހަރުގައި އެ އާއިލާގެ މީހަކަށް ވެދާނެ... އެކަމަކު އައިރީންއާއި ޖަލީލުއާވެސް އެއްވެސް ގުޅުމެއް އޮތްބައެއް ނޫން އެއީ..." އާމިރުގެ ވާހަކައިން ކަންތައްތައް އިތުރަށް އޮޅުން ފިލުވަން އިޔާން ބޭނުންވިއެވެ.

"އިޔާން..ތިމީހަކީ ޒަމީރުއަށްވާނީ... އެއީ ޖަލީލުގެ ބައްޕަ، އޭނަ ބައްޕައަށްވެސް ގުޅިއޭ...އަޑުއަހާ! އައިރީންގެ މަންމައާއި ޖަލީލު ކައިވެނި ކުރަން ވެގެން އުޅުމުން އެ އާއިލާގެ އެއްވެސް މީހެއް ގަބޫލެއްނުވި، ޒަރީނާ އަކީ ރާއްޖެތެރޭ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވީތީ... ޖަލީލުއަށް ޒަރީނާއާ ދިމާވީ އޭނަ ވިޔަފާރި ދަތުރެއްގައި ރާއްޖެތެރޭ ރަށަކަށް ދިޔަ ފަހަރަކު... އޭގެ ފަހުން އެ ރަށުން ދެމީހުން ދިމާވެ އެކުވެރިކަން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީ... އެނބުރި އައިސް ޖަލީލު އެ ވާހަކަ އާއިލާ އާ ހިއްސާކުރުމުން އެމީހުން ގަބޫލެއް ނުވި... އެމީހުން ވަނީ ޖަލީލުގެ ކައިވެނި އެހެންމީހަކާ ހަމަޖައްސާފަ... ޒަރީނާއަށް ދެރައެއް ދޭން ނޭދޭތީ ޖަލީލު ސިއްރުން އެ ރަށަށް ގޮސް ކައިވެނި ކުރީ... އަދި ޒަރީނާ ގޮވައިގެން އެ ގެއަށް އައި... އެ އާއިލާއަކީ ވެސް ވިޔަފާރީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ އާއިލާއެއް... އެ ދުވަހު ލާނެ އަންނައުނެއް ވެސް ނެތި އެމީހުން ޖަލީލު އެގެއިން ބޭރުކޮށްލީމަ ޖަލީލުއަށް ވަގުތީ ގޮތުން އުޅޭނެތަނެއް ހަމަ ޖައްސައިދިނީ ބައްޕަ... އަދި ބައްޕަގެވެސް އެހީތެރިކަމާއެކު ޖަލީލު އެ އަޑިގަނޑުން އަރައިގަނެ އަމިއްލަ ވިޔަފާރިއެއް ފެށީ... ދޭތެރެ ދޭތެރެއިން އޭރު ޖަލީލު އެގެއަށް ވެސް ދާނެ...އެކަމާހުރެ ޖަލީލުވަރަށް ބަލިވެސް ވި. އަދި ގައިގަނޑަކަށް ދެ އަހަރު ރާއްޖޭން ބޭރުގައި ވެސް ހުރި... އޭރުވެސް ޖަލީލު އާއިލާއާ ގުޅަން މަސައްކަތް ކުރި...އެކަމަކު އެމީހުން...." އާމިރު ވާހަކަ ހުއްޓާލުމަށްފަހު އަނެއްކާވެސް ކުރިއަށް ދިޔައެވެ.

"އެކަމަކު އެމީހުން ނިންމައިގެން ތިބީ ޖަލީލު އެމީހުންނަށް ވަނީ މަރުވެފައިކަމަށް... އެއްވެސް ގުޅުމެއް ނުބާއްވާ، އެހެންވެ މަރުވިކަން އެނގުނީމަ އެކަކުވެސް މޫނު ބަލަން ނައީ... ބައްޕަ ގުޅަންވެސް ގުޅިން އެންމެނަށް، އެކަމަކު އަންނާނެ މީހަކު ނުވި، މިއަދު އައުމުގެ ބޭނުމެއް ނެތެއްނު... ޖަލީލު މަރުވީ އޭނަގެ ހުރިހާއެއްޗެއް އައިރީންއަށް ދީފައި... ބައްޕައާއި ހުރިހާ ކަމެއް ހަވާލުކޮށްފައި... ކުޑަމިނުން މޫނު ބަލާލަން ނާދެވުނު ބަޔަކަށް ޖަލީލުގެ އެއްވެސް މުދަލެއް ހައްގުވާނެތަ؟ " އާމިރު ބުނެލިއެވެ. އޭނާގެ ޚިޔާލަށް އެދުވަސްތަކުގެ ހަނދާންތައް އާވެގެން ދިޔައެވެ. ކިތަންމެ ދުވަހަކު އޭނަ ގޮވައިގެން ސަލާން ޖަހަން ޖަލީލު އޭނާގެ މައިންބަފައިން ކައިރިއަށް ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު އެމީހުންގެ ލޮލުން ހަމްދަރުދީގެ އެއްވެސް ކުލަވަރެއް ފެނިފައެއް ނުވެއެވެ.

