މަ ލޯތްބެއް ދެން ނުވާނަމޭ... - 12

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"ދެން ހީލަބަލަ" ޒަލަފް އެދުނެވެ. އެމީހުން ބޭނުންވީ ޒަލަފް ދެ ދުވަހު އެމީހުންގެ އޮބްޒަވޭޝަންގައި ބާއްވާށެވެ. އެއަށްފަހު ދޫކޮށްލާށެވެ. ޒަލަފްގެ ފޯނަށް މެސެޖެއް އައުމާއެކު އޭނާ ފޯނު ނަގާ ބަލާލިއެވެ. ސުމާގެ މެސެޖެކެވެ. މިވީ ދުވަސްތަކުގައިވެސް އޭނާއާއި ސުމާއާއި ދެމެދު ބަރާބަރަށް ވާހަކަ ދެކެވެއެވެ. އެގުޅުން އެކުވެރިކަމަށްވުރެ ކުރިއަރައިފިކަމުގައި ޒަލަފްއަށް ގަބޫލުކުރެވުނެވެ. އަބަދާ އަބަދު ދެމީހުން ހާލުބަލައެވެ. އެހެންނަމަވެސް ޒަލަފް އޭނާގެ ހާލަތު ސުމާއަށް ސިއްރުކުރިއެވެ.

ޖެހިގެން އައި ހަފްތާގައި ޒަލަފްވެސް މާލެ އަތުވެއްޖެއެވެ. އިޔާން އާއި އައިރީން އާ ދެމެދު އޮތް ނުތަނަވަސްކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ ޒަލަފްއަށެވެ. ދެމީހުން އެކުގައި ގޭން ބޭރަށް ނުދާތާ އެކަނި ވާހަކަ ދައްކައިލަން ތިއްބާވެސް ޒަލަފްއަކަށް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ގޭ މީހުންގެ ކުރިމަތީގެ ޕްލާސްޓިކް ހިނިތުންވުމެއް ދައްކައިދެން ތިބޭ ތަނެވެ. އޭނާ އައި ފަހުން ވެސް އައިރީންއާއިވެސް ދެފަހަރަކު ސުވާލުކުރިއެވެ. އެކަމަކު މާބޮޑު އެއްޗެއް ސާފުވާގޮތެއް ނުވިއެވެ.

އެހެންކަމުން އެ ދެމީހުންނަށް ހަމަ ހިމޭން މާހައުލެއްގައި ތިބެ ވާހަކަ ދެއްކުމުގެ ފުރުސަތު ހޯދަދޭން ޒަލަފް ނިންމިއެވެ. އެ ފުރުސަތު އޭގެ ހަފްތާއެއް ހާ ދުވަސް ފަހުން ވަރަށް ފަހި ގޮތަކަށް ލިބުނެވެ.

އިޔާން ކާރުގައި ބޭރަށް ދާން ނުކުންނަނިކޮށް ޒަލަފް ގޮވާލައިފިއެވެ.

"ކިހިނެތްވީ؟ އަނެއްކާ ގޮވައިގެން ސުމާ ހޯދަން ދާންވީތަ؟" އިޔާން އަހާލިއެވެ. ޒަލަފް ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު އޭނާ އިޔާން ގާތު މަޑުކޮށްލުމަށް ބުނުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. އޭނާ ސިޓިންރޫމުގައި ހުއްޓާ ދެންމެ އައިރީން އައީ ފަލަކްއާއެކު ބޭރަށް ގޮސްފައެވެ. މައްޗަށް އެރީވެސް ދާދި ދެންމެއަކުއެވެ. އައިރީން އެއްޗެހި ބަދަލް ނުކޮށް ހުރިއްޔާ އިޔާންއާއެކު މިރޭ އައިރީން ފޮނުވަން ޒަލަފް ބޭނުންވި އެވެ. ނިކަން ބާރަށް ދުވެލާފައި ސިޑިން އަރައިގެން ގޮސް އޭނާ އައިރީންމެން ކޮޓަރީގައި ޓަކި ޖަހާލިއެވެ. މާ ގިނަ އިރެއްނުވެ ދޮރު ހުޅުވާލިއެވެ.

