މަ ލޯތްބެއް ދެން ނުވާނަމޭ... - 20

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"ކުރިން ރޭ ވީ ކަންތަކަށް ވަރަށް ބޮޑަށް ސޮރީ... " ޒަލަފް ހަނދާން އާ ކޮށްލަ ދިނެވެ. ރަޔާ ހިންހެޔޮ ހިނިތުންވުމެއް ޒަލަފްއަށް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު އިންޖެކްޝަން ޖަހާލިއެވެ. އެ ހުރިހާ އިރު ޒަލަފް ހުރީ އެ ކުއްޖާއަށް ބަލަހައްޓައިގެންނެވެ. ދިގު އެސްފިޔަތަކެކެވެ. ތަންކޮޅެއް ކަޅުނަމަވެސް ހުތުރެއްނޫނެވެ. ހުރީ ބުރުގާ އަޅާފައެވެ. އެއްވެސް މޭކަޕެއް ކޮށްފައެއް ނެތެވެ. ބަލާބެލުމަށް ސާދާ ކުއްޖެކެވެ. އެ ކުއްޖާ ދާން އުޅުމާއެކު ޒަލަފް ގޮވާލައިފިއެވެ.

"ފެންތައްޓެއް ބޭނުން" ހަޤީގަތުގައި ޒަލަފްއަށް އެ ކުއްޖާއަށް ގޮވާލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެހެންކަމުން އޭނާ ކޮންމެވެސް އެއްޗެކޭ ބުނެލީއެވެ. އެ ކުއްޖާ ފެންއަޅާފައި ދިނުމުން ޒަލަފްއަށް ބޮވުނީ ކުޑަ އެތިކޮޅެކެވެ. ޒަލަފް އެ ކުއްޖާއަތަށް ފެންތަށި ދިނުމާއެކު އެ ކުއްޖާ ޒަލަފްއަށް ބަލާލީ ހައިރާންވެފައި ހުރެއެވެ.

އެވަގުތު އެ ކުއްޖާގެ ކަރުގައި އަޅާފައި އޮތް ހޮސްޕިޓަލްގެ ކާޑު ފެނުމާއެކު އެ ކުއްޖާގެ ނަން ޒަލަފް ކިޔާލިއެވެ.

"ރަޔާ" އޭނާއަށް އެ ނަން ދުލުން ބޭރުކޮށްލެވުނީ ބާރަށް ކަންވެސް އެނގުނީ އެ ކުއްޖާ ފާޑަކަށް ބަލާލީމަށެވެ.

"ސޮރީ... ކާޑުގަ ލިޔެފަ އޮތީމަ ކިޔާލެވުނީ" ކާޑަށް ބަލާލަމުން ޒަލަފް ހިނިތުންވެލިއެވެ. ރަޔާ ވެސް ޒަލަފްއަށް ބަލާލާފައި ހިނގައިގަތެވެ.

ޒަލަފް އޭނާއަށް ރޭގައި ލިބުނު ފޯނު ނަގާ ކެނޑިނޭޅި އަންނަމުން ދިޔަ ސުމާގެ މެސެޖްތަކަށް ބަލަން އޮތެވެ. އެންމެ ފަހުން ވަރަށް ވިސްނުމަށްފަހު އޭނާ އެ ނަންބަރަށް ގުޅާލިއެވެ.

"ޒަލަފް ކޮންތާކު ތިއުޅެނީ... އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ... އަހަރެން އަތުން ލާރި ހުސްވެގެން އެއްވެސް ކަމެއް ކުރެވޭ..."

"ސުމާ އަހަންނަށް ތި ގުޅަނީ އަހަރެންގެ ހާލު ބަލާކަށް ނޫންތަ؟ ލާރި ބޭނުންވެގެންތަ؟ ތިން ހަތަރު ދުވަސް ވަންދެން އަހަރެންގެ ހަބަރެއް ނުވީމަ އަހަރެންނާ މެދު ކަންބޮޑުވުމުގެ ބަދަލުގަ އަބަދުވެސް ލާރި، ލާރި ދޯ ކިޔެނީ" ޒަލަފް އަޑަށް ހަރުކަށިކަން ވެރިވިއެވެ.

"އެހެންނެއް ނޫނޭ... ޒަލަފް އަހަރެން..."