"މިއަދު ކުއްލިއަކަށް އެމީހުން އައުމުގެ ބޭނުމަކީ ކޮބާ؟" އިޔާންއަށް ސުވާލުކޮށްލެވުނެވެ.

"އެމީހުންގެ ކުންފުނި ބަގުރޫޓްވީ... އޭރުވެސް ޖަލީލު ބުނި އެމީހުންއަންނާނޭ... އަންހެނުން މަރުވެގެން ގުޅީމަވެސް އެކަކުވެސް ނާދޭ!"" ޖަލީލުގެ ހަޔާތުގެ ސަފްހާތައް ފުރަތަމަ ފަހަރަށް އާމިރު އިޔާންއަށް ހުޅުވާލިއެވެ.

"މުދާގަނޑުގެ ބޭނުމުގަ އެމީހުން އަޔަސް މިއަދު ޖަލީލުގެ ވިޔަފާރީގެ އެއްވެސް މުދަލެއް ނުދޭނަން..." އާމިރުގެ އަޑުގައި ވަނީ ސާބިތުކަމެވެ. ޖަލީލުއާ ބެހޭ ވަރަށް ގިނަ ވާހަކަ އޭނާ އިޔާންއަށް ކިޔައިދިނެވެ. އެވަގުތު އިޔާން އޭނާއަށް ފެނުނު ޕެންޑްރައިވްއާ ބެހޭ ގޮތުން ސުވާލުކުރަން ބޭނުންވިނަމަވެސް ނޭނގޭ ސަބަބަކާ ހުރެ އޭނާ އެކަން ކުރަން ޖެހިލުންވިއެވެ.

ކޮންމެވެސް ދުވަހަކުން ހަޤީގަތްވެސް އެނގިދާނެތާއެވެ. އިހަށް އޭނާ މަޑުކޮށްލާނީއެވެ. އެއީ އައިރީންގެ ކަމަކަށް ވާތީއާވެސް އެކުގައެވެ. ޒަލަފް އާ ހެދި ގޭ އެންމެން ހާސްކަމެއްގެ ތެރޭގައި ތިބޭއިރު އަނެއްކާ މިފަދަ ވާހަކައެއް ދައްކައިގެން އިތުރަށް ބައްޕަ ހާސްކުރުވާކަށް އިޔާން ބޭނުމެއްނުވިއެވެ. ބޮޑަށް ހީވަނީ ޖަލީލުގެ ކެބިންއިން އެއްޗެހިތައް ނެގިއިރު ނުފެނިފައި އިން ޕެންޑްރައިވް އެއް ހެންނެވެ.

"ދަރިފުޅު އެއްވެސް އެއްޗެއް ބުނަން ބޭނުންތަ؟ އަދިވެސް ހީވަނީ އެއްޗެއް ބުނަން ބޭނުންވެފަ އިން ހެން..." އާމިރު އަހާލިއެވެ.

"ނޫން" އިޔާން އަވަސް އަވަހަށް ބުނެލިއެވެ. ހީވަނީ ކަމެއް ފަޅާއަރާފާނެތީ ބުނެލިހެންނެވެ.

އާމިރުއާއި ވާހަކަ ދައްކާ ހަދާލާފައި ނުކުމެގެން އޭނާ މިސްރާބުޖެހީ ގެއާ ދިމާލަށެވެ. އައިރީން ދެކިލުމުގެ ބޭނުމުގައެވެ. އޭނާ މައްޗަށް އެރިއިރު އައިރީންއާއި ޒަލަފްއާއި ތިބީ ސިޓިންރޫމުގައި ވާހަކަދައްކާށެވެ.

"ދޮންބެ އޮފީސް ނިމުނީތަ؟" ޒަލަފް އަހާލިއެވެ. އެއާއެކު އިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ. އައިރީންއަށް ބަލަންހުރެފައި އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އިޔާން އަނބުރާ އޮފީހަށް ދިޔައީ ގެއިން ކައިގެންނެވެ.

*****

ޖެހިގެން އައި ދުވަހުވެސް އެ ފިރިހެންމީހާ އައިސް އަޑުގަދަ ކުރަންފެށިއެވެ. އިޔާން އޭނާގެ ކެބިންއަށް އެމީހާ ފޮނުވަން ބުނެލިއެވެ.

އިޔާން ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން އެ މީހާއަށް އިންތިޒާރުކުރަން ފެށިއެވެ. މާ ގިނަ އިރެއްނުވެއެވެ. އެމީހަކު ދޮރު ހުޅުވާލާފައި ވަދެއްޖެއެވެ. އިޔާން އިށީނުމަށް އިޝާރާތް ކުރިއެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ މަޑުކުރީ އެމީހަކު ވާހަކަ ފަށަންދެނެވެ.

"އަހަންނަކީ ޖަލީލުގެ ބައްޕަ..." އެމީހާ ވާހަކަ ފެށިއެވެ.

"މި ކުންފުނީގެ ހުރިހާ ކަމެއް ހަވާލުވެފައި ވަނީ އަޅުގަނޑާ... ތި އާއިލާއަށް އެއްވެސް އެއްޗެއް ދޭ ގޮތަކަށް ނޫން އޮތީ ބައްޕަ ނިޔާވިއިރު..." އިޔާން ބުނެލިއެވެ.