"އޯހް...ދޮންބެ ދައްތާ... ވަރަށް ބޮޑު ކަމެއް ކޮށްދޭން އެބަ ޖެހޭ..." ޒަލަފް ދެރަވެފައި އެދުނެވެ. އައިރީން ބުމަ އަރުވާލިއެވެ.

"ކިހިނެތްވީ ޒަލަފް؟"

"ހިނގާބަލަ ތިރިއަށް" ޒަލަފް އެދުނެވެ. އައިރީން ބޯ ޖަހާލަމުން ޒަލަފްގެ ފަހަތުން ދިޔައެވެ. ގޭން ބޭރަށް ނުކުތް ޒަލަފް ދައްކައިލީ ކާރެވެ. އިޔާންއަށް ނިތުގައި ޖަހާލެވުނެވެ. ޒަލަފް ކުރަން އެ އުޅޭ ކަންތައް އޭނާއަށް އެނގުމުންނެވެ. އޭނާ ޒަލަފްއަށް ބަލާލިއިރު ޒަލަފް ހުރީ ނުލަފާ ވައްތަރަކަށް ހީ ގަނެގެންނެވެ.

"ދޮންބެދައްތަ ގޮވައިގެން ދުއްވައިލަން ދާންވެގެން ދޮންބެ ބުނީމައޭ މިއައީ ގޮވައިގެން... ސޮރީ ހާސްކުރެވުނީމަ." ޒަލަފް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ. އެއާއެކު އައިރީން ބަލާލީ އިޔާންއަށެވެ. އިޔާންގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

"ދެން ދޭބަލަ ދޮންބެ ދައްތާ" ޒަލަފް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. އޭރު ލޮލުން އިޔާން ކުރަމުން ދިޔަ އެއްވެސް އިޝާރާތެއް އޭނާއަށް ނުފެންނަފަދައެވެ.

"ކިހާ ފިނި ވައިރޯޅިތަކެއްތަ މި ޖެހެނީ..." ގަޑިއަށް ބަލާލަމުން ޒަލަފް ބުނެލިއެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ.

އެންމެ ފަހުން ޒަލަފް ގެ އުނދަގުލާއެކު އިޔާންއަށް ޖެހުނީ އައިރީން ގޮވައިގެން ކާރުގައި ދާށެވެ. ކާރު ގޭޓުން ނުކުތުމާއެކު ޒަލަފް އަމިއްލައަށް ހިނިތުންވެލަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ރީތި ރާގެއް ތުމުން ފުމެމުން ދިޔައިރު އޭނާ ހުރީ ކުރެވުނު ކަންތަކާ މެދު ފަޚުރުވެރިވެފައެވެ.

އިޔާން އައިރީން ގޮވައިގެން ކާރު ދުއްވަމުން ދިޔަ ނަމަވެސް އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ވަނީ ހަމަހިމޭންކަމެވެ. އައިރީން ވިސްނަމުންދިޔައެވެ. އޭނާއަށް މި ލިބުނީ އިޔާންއާ ވާހަކަ ދައްކަން ރަނުގެ ފުރުސަތެކެވެ. އޭނާ އަކީ ކޮންމެ ގޮތެއްވިޔަސް އިޔާންގެ އަންހެނުންނެވެ. އިޔާން އުޅޭ ނޫޅޭ ގޮތުގެ މައްޗަށް ބަސް ބުނުމުގެ ޙައްގު އޭނާއަށް ލިބިގެންވެއެވެ. ހިލޭ އަންހެނުންނާ އެކު އިޔާން އުޅޭނެހާ ގޮތަކަށް އުޅޭނަމަ އޭނާއަށް އެކަމުގެ ޝަކުވާ ވެސް ކުރެވޭނެއެވެ. މައްސަލައަކީ އަމިއްލަ މަންމައާއި ބައްޕަވެސް އުޅޭ ގެއަށް އިޔާން އެ ކުއްޖަކު ވައްދާތީއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. މި ދެތިން ރޭ އެކަމާ ހެދި އައިރީން ނިދަނީވެސް އޭނާގެ ކުރީގެ ކޮޓަރީގައެވެ. ކޮންމެ ރެއަކު އޭނާ އެތައް ދަމެއް ރުއިމާއި ގިސްލުމުގައި ހޭދަ ކުރެއެވެ.