"ހަބަރުދާރު... އިތުރަށް ސުމާ އާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން... ސުމާގެ އޭޓީއެމް މެޝިނަށް ވާން ކޮންމެވެސް އެހެން މީހެއް ހޯދާ އަހަންނަށް ގުޅާނެކަމެއް ނެތް... މިހާ ހިސާބުން މި ގުޅުން ނިމުނީ..." ޒަލަފް ބުނެލިއެވެ. އެއަށްފަހު ސުމާއަށް އެއްވެސް ފުރުސަތެއް ނުދީ ފޯނު ބޭއްވިއެވެ. ދެން ސުމާ ގުޅުމާއެކު އޭނާ ފޯނު ނިއްވާލީއެވެ. ފިރިހެނަކަށް ވިނަމަވެސް އެ ވަގުތު ކެތް ކުރަން އޭނާއަށް އުނދަގޫވިއެވެ. ދެރަވެ މީހާއަށް ހުސްކަމެއް ވެރިވެގެން ދިޔައެވެ. އެހެންނަމަވެސް ޒަލަފް ކެތް ތެރިކަން އިސްކުރިއެވެ. ފަހުން ވާން އޮތް ގޮތް މޮޅީއެވެ.

އިޔާން މީޓިން ނިންމާލާފައި ގަސްތުކުރީ ޒަލަފް ގާތަށް ގޮސްލާށެވެ. އައިރީންވެސް ދެންމެ ހޮސްޕިޓަލަށް ދިޔަ ވާހަކަ ބުނުމާ އެކުގައެވެ.

އައިރީން ދިޔަތާ މާގިނަ އިރެއްނުވެ އަޝްރާ ކުޑަކަމެއް ޖެހިގެން ގެއަށް ދާންޖެހުނެވެ. ޒަލަފްއާއި އައިރީންއާ އެކަނިވީއެވެ.

"އަހަރެން އަންނަން އުޅެމުން ޒެލް ގެ ފޯނަށް ގުޅީމޭ... ފޯނެއް ނުނަގާ...ކިހިނެތް ހަދައިގެން ތިއުޅެނީ ފޯނަށް؟" އައިރީން ވާހަކަދެއްކިއެވެ.

"އާނ.... އެއީ ސުމާގެ އުނދަގުލާ ހެދި ފޯނު ނިއްވާލައިގެން..." ޒަލަފް ކުރު ޖަވާބެއް ދިނެވެ. އައިރީންގެ އެދުމަށް ޒަލަފް ސުމާގެ ވާހަކަތައް އައިރީންއާއި ހިއްސާ ކުރިއެވެ. އެގޮތަށް ވާހަކަ ދައްކާލެވުމުން އޭނާގެ ހިތުގެ އުދާސްތަކަށްވެސް ލުއިކަމެއް ލިބިގެން ހިނގައްޖެއެވެ. އައިރީންގެ ފަރާތުން ހިތްވަރުގެ ބަސްތަކެއްވެސް ލިބިގެން ދިޔައެވެ.

"ދެން އޭނަ މަތިން ހަނދާން ނައްތާލާފަ... ޒަލަފްވެސް އެހެން ކުއްޖަކު ހޯދަން އުޅޭ" އައިރީން ބުނެލިއެވެ. ޒަލަފް ފޯނު ނަގާ ފޯނު ހުޅުވާލިއެވެ. އެ ވަގުތު ފޯނެއް ވައިބާރއިން މެސެޖްތަކެއް އަންނަން ފެށިއެވެ. އޭނާ ވައިބަރ ހުޅުވާލާފައި ނުދަންނަ ނަންބަރަކުން ފޮނުވާފައި ހުރި ފޮޓޯތައް ހުޅުވާލިއެވެ. އެ ހުޅުވާލިހެން ހީނުވެ ޒަލަފް އެ ނިއްވާލައިފިއެވެ. ދެބުމަ ގޮށް ޖެހުނެވެ.

"ކިހިނެތްވީ؟" އައިރީން އަހާލިއެވެ.

"ކަމެއް ނުވޭ..." ޒަލަފް އޮޅުވާލަން އުޅުނެވެ. އައިރީން ގާތު އެ ވާހަކަ ދައްކާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.

"ބުނެބަލަ ދެން... އަނެއްކާ އަންހެން ކުއްޖެއްތަ؟" އައިރީން ދިމާކޮށްލިއެވެ.

"އަންހެން ކުއްޖެއް ނޫން... ހަމަ ދެފުށް ކެހެރި އެއް..." ޒަލަފް އޮޅުވާލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. މިފަހަރު މެސެޖް ކުރީ ސުމާއެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ހަޔާތުގައި އެންމެ ރުޅި އަންނަ އަންހެން ކުއްޖާ އެވެ. ދުވަހަކުވެސް އޭނާ އެހާ ވިޔާނުދާ އަންހެން ކުއްޖެއް ނުދެކެއެވެ.