ބައްޕައޭ..." އޭނާގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ.

"ލައްބަ... އަޅުގަނޑަކީ ޖަލީލުގެ އަންހެން ދަރިފުޅުގެ ފިރިމީހާ... " އިޔާން ޖަވާބުދިނެވެ.

"ބައްޕަ ނިޔާވިއިރު ހުރިހާ ކަމެއް ނިންމާފަ ވަނީ... ބަލަން ބޭނުން ވަންޏާ މިހުރީ ލިޔެ ކިޔުންތައް... އިތުރަށް މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުމިއްޔާ ކޯޓަށް ދެވިދާނެ... އެކަމަކު މި ހުރިހާ ހެއްކާ މި ލިޔެ ކިޔުންތަކުގެ އަލީގައި މައްސަލަ ނިމޭނެގޮތް ވަރަށް ސާފެއްނޫންތޯ؟" އިޔާން ލިޔެ ކިޔުންތައް ދައްކާލިއެވެ. އައިރީންއަށް އެންމެ ބޭނުންވި ދުވަހު އެ އާއިލާގެ އެހީތެރިކަމެއް ނުލިބުނެވެ. ބޮޑުވެގެން އަންނަ އަންހެން ކުއްޖަކަށް މަންމައެއް ފަދަ އަންހެނެއްގެ އެހީތެރިކަންވެސް ބޭނުންވާނެތާއެވެ. އެހެންނަމަވެސް އާއިލާގެ ބޮޑާކަމުގެ ސަބަބުން އައިރީން އެކަމުންވެސް މަހުރޫމް ވީއެވެ.

އިޔާންގެ ވާހަކަތަކުން އޭނާއަށް ކުރި ނުލިބޭނެކަން އެނގި ޒަމީރު ދިޔައެވެ. އޭނާ ދިޔައީ އިންޒާރުގެ ބެލުމަކުން އިޔާންއަށް ބަލާލާފައެވެ.

ޖެހިގެން އައި ހަފްތާގައި ރާއްޖޭން ބޭރަށް ފަލަކްއާއެކު އާމިރު ފުރައިފިއެވެ. ޒަލަފްވެސް އޮފީހަށް ޖޮއިން ކުރީ ގޭގައި ހުންނަން ވުމުން ހައްތަހާ އޭނާއަށް ބޭކާރު ކަންތަކާ ވިސްނޭތީއެވެ. އަނެއްކޮޅުން އާމިރު ނުހުންނައިރު އޮފީހުގެ މަސައްކަތް ދާ ގޮތް އޭނާއަށް ވެސް ބެލޭނެތާއެވެ.

އާމިރު ދިޔަތާ ތިން ވަނައަށް ވީ ދުވަހު އޮފީހުގެ ބޭނުމަށް އާމިރުގެ ސޭފްގައި ހުރި ބައެއް ލިޔުންތައް ބޭނުންވިއެވެ.

ފަލަކް ހުރީ ކުޑަދޮރުން ފެންނަމުން ދިޔަ އެތައް ހާސް އިމާރާތްތަކަށް ބަލަހައްޓައި ގެންނެވެ. އެ މަންޒަރަކީ އަބަދާ އަބަދު ފެންނަ މަންޒަރަކަށް ވިނަމަވެސް އެއީ ބަލާ ފޫހިވާނޭ މަންޒަރެއްނޫނެވެ. އާމިރު ފޯނުން ވާހަކަ ދައްކަމުން ދިޔަ އިރު އިރު އިރު ކޮޅަކާ އޭނާ ބަލާވެސް ލައެވެ. އާމިރު ދުބާއީއަށް އައީ އެތަނުގައި އޮތް ކޮންފަރެންސަކަށެވެ. ފަލަކްވެސް އަންނަން ބޭނުންވުމުން އާމިރު އައީ ފަލަކްވެސް ގޮވައިގެންނެވެ.

"އެކަމަކު... މިވަގުތު ރާއްޖޭން ބޭރުގަ މިހުރީވެސް... އެ ޕްރޮޖެކްޓް ގެ ލިޔުންތައް ކުރީ ދުވަހު ފައިލްތަކާއެކު ސޭފްއަށް ލެވުނީ ހެން ހީވަނީ... ވަރަށް މުހިންމުތަ؟" އާމިރު އޭނާގެ ސެކެޓްރީއާ ވާހަކަދެއްކީ ފޯނުންނެވެ.

"އެހެންވިއްޔާ މަޑުކޮށްލާ... އެބަ ގޮތެއް ވޭތޯ ބަލާލަން" އާމިރު ފޯނު ބާއްވިއެވެ.

"ކިހިނެތްވީ؟" ފަލަކް ސުވާލުކޮށްލިއެވެ.