އިޔާން އޭނާގެ އެންމެ ފަހުގެ އުންމީދު ވެސް ފުނޑު ފުނޑު ކޮށްލީއެވެ. އެ ހިތް އެކީ ހަލާކުކޮށްލިއެވެ. އޭނާގެ މުޅި ހިތާ ހަށިގަނޑުގައި ނުފެންނަ ލަކުނުތަކެއް ލައްވައިފިއެވެ.

"އިޔާން" ހަމަހިމޭން ކަން ފޫދުއްވާލާފައި ހިތްވަރު ކޮށްފައި އިޔާން އާއި ކުރިމަތިލާން އައިރީން ނިންމިއެވެ.

ކީކޭ؟" ފަރުވާ ކުޑަ ގޮތަކަށް އިޔާން އަހާލިއެވެ. އައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. އެ ވާހަކަ އޭނާ ފަށާނީ ކިހިނެތްހެއްޔެވެ؟ ދުލުގައި ތަޅެއް ލެވި އަނެއްކާވެސް އޭނާގެ ނަފްސަށް އޮތް އިތުބާރު ކުޑަވެގެން ދިޔައެވެ. ކާރު ތެރެ ހަމަހިމޭންވެގެން ދިޔައެވެ.

*****

ރޯޒް ގާރޑެން ގޭގެ ގޭޓުގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ފިރިހެންމީހާގެ ނަޒަރު ހުރީ ސީދާ އެގެއަށް ހުއްޓިފައެވެ. މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ބަޔާން ކުރަން ދައްޗެވެ. ކަމަކާ ވިސްނަމުން ދާކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަމުން ދިޔައެވެ.

އެހެން ހުރެފައި އޭނާ އުޑުމައްޗަށް ބަލާލީ އުޑުމަތިން ވިއްސާރަ ވާން އުޅޭކަމުގެ ކުލަވަރުތައް ފެންނަމުން ދިޔައީތީއެވެ. ދެން ހިނގައިގަތީ ކުރިއަށެވެ. ފަހަތަށް އެނބުރިލާފައި އަދިވެސް އެއްފަހަރު އެގެއަށް ނަޒަރެއް ދިނެވެ.

*****

"އިޔާން" މި ފަހަރުވެސް ހިތްވަރުކޮށްފައި އައިރީން ގޮވާލިއެވެ.

"ދެން ތި ބުނަން އުޅޭ އެއްޗެއް ބުނަންވީނު... ކިހާ ދެރަކަމެއް" އިޔާން ރުޅިއައެވެ. އައިރީން ތުންފަތުގައި ދަތް އަޅާލިއެވެ. އެހާ ހަރުކަށިކޮށް އިޔާން ވާހަކަ ދެއްކުމުން ހަމަ ހަޤީގަތުގައިވެސް އޭނާގެ ހިތުގައި ޖެހިއްޖެއެވެ. އެހެންނަމަވެސް މިރޭ އިޔާންއަށް ޖެހޭނީ އޭނާގެ ސުވާލު ތަކުގެ ޖަވާބު ދޭށެވެ. އޭނާއަށްވެސް ކެތް ކުރެވިއްޖެތާއެވެ.

"އިޔާން... އަހަރެންނަކީ އިޔާންގެ އަންހެނުންނޭ" އައިރީން ބުނެލިއެވެ.

"ދެން އަހަރެން ކީކުރަންވީ؟ އަހަންނަށްވެސް އެނގޭ ތީ އަހަރެންގެ އަންހެނުންކަށް... ނޭނގޭ އާ ކަމެއްތަ؟" އިޔާން އައިރީންގެ ލޮލަށް ބަލައިލީ ކުޑަ ހިނދުކޮޅަކަށެވެ. އިޔާންގެ ކޮންމެ ލަފްޒެއް އޭނާގެ މޭ ކަފާ ކުރި ކުދި ކުރަމުން ދިޔަނަމަވެސް މިރޭ އައިރީންވެސް އިޔާންއަށް ދުލެއް ނުކުރާނެއެވެ.