"ދެން ތިހެން އުޅެމުން އަނެއްކާ އެ ކުއްޖާދެކެ އެއް ނޫން ލޯބިވާނީ. އަހަންނަށް ޔަޤީން އަންހެން ކުއްޖެއްކަން..." އައިރީން ބުނެލިއެވެ.

"ނޫން... ނެވަ... އިންނަން މީހަކު ނުލިބުނު ނަމަވެސް..." ޒަލަފް ހީގަތެވެ. އެއާއެކު އައިރީންއަށް ވެސް ހެވުނެވެ. އިޔާން އައިސް ވަތް އިރު އައިރީން އާއި ޒަލަފް އާއި ދެމީހުން ހެނީއެވެ. އެތަން ފެނި އޭނާގެ ހިތުގައި ހަސަދައިގެ ކުލަވަރެއް ހިނގައިގަތެވެ. އައިރީން އޭނާ ގާތު ހުންނަ އިރު ދުވަހަކުވެސް އަޑު ވިއްލާ ހީލާފައެއް ނެތެވެ. ނުވިތާކަށް ހިނިތުންވުމެއްވެސް ހަދިޔާ ކޮށްލަނީއެއްނޫނެވެ. ޒަލަފްއާއި އައިރީން އާއި ހާދަ ގާތް ވެއްޖެއެވެ. އިޔާން އައިސް ޒަލަފްގެ އެނދުކައިރީގައި ހުއްޓުނެވެ.

"ކޮން ވާހަކައެއް ތި ދައްކަނީ..." އިޔާން އަހާލިއެވެ.

"އެއީ ސީކްރެޓެއް ދޯ ދޮންބެދައްތާ!" ޒަލަފް އެއްލޯ މަރާލިއެވެ.

"ޝީޒް މައި ވައިފް... ކޮން ސީކްރެޓް އެއް" އިޔާން އައިރީންއަށް އަވަސް ނަޒަރެއް ދީފައި ޒަލަފްއަށް ބަލާލަމުން ބުނެލިއެވެ.

"ސަމްވަންސް ޖެލަސް" ޒަލަފް ދޫދޭކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވީ އިޔާން ލަދު ގަންނުވާލާށެވެ. އެހެންކަމުން އިޔާން އާއި ދިމާކުރަން ފެށީއެވެ. ސަކަރާތް މަޑުޖެހުނީ މާމަ ޒައުރާއާއި ކާފަ އަމްޖަދު އައުމުންނެވެ. ދެމީހުން އެކުގައި އައުމުން ޒަލަފް އުފާވިއެވެ.

*****

"އެޓްލީސްޓް އޭނަ އަތުން ތިރީސް ހާސް ނެގީމަ އަހަރެމެންނަށް އެ ތަން ކުއްޔަށް ނެގޭނީ... އެއަށްފަހު އޯކޭއޭ އޭނަ ދުކޮށްލިޔަސް... އެނޫން ގޮތެއް ނެތޭ..." ސަމީހު ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިން ސުމާ ވިސްނާލިއެވެ.

"އަހަންނަށް ފެންނަނީ އޭނަ އާއިލާ އާ ބައްދަލު ކުރަން ބުނެފިއްޔާ އެކަން ވެސް ކުރަން... އަހަރެން ތިރީސް ހާސް ބޭނުން... ސުމާއަށް އެ ކަންތައް ނުކުރެވެންޏާ އަހަރެން ބޭނުމެއް ނޫން ސުމާ އާއެކު އުޅޭކަށް... " ސަމީހު ދެންވެސް ވާހަކަ ދެއްކިއެވެ.

"އަހަރެން ތިކަމާ އުޅޭނަން...އަހަރެންވެސް ހާދަ ލާރިއެއް ބޭނުމޭ..." ސުމާ ޔަޤީންކަން ދިނެވެ. ކޮންމެ ގޮތަކަށް ކަންތައް ކޮށްގެންވެސް އޭނާ ބޭނުންވަނީ ޒަލަފްގެ އަތުން އެހާވަރަށް ފައިސާއެވެ. ޒަލަފް އަކީ ރުޅިއަޔަސް ގަޑިއިރެއްނުވެ އޭނާއަށް ގުޅާ މީހެއްކަމުން މި ފަހަރުވެސް އޭނާ ހީކުރީ އެހެންވާނެކަމަށެވެ. އެހެންނަމަވެސް މިފަހަތު ތަފާތެވެ. ޒަލަފް ހަމަ އެ ގުޅުން ނިންމާލީހެއްޔެވެ؟ އެހެންވެގެން ނުވާނެއެވެ. އޭނާ އަދިވެސް ފައިސާ ބޭނުމެވެ.