"އެއްކަލަ ރަށުގެ ޕްރޮޖެކްޓްގެ ލިޔެކިޔުންތަކުގެ ކޮޕީ މާދަމައަށް ބޭނުންވެގެން... އޮފީހުގެ އެއްވެސް ތާކު ނެތޭ ބުނީ... އެއްކަލަ ދުވަހު ސޭފްއަށް ލެވުނީ ހެން ހީވަނީ..." އާމިރު އެހެން ބުނެލާފައި ދެން ގުޅާލީ އިޔާން އަށެވެ. އޭރު އިޔާން އުޅުނީ އޮފީހުގައެވެ. އާމިރު ސޭފްގެ ކޯޑު އިޔާންއަށް ކިޔައިދިނުމަށްފަހު އެ ފައިލްގެ ބޭރުގައި ލިޔެފައި އިންނަ ނަންވެސް ބުނެލިއެވެ. އޭގައި އައިރީންއާ ބެހޭ ވަރަށް މުހިންމު ލިޔުންތަކެއް ވާނެއެވެ. އެ ލިޔުންތައް އަދި އިޔާންއަށް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އުންމީދުކުރަނީ އިޔާން އެހެން ފައިލްތައް ނުހުޅުވާނެކަމަށެވެ.

"އާމިރު... ގަޑި ޖެހެން ކައިރިވަނީ..." ފަލަކް އާމިރުއަށް ގޮވާލިއެވެ. އާމިރު ހިނިތުންވެލާ ފަލަކްގެ ކައިރިއަށް ޖެހިލާ ފަލަކްގެ އަތުގައި މަޑުމަޑުން ހިފާ ލިއެވެ.

*****

އިޔާން އޮފީހުން އައިސް އެ ލިޔުންތައް ނެގުމުގެ ބޭނުމުގައި ސްޓަޑީއަށް ވަނެވެ. ސޭފް ހުޅުވާލާ އޭނާ އޭގައި ހުރި ފައިލްތަކާ އެއްޗެހި ނެގިއެވެ. އެއަށްފަހު މޭޒުމަތީގައި ބަހައްޓަމުން ބައްޕަ އެ ބުނާ ފައިލެއް އޮތް ތޯ ޗެކް ކުރަން ފެށިއެވެ. ދާދި ފަސޭހައިން އެ ފައިލް ފެނުނެވެ. ލިބުނު ހިންހަމަ ޖެހުމާއެކު އެ ފައިލް ވަކިން ބައިންދާފައި ދެން ހުރި ހުރިހާ އެއްޗެއް އެއްފަހަރާ ހިފައިގެން އޭނާ ހިނގައިގަތް ތަނާ އެތަނުގައި ވެއްޓިފައި އޮތް ގަލަމަކަށް ފައިން އެރި ކުޑަކޮށް ފައި ފުރޮޅާލިއެވެ. އިޔާން ނުވެއްޓުނު ނަމަވެސް އަތުގައި ހުރި ހުރިހާ ފައިލެއް ވެރުނެވެ. އަމިއްލަ ބޮލުގައި ޖަހާލަމުން އޭނާ އެ ގަލަމާ ދިމާލަށް ބަލާލާފައި ފުންނޭވާއެއް ލިޔެވެ. ދެން ބަލާލީ ޓައިލްސްތަކު މައްޗަށެވެ. ބައެއް ގަނޑުތައް މުޅިތަނަށް ވެރިއްޖެއެވެ. ފައިލްތަކަށް ކަރުދާސްތައް އަޅާ އެއްޗެހިތައް ތަރުތީބުކުރަމުންދިޔަ އިޔާންއަށް ހުޅުވާލެވުނު ފައިލަކުން އައިރީންގެ ނަން ފެނުމާއެކު އޭނާގެ ޝައުގުވެރިކަން އެއަށް ދަމައިގަތެވެ. އޭނާ އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ލިބިގެން ދިޔައީ އަނެއް ޝޮކެވެ. ބޮލަށް އެނބުރުން އެރިހެންވެސް ހީވިއެވެ. ދުނިޔެ އޭނާ ވަށައިގެން އެނބުރޭހެން ހީވާން ފެށިއެވެ. ދެލޯ ބޮޑުވެއްޖެއެވެ.

"ވަޓް" އިޔާންއަށް ކިޔާލެވުނެވެ. މިއީ އައިރީންއަށް އެނގޭ ހަޤީގަތެއްނޫނެވެ. އެހާ ސިއްރުން އެ ގެންގުޅެނީ އެހެންވީމަތާއެވެ. އައިރީންގެ ވާހަކަތައް ހުރި ގޮތުންވެސް މި ހަޤީގަތް އޭނާއަށް ނޭނގޭކަން އިޔާން ދެނެގަތެވެ. އޭނާ އޭގައި ދެން ވެސް ހުރި ފައިލްތައް ޗެކް ކުރިއެވެ. އައިރީންއާއި ގުޅޭ އެއްވެސް އެއްޗެއް ފެނޭތޯއެވެ. އައިރީންގެ އެއްޗެއް ވިއްޔާ އެ ހުރިހާ އެއްޗެއްގެ ކޮޕީ އެތަނުގައި ހުރި މެޝިނުން އޭނާ ނެގިއެވެ. އެއަށްފަހު ހީރާހެއް ޖަހާލަމުން އެ ހުރިހާ އެއްޗެއް އެއްކޮށްލިއެވެ. އަސްލުތައް ސޭފްއަށް ލާ އިހު ހުރި ގޮތަށް އޭނާ ބަހައްޓާލިއެވެ. އަނެއްކާވެސް އަނެއް ހަޤީގަތެވެ. ކަމަކަށް ފަހު ކަމެކެވެ.