"އިޔާން... އިޔާން ފާޑު ފާޑުގެ އަންހެން ކުދިން އަހަރެންގެ ކުރިމައްޗަށް ގެނެސް ގެންގުޅުނެއްކަމަކު އެނގޭތަ އެގޭގައި އިޔާންގެ މައިން ބަފައިން ވެސް އުޅޭކަން... އެމީހުންނަށް ފެނިއްޖެނަމަ ކީކޭތަ ހީ ކުރާނީ؟ އަހަންނާ މެދު ނުވިސްނާ ކީއްތަވާނީ އިޔާންގެ މަންމަ އާއި ބައްޕަ އާމެދު ވިސްނާލަންވެސް... " އައިރީން ބުނެލިއެވެ.

"ހެހެ... އެކަމާތަ؟" އިޔާން ހިނިގަނޑެއް ޖަހާލިއެވެ.

"އިޔާން... މީ މަޖާކަމެއް ނޫނޭ... އަހަރެން..."

"ޝްޝްޝް" ކުއްލިއަކަށް ކާރު މަޑުކޮށްލަމުން އައިރީންއާ ދިމާލަށް ބަލާލަމުން އިޔާން އޭނާގެ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އައިރީންގެ ވާހަކަ މެދު ކަނޑާލިއެވެ.

"އައިރީން... އަހަރެން އައިރީންއާ އިނުމުގެ ކުރިން ނުބުނަންތަ ކައިވެންޏަށްފަހު އައިރީން އަހަންނާ އެއްވެސް ޝަކުވާއެއް ކޮށްގެން ނުވާނެޔޭ... އަހަރެން އޭރުވެސް ބުނިން.... އައިރީންއޭ އަހަންނާ ނީންނާށޭ! މިއަދު ތިހެން ޝަކުވާ ކުރުމުގެ ބޭނުމަކީ ކޮބާ؟" އިޔާން ވާހަކަ ދެއްކިއެވެ. އެހެން ބުނެލާފައި ކާރު ސްޓާރޓް ކޮށްލާފައި އިޔާން އަނެއްކާވެސް ކާރު ދުއްވާލިއެވެ. އޭރު މަގުމަތީގައި އާދަޔާ ހިލާފަށް ދުއްވާ އެއްޗެހިވެސް މަދެވެ. އާރޓްފިޝަލް ބީޗާ ދިމާލަށް ކާރުގައި ނުކުތް އިޔާން އިރު އިރުކޮޅަކާ އައިރީންއަށް ބަލާލައެވެ.

"އިޔާން... އިޔާންގެ މަންމައާއި ބައްޕަވެސް އުޅެޔޭ... ކީއްވެތަ ނުވިސްނެނީ" އައިރީން ވާހަކަ ދެއްކިއެވެ.

"އަހަރެން ވިސްނަން ޖެހޭ އެއްވެސްކަމެއް މިހާރަކު ނޯންނާނެ" އިޔާން ފަރުވާ ކުޑަގޮތަކަށް ޖަވާބުދިނެވެ. އިރުކޮޅެއްނުވެ ވާރޭ އޮއްސައިގަނެފިއެވެ. ވާރޭގެ މިއުޒިކީ އަޑު ކާރުތެރެއަށް ވެސް އިވެމުން ދިޔައެވެ. އައިރީން ވާހަކަ ދެއްކީ ކުޑަ އިރުކޮޅެއްފަހުންނެވެ.

"އަހަރެންމީ އިޔާންގެ އަންހެނުންނޭ.. އަހަންނަށްވެސް ހައްގުތަކެއް..." އައިރީންގެ ވާހަކަ ހުއްޓުވީ ދެންވެސް އިޔާންއެވެ.