ތިން ދުވަސް މަތިން ސުމާ ޒަލަފް އުޅޭ ގެކައިރިއަށް ގޮސް އެތައް އިރަކު ހުރެއެވެ. އެހެންނަމަވެސް އެންމެ ދުވަހަކުވެސް އޭނާއަށް ޒަލަފްއާ ދިމާވާ ގޮތެއް ނުވެއެވެ. ހަތަރުވަނައަށް ވީދުވަހެވެ. އޭނާ ގޭޓު ކައިރީގައި ހުރެފައި ދާން އެނބުރިލިއިރު ކާރުއައިސް އެތެރެއަށް ވަންނަނީއެވެ. ކާރު އެތެރެއަށް ވަނުމާއެކު އޭނާ އޭގެން ފައިބަނީ ކޮން ބައެއްތޯ ބަލަން މަޑުކޮށްލިއެވެ. ޒަލަފް ފޭބިތަން ފެނިފައި އޭނާ ޒަލަފް އޭ ކިޔާފައި ބާރަށް ގޮވާލަމުން ގޮސް ޒަލަފް ގާތަށް ހުއްޓިއްޖެއެވެ. ކާރުން ފޭބި އަޝްރާއާއި ފަލަކްގެ އިތުރުން އައިރީންވެސް ހުރީ ހައިރާންވެފައެވެ.

"ޒަލަފް..." ސުމާ ޒަލަފްއާ ގާތަށް ޖެހިލިއެވެ.

"ކާކު؟" ޒަލަފް އަހާލިއެވެ.

"ޒަލަފް... އަހަރެންނޭ މީ... ލުކް... އަހަންނަށް މާފުކުރޭ" ސުމާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"ކާކު ތީ؟" އަޝްރާ އަހާލިއެވެ.

"އަހަރެން މީ ޒަލަފް އާ އިންނަން އުޅޭ ކުއްޖާ... އަހަރުން ދެމީހުން ވަރަށް އަވަހަށް މެރީ ކުރަން މިއުޅެނީ ދޯ ޒަލަފް" ސުމާ ވާހަކަ ދެއްކިއެވެ. ސުމާގެ ވާހަކަތައް ހުރި ގޮތުން ޒަލަފްގެ އިތުރުން އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާއިލާގެ ކުރިމަތީގައި ޒަލަފް އެހާ ލަދުގަތް ވަގުތެއް ވެސް ހަޔާތުގައި ނާދެއެވެ.

"ދޮގެއް މަންމާ... އަޅުގަނޑުމެން ދެމީހުން ނޫޅެން މެރީ ކުރާކަށް... މީ މާކުރީގެ ގުޅުމެއް މި ގުޅުން ވަނީ ނިމިފަ" ޒަލަފް ބުނެލިއެވެ. ސުމާއަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.

"އެކަމަކު ޒަލަފް..." ސުމާ ވާހަކަ ދައްކަން އުޅުނެވެ.

"އިތުރަށް ފަޟީހަތް ވާން ބޭނުންނަމަ ސުމާ މަޑުކުރޭ... އެހެންނޫނީ މިތަނުން ދޭ... އަހަރެން އަތުގަ ހެއްކާ އެއްޗެހި އެބަ ހުއްޓޭ" ޒަލަފް ރުޅިއައެވެ. ސުމާއަށް ޖެހުނީ އެތަނުން ދާށެވެ. އޭރު އޭނާގެ ހިތުގައި އަލިފާން ފަދަ ރުޅިގަނޑެއް ހުޅުރޯވެ އަނދަންފަށައިފިއެވެ. އެންމެންގެ ތެރޭގައި ޒަލަފް އޭނާ ލަދު ގަންނުވާލައިފިއެވެ. އެކަމުގެ ބަދަލު އަދި ހިތި ގޮތަކަށް އޭނާ ޒަލަފްގެ ކިބައިން ހިފާނެއެވެ.