ކޮޓަރިއަށް އައި އިރު އައިރީން ހުރި ރީތިވާށެވެ. ލިޔުންތައް ހިފައިގެން އައިސް ކަބަޑަށް ލަމުން އޭނާ އައިރީންއަށް ބަލާލިއެވެ.

"ކޮންތާކަށް ދާން؟" އިޔާން އަހާލިއެވެ.

"ބުނީމެއްނު ބޭރަށް ދާ ވާހަކަ ޒެލް މަންމައާއެކު" އައިރީން އިޔާންއަށް ބާލާލާފައި ވާހަކަ ދެއްކިއެވެ. އިޔާން ބޯ ޖަހާލިއެވެ. އެއަށްފަހު އޭނާ އައިރީންއަށް ކަޅި ޖަހާނުލާ ބަލަން ފެށިއެވެ.

"ކިހިނެތްވީ؟" އައިރީން އެނބުރިލަމުން އަހާލިއެވެ.

"ހަމަ ރީތިކަމުން ބެލެނީ" އިޔާން އައިރީން ލަދު ގަންނުވާލަން ބޭނުންވިއެވެ. އޭނާ އެހެން ބުނެލުމާއެކު އައިރީންގެ މޫނުމަތި ރަތްވެގެން ދިޔަތަން އޭނާއަށް ފެނުނެވެ.

"ގަމީސް އެހުރީ... ޓީޝާޓު ވެސް ހުންނާނެ... " އައިރީން އިޔާންގެ އިސްތިރި ކުރި އެއްޗެހި ދައްކާލިއެވެ. އެއަށްފަހު އޭނާ އިޔާންއަށް ބަލާލާފައި ނުކުމެއްޖެއެވެ.

ހިތުގައި ހުރި އުދާސްކަމާއެކު އޭނާ ގޮސް އެ ގަނޑުތައް ނަގައިގެން އައިސް ސޯފާގައި ޖައްސާލިއެވެ. އެއަށްފަހު އޭގައި ވާ އެއްޗެއް ކިޔަންފެށިއެވެ. ކިޔަމުން ދިޔަ ވަރަކަށް އޭނާއަށް ހުރިހާ ކަމެއް ވެސް އެނގި ސާފުވަމުން ދިޔައެވެ. ދެބުމަ ގޮށްޖެހޭ ފަހަރާއި ހިތާމައިގެ ސާލެއް އޭނާގެ ވަށާ އެނބުރޭހެން ހީވޭ ފަހަރުވެސް އާދެއެވެ. ދަތްކުނޑި ވިކޭފަހަރާއި ދެލޯ ފެންކަޅި ވާފަހަރެވެ. ހައްތަހާ ހިތަށް އުދާސްކަމާއި ހިތްދަތިކަން ވެރިވާ ފަދަ ވާހަކަތަކެވެ. އައިރީންއަށް މިކަންކަން އެނގިއްޖެނަމަ އައިރީން މޮޔަވެދާނެއެވެ. އޭނާއަށް އައިރީންއާ މެދު ކަންތައް ކުރެވުނީވެސް ހާދަ އިހާނެތި ގޮތަކަށެވެ. ޕެންޑްރައިވް ގައި އޮތް ވީޑިއޯގެ ހަޤީގަތްވެސް އެނގިއްޖެއެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ހިތަށް އަނެއް ނުތަނަވަސް ކަން ވެރިވިއެވެ. އިޔާންއަށް ނޭނގުނު ކަމަކީ އޭނާގެ ހިތުގައި ވެސް އައިރީންއަށްޓަކައި ވި ހަމްދަރުދީއިން ލޯބީގެ ކުރިފަޅާ ހެދެން ފެށިކަމެވެ. އަމިއްލަ އިޙްސާސްތައް ދެނެގަންނަން އޭނާގެ ނަފްސު ނުކެޅެދިފައިވާކަމެވެ.