"އަންހެނުންނޭ... އަހަރެންގެ އާދޭސްތައް އައިރީން އެދުވަހު އަޑު އެހިންތަ؟ އަހަރެން މި ކައިވެނި ކުރީ މަޖުބޫރުން... އައިރީން ދެކެ އެއްވެސް ލޯތްބެއް އަހަރެން ނުވޭ... ދުވަހަކު ވެސް ނުވާނަން.... އަހަންނާ ބޭކާރު ވާހަކަ ނުދައްކާ" އިޔާންގެ އަޑުގައި ވަނީ ނުރުހުމެވެ.

"އަހަރެން ނޫން އެހެން ކާކު ހުރީ އިޔާން އާ މި ވާހަކަ ދައްކަން" އައިރީން ބުނަމުން ދިޔައެވެ.

"ޝަޓް އަޕް" ކުއްލިއަކަށް ހަޅޭއްލަވައިގަނެފައި އިޔާން ބުނެލި ޖުމްލަ އާއެކު އައިރީންއަށް ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. އެއާއެކު އިޔާން ކާރުގެ ބުރަކި ވެސް ޖައްސާލިއެވެ.

"ޖަސްޓް ޝަޓް އަޕް" އިޔާން ހުންގާނުން އަތް ދޫކޮށްލާފައި އައިރީންގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.

"އައްދޯތް" އައިރީން ދެލޯ މަރާ ފިއްތާލަމުން ބުނެލީ ތަދުވީ ވަރުންނެވެ.

އައިރީންގެ އަތް ފޮޅުވާލާފައި އިޔާން އެ ބޯ ވާރޭގެ ތެރެއަށް ނުކުތެވެ. . އެއަށްފަހު އަނެއްފަރާތަށް ގޮސް ކާރުގެ ދޮރުފަތް ހުޅުވާލާފައި އައިރީންގެ އަތުގައި ހިފާ ނެރުނެވެ.

އެއްޗެއް ނުބުނެ އަނެއްފަރާތުން ގޮސް އިޔާން ކާރަށް އެރިއެވެ. އެއަށްފަހު އެތެރޭން އޭނާ ކާރު ލޮކް ކޮށްލިއެވެ. ހަމަހޭވެރިކަންވި އައިރީން އިޔާންއަށް ދެފަހަރަކު ގޮވާލަމުން ކާރުގެ ދޮރުފަތް ހުޅުވޭތޯ އުޅުނެވެ. އައިރީން ރޮމުން އާދޭސް ކުރަމުން ދިޔަނަމަވެސް އިޔާންގެ ހަރުހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާ ކާރުދުއްވާލައިފިއެވެ.

އަނގަމަތީގައި އަތް އަޅާލި އައިރީން މަގުގެ އެއްފަރާތަކަށް ޖެހިލިއެވެ. ބާރަށް ރޮވެން ފެށިނަމަވެސް ބޯ ވާރެއާ އެކުވެގެން އެ އަޑު ހިނދެނީއެވެ. ކެތްކުރަން ވަރަށް މަސައްކަތް ކުރިއެވެ. ކުރިއަށް އަޅާލެވުނީ ދެ ފިޔަވަޅެއެވެ. ފައިކޮޅުން ވާގި ދޫވާހެން ހީވާން ފެށިއެވެ.

"އިޔާން އަހަންނާ ދޭތެރޭ ތިހެން ކަންތައް ތި ކުރަނީ ކީއްވެތަ؟" ހިތާ ހިތާ ސުވާލުކޮށްލި އައިރީން ތުންފަތުގައި ދަތް އަޅާލި އެވެ.