އަޝްރާ ޒަލަފްއަށް ބަލާލި އެވެ. ޒަލަފް އިސްޖަހާލިއެވެ. އެގޮތަށް ސުމާ އައތުވެދާނެ ކަމަށް އޭނާއަށް ހީކުރެވިފައި ނެތީއެވެ. އެންމެފަހުން ސުމާއާއި އޭނާއާއި ދިމާވި ގޮތާ އެ ގުޅުމުގެ ވާހަކަ ޒަލަފް އަޝްރާއަށް ކިޔައިދިނެވެ. ޒަލަފް ބުނި ހާވެސް އެއްޗަކީ ސުމާގެ އުޅުން ހުންނަ ގޮތުން އޭނާއަށް ކަމުނުދަނީކަމުގައެވެ. އާއިލާގެ އެއްވެސް މީހަކު އިތުރު ސުވާލެއް ނުކުރެއެވެ. އެކަމުން ޒަލަފް އަށް ހިންހަމަ ޖެހުން ލިބުނު ނަމަވެސް ސުމާ އަދި ބަލި ގަބޫލު ނުކުރާނޭކަން އޭނާއަށް އެނގެއެވެ. ޒަލަފް ކޮޓަރިއަށް ވަދެ އަރާމުކޮށްލަން ޖައްސާލިތަނާ އަނެއްކާވެސް ފޯނަށް މެސެޖްތައް ފުލު ފުލުގައި އަންނަން ފެށިއެވެ. އޭނާ ފޯނު ނިއްވާލިއެވެ. މާދަމާ އެންމެ ފުރަތަމަ ކަމަކަށް ނަންބަރު ބަދަލުކުރަން ހިތު އަޅައިގެން އޭނާ ނިދޭތޯ ދެލޯ މަރާލިއެވެ.

އައިރީން އާއި އިޔާން އާއި ދެމީހުން ކޮޓަރިއަށް ވަނީ ދާދި އެކުއެކީގައެވެ. ޒަލަފް ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން އައިރީން ވަރީގެ ވާހަކަ ނުދައްކާތީ އިޔާން ހުރީ ހިންހަމަޖެހިފައެވެ. އޭނާ ހީކުރީ އައިރީން އެ ޚިޔާލު ދޫކޮށްލީ ކަމުގައެވެ.

"އިޔާން... އަހަރެން... ވަރި..." އައިރީން ބުނަން މަސައްކަތް ކުރިއެވެ. އިޔާންގެ ފަރާތުން ފެނުނު އަޅާލުގެ ސަބަބުން އެ ބަސްތައް އެ ދުލު ކުރިއަށް ގެންނަން އަނެއްކާވެސް އައިރީންއަށް އުނދަގޫވީއެވެ.

"ވަރަށް ވަރުބަލި ވެފަ މިހުރީ... މާދަން ތިވާހަކަ ދައްކާނީ..." އިޔާން ބުނެލިއެވެ.

"އެކަމަކު...އަހަރެން އެބަ ޖެހޭ އެހެން ވާހަކަ އެއް ދައްކަން، ވަރަށް މުހިންމު ވާހަކައެއް..." އިޔާން އެހެންބުނެލާފައި އައިސް އެނދުގައި އިށީނދެ އޭނާ ގާތުގައި އަތުން ޖަހާލީ އައިރީން ގާތު އިށީންނާށޭ ބުނާ ފަދައަކުންނެވެ. އައިރީން އިށީނުމާއެކު އޭނާ ތެދުވެގެން ގޮސް ވަތްގަނޑު ހުޅުވާލާފައި ނެގީ ފައިލެކެވެ. އެ ހިފައިގެން އައިސް އޭނާ އިށީނީ އައިރީންގެ ގާތު ކަކޫ ޖައްސާލައިގެންނެވެ. އައިރީން އިޔާން ހަދާނެ ގޮތެއް ބަލަން އިނެވެ.

"މީ އައިރީންގެ ފައިލް... ޑޮކްޓަރަށް ދައްކަމުން ގެންދިޔަ އިރުގެ... މި ފައިލް..." އިޔާންއަށް ބުނެވުނީ އެވަރަށެވެ. އައިރީން ކުއްލިއަކަށް އެ ފައިލް އިޔާން އަތުން ޖަހައިގަތެވެ.

"ކޮންތާކުން ހޯދި އެއްޗެއް؟" އައިރީންގެ އަޑު ބާރުވިއެވެ.

"ތީގަ ލިޔެފަ އޮތް ހުރިހާ އެއްޗެއް އަހަންނަށް ފެނިއްޖެ... އަލުން އައިރީން ޑޮކްޓަރަށް ދައްކަން ދާން އަހަންނަށް ފެންނަނީ..." އިޔާން ބުނެލިއެވެ.

"އިޔާންއަށް ކޮންކަމެއްތަ؟ އަހަންނަށް ކޮންމެ ކަމެއް ވިޔަސް..." އައިރީން އެނދުން ތެދުވިއެވެ. އަދި ހިނގައިގަތެވެ.