މިހާރަކަށް އައިސް ޒާނާ މަތިން އެކީ ކަހަލަ ގޮތަކަށް ހަނދާން ނެތިއްޖެއެވެ. އަބަދާ އަބަދު ބޭނުންވަނީ އައިރީންގެ ސޫރަ ދެކެލުމަށެވެ. އެ ހިނިތުންވުން ދެކިލާ ހިތުން އޭނާ ބޭޤަރާރުވަނީއެވެ. އެ ލޮލުން ރިހުން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ވެސް އަސަރުކުރުވައެވެ. ކުރެވުނު ހުރިހާ ކުށަކަށް މާފަށް އެދެން ބޭނުންވެއެވެ. އައިރީންއަކީ އޭނާގެ ޙަޔާތުގައި ކިހާ މުހިންމު މީހެއް ކަމުގެ އިޙްސާސް އޭނާއަށް މިހާރު އެބަ ކުރެވެއެވެ. އެހެންނަމަވެސް އަދިވެސް އެހިތަށް ތަސައްލީއެއް ނުލިބެއެވެ. ޒާނާގެ ބޭފަވާތެރިކަމުން އަރުތެރޭގައި ލީ ހިތި ރަހަ އަދިވެސް ފިލައިގެން ނުދަނީއެވެ. އެ ބިރުވެރިކަން ބޮޑީއެވެ. ހަޔާތުގައި އޭނާގެ ފުރަތަމަ ލޯބި އަތުން ބީވެ ގެއްލުމަށްފަހު އަންހެން ކުދިންނަށްކުރާ އިތުބާރު ވެސް ގެއްލުނީއެވެ. އޭނާގެ އުޅުން ބަދަލުވީ އެހާ ހިސާބުންނެވެ. ޒާނާ އޭނާ ދޫކޮށްލި ހިސާބުންނެވެ. އެކި އެކި ކުދިންނާއެކު ޓައިމް ޕާސް ކޮށްލުން އާއްމުވީއެވެ. ހަޔާތުގެ ސީރިއަސްކަމާއެކު ވިސްނަން ބޭނުންނުވީއެވެ. އެ ހިތުގައިވެސް އިޙްސާސްތަކެއް ވިއެވެ. އެހެންނަމަވެސް އެ ހިތް ހަރު ހިލައަށް ބަދަލުކުރަން މަޖުބޫރުކުރުވި މީހަކީ ޒާނާއެވެ. އޭނާ ނުކައި ނުބޮއި ހޭދަކުރި ހިތް ދަތި ދުވަސްތަކުގެ ހަބަރު ޒަލަފް ނޫން އެހެން އެންމެނަށް އޮތީ ސިއްރުވެފައެވެ. އެންމެ ބޮޑު ހިތްވަރެއް ލިބުނީވެސް ޒަލަފްގެ ފަރާތުންނެވެ.

ކޮންމެއަކަސް މިހާރު އައިރީންއަކީ އޭނާގެ އަނބިމީހާއެވެ. ހަޤީގަތް އެނގުމަށްފަހު އޭނާގެ ހިތުގައި އައިރީންއަށްޓަކައި އުފެދުނު އިޙްސާސްތައް ކުޑައެއް ނުވިއެވެ. އެއްވެސް ވަރަކަށް ފަނޑެއްނުވިއެވެ. އެހެންނަމަވެސް އެ އިޙްސާސްތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އިތުރު އޯގާތެރިކަމާއި އިތުރު ޙަމްދަރުދީ އޭނާގެ ފަރާތުން އައިރީންއަށް ދޭން ބޭނުންވިއެވެ. ދުވަހަކުވެސް އެ ހަޤީގަތް އައިރީންގެ ކުރިމައްޗަށް ގެންނާކަށް އިޔާން ބޭނުމެއް ނުވިއެވެ. އެ ހިތް އިތުރަށް ހަލާކު ކުރާކަށް އިޔާން ބޭނުމެއް ނުވިއެވެ. އިނދެގެން މިވީ ދުވަސްތަކުގައި ވެސް އައިރީންއަށް ލިބުނީ ހުސް ހިތާމަވެރިކަމާއި ހިތްދަތިކަމެވެ. އިތުރަށް އެފަދަ ވޭނެއް އައިރީން އާ ކުރިމަތި ކުރުވަން ނަފްސު އެއްބަސް ނުވީއެވެ. އަލުން އާ ފެށުމަކުން ފަށަންވީއެވެ. އިޔާން ތަފާތު ގޮތްގޮތަށް ވިސްނަމުން ދިޔައިރު އޭނާއަށް ނޭނގުނު ކަމަކީ އެ ހަޔާތަށް ވަރުގަދަ ކޮޅިގަނޑެއް އަންނަން އުޅޭކަމެވެ.

*****

ޒަލަފްގެ ފޯނަށް ސުމާގެ މެސެޖްތައް ވެސް އާދެއެވެ. މާފަށް އެދިފައެވެ. އޭނާގެ އުޅުން ބަދަލުކުރާނަމޭ ކިޔާފައެވެ. އެހެންނަމަވެސް ޒަލަފް އެއިން އެއްވެސް މެސެޖަކަށް ރިޕްލައި އެއް ނުކުރެއެވެ. ކުރާކަށް ބޭނުމެއްވެސް ނޫނެވެ. ސުމާއަކީ ކޮންކަހަލަ ކުއްޖެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގި ހާމަވެއްޖެއެވެ. އޭނާ ބޭނުންވަނީ އޭނާދެކެ ލޯބިވާނެ ކުއްޖެކެވެ. އޭނާގެ ފައިސާއާއި މުދާދެކެ އެއް ނޫނެވެ. އަދި ދީންވެރި އަޚްލާދު ރަނގަޅު ކުއްޖެއްވެސް މެއެވެ.

އަނެއްކޮޅުން ދެން މެސެޖް ކުރާ އަންހެން ކުއްޖަކީ ބޮޑު ބޮލު ރިހުމަކަށް ވެއްޖެއެވެ. ތަފާތު ވައްތަރު ވައްތަރުގެ ފޮޓޯއާއި ވީޑިއޯއެވެ. އަންހެން ކުއްޖަކު އެފަދައިން ކަންތައް ކޮށްފާނެ ކަމަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. އެއް ނަންބަރު ބްލޮކް ކުރުމުން އަނެއް ނަންބަރުންވެސް އާދޭސް ކުރަނީއެވެ. މެސެޖް ކުރަނީއެވެ. ފޮޓޯ ފޮނުވަ ނީއެވެ.