އަނެއްކާވެސް އޭނާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. އެއާއެކު އިވިގެން ދިޔަ ބާރު އަޑުފައްގަނޑާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. މަގުގެ އަނެއްފަރާތަށް ބަލާލިއިރު ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓްވީއެވެ. ސައިކަލުގައި އިން މީހާ ދިޔައީ ދުރަށް ވިއްސައިގެންނެވެ. އެ މަންޒަރު ކިތަންމެ ހާވެސް ރީއްޗަކަށް އައިރީންއަށް ފެނުނެވެ. އޭނާގެ ދެފައި ކޮޅު އެކީ ތުރު ތުރު އަޅައިގެން ދިޔައެވެ. މޭގައި ހުރަސްކޮށްލާފައި އޮތް ދެ އަތުން އޭނާ މުޅިހަށިގަނޑު ވަށާލެވޭތޯ މަސައްކަތް ކުރިއެވެ. އިސާހިތަކު އެހިސާބުގައި އުޅުނު މަދު މީސްކޮޅު އެތަނަށް ޖަމާވާން ފަށައިފިއެވެ. އެކްސިޑެންޓް ގެ ސަބަބުން އައިރީންގެ ސިކުނޑިއަށް ހައްތަހާ ބާރު ބޮޑުވީއެވެ. މީހާއަށް ނޭވާ ލާން ދަތިވެގެން ދިޔައެވެ. މުޅިތަން އޭނާ ވަށައިގެން އެނބުރޭހެން ހީވިއެވެ. ސިކުނޑި އަސްލު މަންޒަރު އޮޅުވާލަން މަސައްކަތް ކުރިއެވެ. އެކަމާ ދެކޮޅަށް މަސައްކަތް ކުރިނަމަވެސް އައިރީންއަށް މިފަހަރުވެސް ކުރިއެއް ނުލިބުނެވެ.

މިހާރު އޭނާއަށް އެ ހުރެވުނީ ސިންގަޕޫރުގެ ވަރަށް ބައިބޯ މަގެއްގެ މެދުގައެވެ ގައިގައި ހުސް ލެޔެވެ. ނިތްކުރިމަތި ފަޅައިގެން ގޮސް އޭރުވެސް ލޭތައް އޮހެމުން ދެއެވެ. ކާރުގެ އެއްފަރާތުގައި އޮތް އޭނާގެ މަންމަގެ ހަށިގަނޑުގައި ބައްދާލައިގެން އިނދެ ބައްޕަ ރޮނީއެވެ. އޭނާ ހުރީ ހަދާނެ ގޮތް ނޭގިފައެވެ. މުޅި އެތަނުގައި ވަނީ ލޭގެ ކޯރެކެވެ.

އައިރީންގެ ނޭވާ އަވަސްވެގެން ދިޔައެވެ. ދެ ކަންފަތުގައި އަތް އަޅާލަމުން އޭނާ ނޫނެކޭ ބުނަމުންދިޔައެވެ. ހަޅޭއްލަވައިގަތް އައިރީންއަށް ހަމަހޭވެރިކަން ވެރިވިނަމަވެސް އެ ވަގުތު އޭނާ ހުރީ ކަމަކާ ވިސްނޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ނަފްސާނީ ގޮތުން އައިރީން ވަރަށް ބަލިކަށިވެއްޖެއެވެ.

ދެފަޔަށް ބާރުލާފައި ހިނގައިގަތް ނަމަވެސް އަނެއްކާވެސް މަޑުޖެހެވުނެވެ. ހިނގާނެހާ ހިތްވަރު ނެތީތީއެވެ. އެ ދުލުން ބޭރުވަމުން ދިޔައީ"ބައްޕަ" މި ލަފްޒެވެ. އެންމެ ހިނދުކޮޅެއްވެސް އެ ތުންފަތުން އެނަން ނުކިޔާ ނުދެއެވެ.

ލަމުންދިޔަ ނޭވާ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ފިޔަވަޅުތައް މި ފަހަރުވެސް އައިރީން ބާރުކޮށްލިއެވެ.