"އަހަރެންނަކީ އައިރީންގެ ފިރިމީހާކަމަށްވީމަ ކަންބޮޑުވަނީ... " އައިރީންގެ އަތުގައި ހިފާ ގެނެސް ގާތް ކޮށްލަމުން އިޔާން ބުނެލިއެވެ. އައިރީން ވެސް އެއްޗެއް ނުބުނެ ހުންނާކަށް ބޭނުމެއް ނުވިއެވެ. މިހާރަކަށް އައިސް އިޔާންގެ ފަރާތުން އަނިޔާތަށް ނުލިބޭތީ އާ ވެސް އެކު އޭނާއަށް ހިތްވަރެއް ލިބުނީއެވެ.

"މިހާރުތަ ފިރިމީހާއަށް ވީ؟ ހިލޭ އަންހެނުން ގެއަށް ގެނައި އިރު ތީ އަހަރެންގެ ފިރިމީހާއެއް ނޫންތަ؟" އައިރީން ބުނެލިއެވެ. އެއަށްފަހު އިޔާންގެ އަތް ފޮޅުވާލިއެވެ.

"އައިރީން..." އިޔާން ދެވަނަ ފަހަރު އައިރީންއާ ގާތްވެލިއެވެ. އެ އަތުގެ ތެރޭގައި އޭނާ އައިރީން ހައްޔަރުކޮށްލިއެވެ.

"ޔޫ އާރ މައި ވައިފް" އިޔާން ބުނެލިއެވެ. ބާރަށެވެ. އައިރީންއަށް ދެ ބުމަ އަރުވާލެވުނީ ކީކޭ ހޭ އަހާ ފަދައަކުންނެވެ. ވާނީވެސް އެހެންތާއެވެ. އިޔާންއަށް އައިސް ގެން މިއުޅޭ ބަދަލު އައިރީންއަށް މާނަ ކުރާކަށް ނޭނގުނެވެ. އަތުގައި އޮތް ފައިލަށް ނަޒަރު ހުއްޓުމާއެކު އައިރީން އަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

"މީތަ އިޔާންއަށް ވެގެން އުޅޭ ގޮތަކީ؟ މީގަ އަހަންނަކީ މޮޔައެކޭ ކިޔާފަ އޮތީމަ އެކަމާ ހަމްދަރުދ ވީމަތަ އައިސް އަހަރެންނަށް މާ ހެޔޮ އެދިގެން ތިއުޅެނީ... އިޔާން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތް ދުވަހަކުވެސް ހަނދާން ނުނެތޭނެ... " އައިރީން ބުނެލިއެވެ.

"އައިރީން... ލެޓްސް ސްޓޮޕް ދިސް... އެއެއް ނޫން ވެގެން އުޅޭ ގޮތަކީ..." އިޔާން ވާހަކަދައްކަން ފެށިނަމަވެސް އައިރީން ރުޅިއައިސްގެން ގޮސް ފައިލް އެނދުމައްޗަށް އެއްލާލާފައި ވަނީ ފާހާނާއަށެވެ.

ފާހާނާއަށް ވަދެވުމާއެކު އައިރީންގެ ބަޑި ދިޔައީ ފަޅައިގެންނެވެ. އޭނާ ދޮރުފަތުގައި ލެނގިލަމުން އަނގަމަތީގައި އަތް އަޅާލިއެވެ. ރޮވެން ފެށުނީތީއެވެ.

"އައިރީން... އައިރީން" އިޔާން އައިސް ދޮރުފަތުގައި ޖަހާލިއެވެ. އޭނާ ތަކުރާރުކޮށް އެދެމުން ދިޔައީ ދޮރު ހުޅުވުމަށެވެ. އެހެން ހުއްޓާ ދެން އޭނާގެ ކަންފަތުގައި ޖެހުނީ އައިރީންގެ ގިސްލުމުގެ އަޑެވެ. އިތުރަށް ކަންބޮޑުވާ ކަމެއްކަމުގައި އެކަންތައް ވިއެވެ.

"އައިރީން... އައި އެމް ސޮރީ... ނުކުމެފަ މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން ހިނގާ" އިޔާން އެދުނެވެ. އެހެންނަމަވެސް އައިރީން ހުޅުވާ ހިޔާލެއް ނުކުރެއެވެ.