"ކިހިނެތް ވެގެން ތި އުޅެނީ... އަހަރެން ބުނެފީމެއްނު ކަލެއާ ވާހަކަ ދައްކާކަށް ބޭނުމެއްނޫނޭ... ކިހާ ދެރަކަމެއްތަ މީ ދެން... ކޮންމެވެސް އެހެން މީހަކު ފަހަތުން އުޅެން ދޭބަލަ... ކޮންމެވެސް އެހެންމީހަކަށް ތި ފޮޓޯ ތައް ފޮނުވަބަލަ..." ޒަލަފް އެންމެ ފަހުން އެ ނަންބަރަށް ގުޅާ ހަޅޭއްލަވައިގަތެވެ.

"އަހަރެން ކިހާ ލޯބިވާތީތަ މިހެން އުޅޭނީ... އަޅެ އެއްފަހަރުވެސް ވިސްނާލަބަލަ..." އެކޮޅުން ވާހަކަ ދެއްކިއެވެ.

"ލޯބިވާމީހުން ތިހެނެއް ނޫޅޭނެ... އަހަރެން ކަލޭގެ މައްސަލަ ފުލުހަށް ހުށައަޅައިފިއްޔާ މާ ރީއްޗެއް ނުވާނެ" ޒަލަފް ބުނެލިއެވެ.

"ހުށައަޅާނެ ނަމަ މިހާރުވެސް ހުށައަޅާފައެއް ނޫންތަ ހުންނާނީ" އެކޮޅުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޒަލަފް ފޯނު ކަނޑާލިއެވެ.

ކުރީ ދުވަހު ނަންބަރު ބަދަލުނުކުރެވުނު ކަމުގެ މޮޔަހީވިއެވެ. މިހާރު އެ އަންހެނާގެ މައްސަލަ ފުލުހަށް ހުށައަޅާ ހިސާބަށް ވެސް ގޮސްފިއެވެ.

ބޯ ހަމަޖައްސައިލަން ޒަލަފް ބޭނުންވީ ބޭރަށް ނުކުމެލާށެވެ. ކާރަށް އަރައިގެން އޭނާ ދުއްވައިލަން ނުކުތްވަގުތަކީ ހަވީރުގެ ވަގުތަކަށް ވުމާއެކު މީހުން ފުދޭވަރަކަށް މަގުމަތީގައި ގިނައެވެ. ރަސްފަންނާ ހިސާބަށް ގޮސް އޭނާ މަޑުމަޑުން ކާރު އެއްފަރާތުގައި ޕާރކުކޮށްލިއެވެ. މީހުން އުޅޭ ނޫޅޭގޮތް ވަށައިގެން ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި ރަޔާ އަޅައިގަތެވެ. އަތުގައި ދެއައިސް ކޯނު އޮތެވެ. ޒުވާން ޖޯޑުތައްވެސް މަޖާނަގަނީއެވެ. އެހެންކަމުން ޒަލަފްއަށް ހީވީ ރަޔާވެސް އެއުޅެނީ އޭނާގެ ލޯބިވެރިޔާއާއެކު ކަމަށެވެ. ބުނެދޭން ނޭނގޭ މާޔޫސްކަމެއް ވެރިވިއެވެ. އިސްޖަހާލުމަށްފަހު އިސް އުފުލާލާ އޭނާ ރަޔާ ފެނޭތޯ ހޯދާލިއެވެ. ތަންކޮޅެއް ދުރުން ރަޔާ އޭނާގެ ލޮލުގައި އަޅައިގަނެއްޖެއެވެ. ރަޔާ އައިސްކޯން ގެންގޮސް ދިނީ ފުރޮޅު ލޯ ގޮނޑީގައި އިން މުސްކުޅި އަންހެން މީހަކަށެވެ. އޭނާގެ އެއްފައި ނެތްކަން ފަރުވާތެރިކަމާއެކު ބަލާލުމާއެކު ޒަލަފްއަށް އެނގުނެވެ. އެއާއެކު ރަޔާގެ ހަރަކާތްތަކަށް އޭނާއަށް ބޮޑު ސަމާލުކަމެއް ދެވުނެވެ. އެމީހާގެ އަތަށް އައިސްކޯން ލައިދޭން ރަޔާ މަސައްކަތް ކުރަމުން ދިޔައެވެ. އަތުގެ ބާރުނެތުމުން އޭގައި ހިފަން އުނދަގޫވިއެވެ. ރަޔާގެ އަތުގެ ބާރުގައި އެމީހާގެ އަތް އުފުލުވާލާ އަނގައިގަ އައިސްކޯނު ޖެއްސި މަންޒަރު ޒަލަފް އޭނާގެ ފޯނުގައި ރައްކާކޮށްލީ ފޮޓޯ ގަނޑެއްގެ ސިފައިގައެވެ. ރަޔާގެ އެ އަމަލުން އެކަނިވެސް އެ ހިތުން ރަޔާ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެއީ ސީދާކާކުކަން ނޭނގޭތީއާ އެންމެން ކުރިމަތީގައި ރަޔާ ކައިރިއަށް ދާން ޒަލަފްއަށް ނުކެރުނެވެ. އޭނާ އެ މަންޒަރުތައް ބެލީ ދުރުގައި އިނދެގެންނެވެ. ނުދަންނަ މީހެއްގެ ފޮޓޯ އެގޮތަށް ނެގުމަކީ ރަނގަޅު ކަމަކަށް ނުވާއިރުވެސް އޭނާގެ ފޯނުގައި ރަޔާގެ ފޮޓޯތައް ރައްކާކުރެވިއްޖެއެވެ. ޒަލަފް ހިނިތުންވެލިއެވެ. އެ ހުރިހާއިރު ޒަލަފް އިނީ އެ މަންޒަރަށް ނަޒަރު ހުއްޓާލައިގެންނެވެ. ބަލާ ފޫހި ނުވެއެވެ.