*****

އިޔާން މަގުގެ ދެފަރާތް ބަލާލިއެވެ. ޓްރެފިކްގައި ޖެހުމުން އޭނާ ކޮންމެވެސް ވަރަކަށް ހާސްވިއެވެ. އައިރީން އެގޮތަށް ދޫކޮށްލާފައި ގެއަށް ދިޔުން އެއީ އޭނާ އެއްއިރެއްގައިވެސް ރޭވިކަމެއް ނޫނެވެ. އޭނާ އުޅުނީ އައިރީން އެތަނުގައި ބަހައްޓާފައި އަނެއް މަގުން ވަށާލާފައި އައިސް އައިރީން ކާރަށް އަރުވާށެވެ. އެހެންނަމަވެސް އައިއިރު ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައި ބަޔަކު މީހުން ހައްޔަރު ކުރާށެވެ. އެހެންކަމުން ޓްރެފިކްގައި ޖެހުނީއެވެ. ގައިގަނޑަކަށް ދިހަ ވަރަކަށް މިނިޓް ފަހުން އިޔާންއަށް ކާރު ދުއްވާލެވޭ ވަރު ވެއްޖެއެވެ. އާއްމުކޮށް ދުއްވާ ވަރަށް ވުރެ ބާރަށް އޭނާ ސްޕީޑްވެސް ބެހެއްޓިއެވެ. އައިރީން ދޫކޮށްލި ހިސާބުން މިހާރު އައިރީންގެ ހިޔަނިވެސް ފެންނާކަށްނެތެވެ. އެހެންނަމަވެސް އޭރުވެސް އެތަނުގައި ފުލުހުންނާ ބައެއް އާއްމުން ހަރަކާތްތެރިވަމުން ދިޔައެވެ. އެތަން އޮތް ގޮތާ ވެއްޓިފައި އޮތް ސައިކަލާއި ކާރު ފެނުމުން އޭނާއަށް ވީ ގޮތް ނަގައިގަނެވުނެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމާއެކު އޭނާ ފައިބައިގެން ގޮސް އެކްސިޑެންޓްވީ ކާކުތޯ ޔަޤީން ކުރެވޭތޯ އުޅުނެވެ. ދެ ފިރިހެނުންކަން ޔަޤީން ވުމާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެނބުރިއައިސް ކާރަށް އެރިއިރުވެސް ބޯކޮށްވާރޭ ވެހެމުންދިޔައެވެ.

އޭނާ ފޯނު ނަގާ އައިރީންއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ފޯނު ރިންގްވީ ކާރު ތެރެއިންނެވެ. އިޔާންއަށް ނިތުގައި އަތް ޖައްސާލެވުނެވެ. ކާރު މަޑުމަޑުން ދުއްވަމުން ދިޔައީ އައިރީން ފެނޭތޯއެވެ. އޭނާ ދެބުރު އެ މަގު މަށާ ޖެހިނަމަވެސް އައިރީން ލޮލުގައި އަޅައެއް ނުގަތެވެ. އައި ހިޔާލާއެކު އޭނާ ފޯނު ނަގާ ޒަލަފްއަށް ގުޅާލިއެވެ.

ޒަލަފްއަށް އޮތީ ކުޑަކޮށް ނިދިފައެވެ. އޭނާ އުނދަގުލުން ދެލޯ ހުޅުވާލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯ އޭ ބުނެލިއެވެ.

"ޒެލް" އިޔާންގެ އަޑުގައި ވަނީ ހާސްކަމެވެ.

"ކީކޭ... ބްރޯ.. މިއޮއްފަދަ ގަޑީގަ؟" ޒަލަފް ގަޑި ބަލާލިއެވެ. ބާރަ ޖަހާ ބޮޑުވެއްޖެއެވެ.

"ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ" އިޔާން އެދުނެވެ.

"ކޮންކަމެއް؟"

"އަޅެ އައިރީން ކޮޓަރީގައި އުޅޭތޯ ޗެކް ކޮށްދީބަލަ... އަހަރެންގެ ކޮޓަރީގައި ނޫޅޭނަމަ އަޅެ އައިރީން ކުރިން އުޅުނު ކޮޓަރިވެސް ބަލައިދީބަލަ... " ޒަލަފް އެނދުން ތެދުވަމުން އިޔާން އެ ދައްކާ ވާހަކައަށް ސަމާލުވެލިއެވެ.

"ކިހިނެތްވީ އަނެއްކާ؟"

"ޒެލް... ޕްލީޒް... އެހަށް އަހަރެން މިބުނާ ކަންތައް ކޮށްދީބަލަ... ފަހުން ކިޔައިދޭނަން" އިޔާން ބުނެލިއެވެ. ފޯނު ބާއްވަމުން ޒަލަފް ތެދުވެ އާދައިގެ ޓީޝާޓެއް ގަޔަށް މަހާލަމުން ގޮސް އިޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.