ކުއްލިއަކަށް އައިރީންއަށް ސިހުން ލިބުނީ ފާހާނާ ތަޅުގައި ތަޅުދަނޑި ޖަހާލި އަޑަށެވެ. އޭނާ ތެދުވެ އަތުން ފާހާނާ ދޮރު ހިފެއްޓިއެވެ. އެހެންނަމަވެސް އިޔާންއަށް ވުރެ އޭނާ ބާރުގަދަ ވާނީ ކިހނިނެތްހެއްޔެވެ؟. އިޔާން ދޮރު ހުޅުވާލައިފިއެވެ. އެއަށްފަހު އޭނާ އައިރީންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ނެރުނެވެ. އައިރީން ގަދަ ހަދަން ފެށުމުން ވެސް ގަދަކަމުން އައިރީން ގެނެސް އެ މޭގައި ޖައްސާލައިފިއެވެ. ރޮވެމުން ދިޔަ އައިރީންވެސް ދެން ބޭނުންވީ އެ މޭގައި ބޯ އަޅާލައިގެން އޮވެ ރޯލާށެވެ. އިޔާންގެ އެ އޯގާތެރިކަމަށް އޭނާ ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. ސޯފާގައި އައިރީން ބޭންދުމަށްފަހު އިޔާން ފުރަތަމަ ފަހަރަށް އައިރީންގެ ކަރުނަތައް ފުހެދިނެވެ. އޯގާތެރިކަމާއެކުގައެވެ. ހިތްވަރުގެ އެތަކެއް ބަސްތަކަކާ އެކުގައިވެސް މެއެވެ.

*****

އާމިރު އޭގެ އަނެއްދުވަހު އައިރީން އާ ވާހަކަ ދެއްކިންތޯ އިޔާން ގާތު އެހިއެވެ. އިޔާން ބުނީ އަދި ވަގުތު ނުވާކަމުގައެވެ، ވަގުތެއް ހޯދާލައިގެން އެކަން ކުރާނަމޭ ބުނުމުން އާމިރު ބުނީ ލަސް ނުކުރު މަށެވެ.

އިޔާން އޮފީސް މަސައްކަތް ތަކުގައި އުޅެފައި ގެއަށް ކާން ދާންވެގެން ތިރިއަށް އައި އިރު ރިސެޕްޝަން ދޮށުގައި އަޑުގަދަވެގެން އުޅޭތީ އިޔާން އެދިމާލަށް ގޮސް މަޑުކޮށްލިއެވެ.

"ބަލަ މީ އަހަރެންގެ ދަރީގެ ކުންފުންޏޭ... މަ ބޭނުން ގޮތަކަށް މިތާ ކަންތައް ކުރާނީ... ކޮން ގަވައިދެއް... އެއްވެސް ގަވައިދެއް ނޯންނާނެ..." އެމީހާ ބުނަމުން ދިޔައެވެ. އިޔާން އެވާހަކަތައް ކަނުލާ އަޑު އެހިއެވެ. އެހެންވެއްޖެއްޔާ އެއީ އައިރީންގެ ކާފަ ހެއްޔެވެ؟ ބައްޕަ ބުނެފައި ވަނީ އައިރީންގެ އާއިލާގެ އެއްވެސް މީހެއް ނުހުންނާނެކަމުގައެވެ. އަނެއްކާ މޮޔައެއްހެއްޔެވެ؟ އިޔާން ދެފަރާތަށް ބޯ ހޫރާލަމުން ހިނގައިގަތެވެ. އެއާއެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ގޮވާލިއެވެ.

"އިޔާން..." ޔަމީން އިޔާންއަށް ގޮވާލިއެވެ. ޔަމީންއަކީ އިޔާންގެ ގާތް އެކުވެރިއެއްވެސް މެއެވެ.

"ޔާ... އަދި ގެއަށް ނުދަނީތަ؟ ބުނީމެއްނު މިއަދު އަވަހަށް ދާންޖެހޭ ވާހަކަ؟" އިޔާން ބުނެލިއެވެ.

"އާނ... އޭނަ މިތާ ޒުވާބު ހިންގާވަރުން... ތަންކޮޅެއް ދުވަސްވެފަ ހުރި މީހެއް ވައްތަރު ޖަހަނީވެސް... އޭނަ ބޭނުންވަނީ މިތާ ބޮޑު މީހާއާ ބައްދަލުކުރާށޯ... އޭނަގެ ލާރިގަނޑު ކާލައިގެން އުޅެނީ އޯ... ކިޔާ ހަމަ އަޑު ގަދަ ކުރަނީ... މިހާރު ކިތަންމެ އިރެއް... ބައްދަލު ނުކޮށް އޭނަ ނުދާނަމޯ... ކިތަންމެ ފަހަރަކު ބުނެފިން އެޕޮއިންޓް މެންޓެއް ހަމަޖައްސަދޭން... އަންނަހާ ގަޑިއަކު ނުވާނެ އެއް ނޫންހޭވެސް... " ޔަމީން ބުންޏެވެ.