އިރުއޮއްސެން ކައިރިވުމާއެކު ރަޔާވެސް މަގުމައްޗަށް ނުކުމެ ޓެކްސީއެއް ހޯދަން ވެގެން އުޅުނެވެ. އެހެންނަމަވެސް އެއްވެސް ކާރެއް މަޑެއްނުކުރެއެވެ. އެހެން ފަނަރަ މިނިޓް ރަޔާ އުޅުނު ފަހުން ޒަލަފް ކާރު ދުއްވާލާފައި ގޮސް ރަޔާ ގާތަށް މަޑުކޮށްލިއެވެ.

ކުއްލިއަކަށް ކާރެއް އައިސް މަޑުކޮށްލުމާއެކު ރަޔާ އޭގެ އެތެރޭގައި އިން މީހަކީ ކާކުތޯ ބަލާލިއެވެ. ޕްރައިވެޓް ކާރެއްގައި ސީދާ އޭނާ ކައިރިއަށް މި އައީ ކާކުހެއްޔެވެ؟

ލޯގަނޑު ތިރިކޮށްލަމުން ޒަލަފް ރަޔާއަށް ބަލާލިއެވެ. ރަޔާގެ ނަޒަރު ފުރަތަމަ ހުރި ގޮތުން އޭނާއަށް ކާކުކަން ނޭނގުނީކަން ޒަލަފްއަށް އެނގު ނެވެ.

"އަހަރެން ނޭނގުނުތަ؟ އެ ދުވަހު ހޮސްޕިޓަލުން..." ޒަލަފް ހަނދާންކޮށްލަދިނެވެ.

"އޯހް... ކިހިނެތްތަ؟" ރަޔާ ހިނިތުންވެލިއެވެ.

"ދާންވެގެންތަ؟"

"އޭތް ކީކޭ؟" ޒަލަފް ބުނި އެއްޗެއް ރަޔާއަށް ފަހުމެއްނުވިއެވެ.

"މި ބުނީ ގެއަށް ދާންވެގެން ހޭ ޓެކްސީއެއް ތި ހޯދަނީ" ޒަލަފް އަހާލިއެވެ. ރަޔާ ބޯ ޖަހާލިއެވެ. އެއަށްފަހު އޭނާ ތަންކޮޅެއް ދުރުގައި އިން މާމައަށް ބަލާލިއެވެ.

ޒަލަފް ބުނީ އޭނަ ގެންގޮސް ދީފާނެކަމުގައެވެ. ރަޔާ އެއްބަހެއް ނުވިއެވެ. ޒަލަފް ތަކުރާރުކޮށް ކިޔަން ފެށުމުން ރަޔާއަށް އެއްބަސްވާން މަޖުބޫރުވީ އިރުވެސް އޮއްސެން ގާތް ވާތީއެވެ. އަނެއްކޮޅުން މާމައަށް ބޭސް ދޭ ގަޑިވެސް ޖެހެނީއެވެ. އެހެންކަމުން އޭނާ މާމަ ގޮވައިގެން އައިސް ކާރަށް އަރުވަން ވެގެން އަވަސްވެގަތެވެ. ޒަލަފް ކާރުން ފައިބާ އެހީތެރިވެދިނެވެ. އެއަށްފަހު ގޮނޑި ލައްޕާލާ ޑިކީއަށް އަރުވާފައި އައިސް އިށީނެވެ.

"ކޮންތާކަށް ގެންގޮސް ދޭންވީ؟" ޒަލަފް އެދުނެވެ. ރަޔާ އޭނާގެ ގެ ހުންނަ ހިސާބު ޒަލަފްއަށް ކިޔައިދިނެވެ. އެ ހިސާބަށް ރަޔާމެން ބާލުވާފައި ޒަލަފް ވެސް ނައްޓާލީ ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އޭނާގެ ބޯ ހަމަޖެހި ސިކުނޑިވެސް ތާޒާވެއްޖެއެވެ. ކުޑަ ހިނދުކޮޅަކަށްވެސް އޭނާއަށް އުނދަގޫކުރާ މީހުންނާއި އުދާސްކަން މަތިން ހަނދާން ނެތިއްޖެއެވެ. ރަޔާ އާ ބެހޭގޮތުން އިތުރަށް ކަންތައްތައް އެނގުމުގެ ޝައުގުވެރިކަން ޒަލަފްގެ ހިތުގައި އުފެދުނު ނަމަވެސް މާޔޫސްވީ ދެން ރަޔާ އާ ދިމާވާނެކަން ނޭނގޭތީއެވެ.

(ނުނިމޭ...)

https://sun.mv/131427

comment ކޮމެންޓް