ދޮރު ނުހުޅުވުމުން ޒަލަފް އަމިއްލައަށް ދޮރު ހުޅުވާލިއެވެ. އެއްވެސް މީހެއްގެ ހަބަރެއް ނުވެއެވެ. އައިރީންގެ ކޮޓަރިވެސް ޒަލަފް ބެލިއެވެ. ހަމަ އެފަދައެވެ.

ޒަލަފް އިޔާން އަށް ގުޅާލިއެވެ.

"ދޮންބެ ދައްތައެއް ނެތޭ... ބްރޯ... ކިހިނެތް ހަދައިގެން ތިއުޅެނީ؟" ޒަލަފް އިޔާން އާ ސުވާލުކޮށްލިއެވެ. ވީ ގޮތް އިޔާން ޒަލަފްއަށް ކިޔައދިނެވެ. އިތުރު ބައިގަޑިއިރުވެސް އައިރީން ގެއަށް އާދޭތޯ ޒަލަފް ބެލިއެވެ. އެންމެ ފަހުން އައިރީން ނައުމުން އޭނާވެސް އިޔާންއަށް ގުޅާފައި އައިރީން ހޯދަން ނުކުންނަނީ ކަމުގައި ބުންޏެވެ. ޒަލަފް ސައިކަލަށް އެރީ ވިއްސާރަ ކޯޓް ލައިގެންނެވެ. އެންމެ ފުރަތަމަ އޭނާ ދިޔައީ އިޔާން ހުރި ހިސާބަށެވެ. ޒަލަފް އައިސް ކާރުގެ އެއްފަރާތުގައި މަޑުކޮށްލުމާއެކު އިޔާން ލޯގަނޑު ތިރިކޮށްލިއެވެ.

"ދޮންބެ އެހެން ކަންތައް ކުރާކަށް ނުވާނެއްނު... އެއީ އަންހެން ކުއްޖެކޭ..." ޒަލަފް ހިންހަމަ ނުޖެހުނެވެ. އިޔާންގެ ހިތް ވަގުތުން ތެޅިގަތެވެ. އަނެއްކާ ބަޔަކު މީހުން އައިރީން ކިޑްނެޕް ކުރީ ހެއްޔެވެ؟ ހައްޔަރުކުރީ ހެއްޔެވެ؟ އަނެއްކާ ހައްޔަރުކޮށްފައި ރޭޕް ކޮށްލީހެއްޔެވެ؟ ދެން އޭނާ ހަދާނީވެސް ކިހިނެތްހެއްޔެވެ؟

އިޔާން އާއި ޒަލަފްއާއި ދެމީހުން ބަހާލައިގެން މާލޭގެ ހުރިހާ މަގެއްކަހަލަ ގޮތަކަށް ބެލިއެވެ. އެހިސާބުން އެކަނިވެސް އިޔާން ދިހަވަރަކަށް ބުރު ޖަހައިފިއެވެ. އެހެން އުޅެލާފައި ޒަލަފްވެސް ދޭތެރެއަކުން ގެއަށް ވަދެލާފައި އައިރީން ގެއަށް ދިޔަތޯ ބެލައެވެ. ދެއެއް ޖަހާ ބޮޑުވިފަހުން ވާރޭ ހުއްޓާލައިފިއެވެ. އޭރު ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މާލޭ މަގުމަތިން ދިރޭ ފުރާނައެއް ކީކުރަން ކާރެއް ނުވަތަ ސައިކަލެއްވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ.

ފަތިސް ވީއިރުވެސް އައިރީން ފެންނަ ގޮތެއް ނުވިއެވެ. އިޔާން ހަމަ ރަނގަޅަށްވެސް ހާސްވެ ކަންބޮޑުވެއްޖެއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އެވަގުތު އެހެން ނުހެދުނުނަމައެވެ. އައިރީން ނުފެނިއްޖެނަމަ އޭނާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ހަދާނީ ކިހިނެތްހެއްޔެވެ؟ އެކަމުގެ ޒިންމާ ނެގުމުގެ ހިތްވަރު އޭނާގެ ގައިގައި ހުންނާނޭހެއްޔެވެ؟.

(ނުނިމޭ....)

https://sun.mv/129267

comment ކޮމެންޓް