"އެހެންތަ؟ ކޮންމެވެސް ބޯ ސަކަރާތް މީހަކަށް ވެސް ވެދާނެ ދޯ... އަޅާނުލާ" އިޔާން ހިނގައިގަތެވެ.

"އޭތް... " އެމީހަކަށް އިޔާން ފެނުނީއެވެ. ވަރަށް ބާރަށް ގޮވާލައިފިއެވެ. އިޔާން ފަހަތް ބަލާލާ އޭނަ ހޭ އަހާލިއެވެ. އެއާއެކު އެމީހާ ބޯ ޖަހާލިއެވެ.

'އަހަރެމެންގެ މުދާގަނޑު ނުދި ހިފައްޓަން ތީ ކާކު؟" އެމީހާ ސުވާލުކޮށްލިއެވެ.

"އަޅުގަނޑަކަށް ތިކިޔާ އެއްވެސް އެއްޗެއް ނޭނގުނު... މިއީ އަޅުގަނޑުގެ ކުންފުންޏެއް" އިޔާން މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ.

"ކޮން އަޅުގަނޑެއް... ތީ މަގޭ ދަރި ޖަލީލުގެ ކުންފުނި... އޭނަ މަރުވީމަ ހުރިހާ އެއްޗެއް ލިބެން ޖެހޭނީ އަހަރެމެންނަށް... ތީ އޭނައާ އެއްވެސް ގުޅުމެއް އޮތް މީހަކަށް ނުވާއިރު ކިހިނެތް މި ހުރިހާ އެއްޗެއް ލިބުނީ..." އެމީހާ ސުވާލުކުރިއެވެ. އިޔާން ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

"މީ އަނެއްކާ ކާކުހެއްޔެވެ؟ ހަމަ ހަޤީގަތުގައި ވެސް އައިރީންގެ ކާފަހެއްޔެވެ؟ ނޫނީ އޭނާގެ ބައްޕަ ދޮގު ހެދީ ހެއްޔެވެ؟ އައިރީން ބައްޕަގެ ކުންފުންޏާއި ހުރިހާ މުދަލެއްގެ ހައްގުވެރިއަކީ އައިރީން ކަމަށް އައިރީންގެ ބައްޕަ އޮތީ ނިންމާފައެވެ. އަނެއްކާ ކުއްލިއަކަށް އައިރީނގެ ކާފަ އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މީހަކު އެހެން ދައްކާ ވާހަކައެއް ގަބޫލުކުރާކަށް އިޔާން ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީއެ ވާހަކަ ބައްޕަ ގާތު އަހާށެވެ. އެއަށްފަހު ނޫނީ އޭނާ އެއްވެސް ގޮތެއް ނުނިންމާނެއެވެ.

"އައި އެމް ސޮރީ... ތި ކިޔާ އެއްވެސް އެއްޗެއް ނޭނގުނު..."އިޔާން ބުނެލިއެވެ. އެއަށްފަހު އޭނާ ޔަމީންއަށް ބަލާލިއެވެ. ޔަމީން ބޯޖަހާލިއެވެ.

"އެކްސް ކިޔުސް... އެ ޕޮއިންޓްމެންޓް އެއް ހައްދައިގެން ބައްދަލުކުރެވިދާނެ" ޔަމީން އެމީހާގެ ކުރިބައްދަމުން ބުނެލިއެވެ. އިޔާން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އަރައިފިއެވެ. ފޯނަށް ބަލަން އިނދެފައި އޭނާ ގުޅާނީ ބައްޕައަށެވެ.

"ބައްޕާ... އަޅުގަނޑު އެބަ ޖެހޭ ކުޑަ ވާހަކައެއް ދައްކައިލަން... ކޮން އިރަކުތޯ ބައްޕައަށް ވަގުތެއް ވެލައްވާނީ؟" އިޔާން އަހާލިއެވެ. އިޔާން އަކީ ވަރަށް މުހިންމު ކަމެއް ނޫނީ އެ ގޮތަށް ނުގުޅާ ކުއްޖަކަށް ވާތީ އާމިރުވެސް އެ ވަގުތު އޮފީހަށް އައުމަށް ބުނެލިއެވެ.

(ނުނިމޭ...)

https://sun.mv/131275

comment ކޮމެންޓް